އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑް ޝާހިދަށް

މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމަށް ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ޝާހިދު ހޮވައިފި އެވެ.


ޓްރެކް ދަނޑުގައި ރޭ ބޭއްވި ކްރިކެޓް ހަވީރުގައި ވަނީ ކްރިކެޓުގެ ގައުމީ އިނާމުގެ އިތުރުން، ކްރިކެޓް ބޯޑަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި، އެ ކުޅިވަރަށް ހާއްސަ ހިދުމަތްތައް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފަ އެވެ.

ކްރިކެޓާ އޮފް ދަ އިޔާ ގެ މަގާމަށް ހޮވުނު ޝާހިދަކީ މިހާރު ރާއްޖޭގައި ކުޅޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. މީގެ ކުރިން ފުރަތަމަ ވަނަ ޑިވިޝަނުގައި ފުޓްބޯޅަ ވެސް ކުޅުނު ޝާހިދަކީ ރާއްޖޭން 2005، 2006 އަދި 2010 ވަނަ އަހަރު އޭސީސީ ކްރިކެޓް މުބާރާތްތައް ކާމިޔާބުކުރި އިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ ޒުވާން ކުޅުންތެރިންގެ ތެރެއިން މިހާރު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ރިޝްވާނެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު އުކުންތެރިޔަކަށް މުހައްމަދު މަހްފޫޒް ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިޔަކީ ޔޫސުފް އަޒްޔާން ފަރުހަތެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ބެޓްސްމަން ރިޝްވާން (ކ) އަށް މައްލާ އަހުމަދު ނާސިރު އިނާމް ދެއްވަނީ. --ފޮޓޯ: އިބްރާހިމް ފާއިދު

މިދިޔަ އަހަރުގެ އެންމެ ހިދުމަތްތެރި ކޯޗަކަށް ހޮވުނީ ސަންޖީވަ ކަސުން ޗަންދުރަކަންތާ އެވެ. އެންމެ ހަރަކާތްތެރި ސްކޫލަކަށް ތާޖުއްދީން ސްކޫލް ހޮވުނުއިރު އެންމެ ހަރަކާތްތެރި ކްލަބަކީ މާލޭ ސްޕޯޓްސް ކްލަބެވެ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް އެވޯޑް ލިބުނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ލިރުގާމް ސައީދު (ލަރޭ) އަށެވެ.

މިދިޔަ 20 އަހަރުގެ ތެރޭގައި ކްރިކެޓަށް ހާއްސަ ހިދުމަތްތަކެއް ކުރެއްވި ފަރާތްތަކަށް ދިން ހާއްސަ އިނާމް ކުރީގެ ރައީސް އަދި ރާއްޖޭގައި ކްރިކެޓް ދިރުވުމަށް ގިނަގުނަ މަސައްކަތްތަކެެއް ކުރެއްވި މައުމޫން އަބްދުލްގައްޔޫމަށް އަދި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނަށް ވަނީ ދެއްވައިފަ އެވެ. މީގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ކެނެރީ އަބްދުއްސައްތާރާއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަދި ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސެއިން އަފީފަށް ވެސް ވަނީ މި އިނާމް ދެއްވައިފަ އެވެ.

ފަންނީ ލަފާ ދިނުމުގެ ދާއިރާ އިން ކްރިކެޓުގެ އިނާމް ލިބިވަޑައިގެންނެވި އަހުމަދު ކަލީމް (ވ) އަށް ކްރިކެޓް ބޯޑުގެ ކުރީގެ ނައިބް ރައީސް ފައިސަލް އިނާމް ހަވާލުކުރައްވަނީ. --ފޮޓޯ: އިބްރާހިމް ފާއިދު

ރޭގެ ހަފުލާގައި ވަނީ 2010 ވަނަ އަހަރު ކްރިކެޓުން ރާއްޖެ އަށް ރަން މެޑަލް ގެނައި ޓީމަށް ކްރިކެޓް ބޯޑުގެ ރައީސްގެ ހަނދާނީ ފިލާ ދީފަ އެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ވެސް ތަފާތު ފަރާތްތަކަށް ވަނީ ފިލާ ދީފަ އެވެ. މާކެޓިން އެންޑް އިނޮވޭޝަންގެ ރޮނގުން މި ފިލާ ލިބުނީ ބޯޑުގެ ކުރީގެ ނައިބް ރައީސް މުހައްމަދު ފައިސަލަށެވެ. ފަންނީ ލަފާ ދިނުމުގެ ރޮނގުން ކުރީގެ ކުޅުންތެރިޔާ އަހުމަދު ކަލީމަށް ލިބުނުއިރު ހިންގުމުގެ ދާއިރާ އިން ލިބުނީ ރާއްޖޭގެ ކްރިކެޓް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާ އިމާދު އިސްމާއިލަށެވެ. މާކެޓިން އެންޑް ސްޕޮންސާޝިޕްގެ ދާއިރާ އިން އަހުމަދު އާމިރަށް ލިބުނުއިރު މުހައްމަދު މުފީދަށް ވަނީ ކްރިކެޓް ޕަބްލިކޭޝަންގެ ރޮނގުން މި އިނާމް ލިބިފަ އެވެ.

ވިކްޓަރީ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި މާލޭ ސްޕޯޓްސްގައި މިހާރު އިސްކޮށް އުޅުއްވާ ރިނބިދޫ އަހުމަދު ނާސިރަށް ވަނީ ކްލަބް ހިންގުމާއި މުބާރާތަށް ޓީމު ތައްޔާރުކުރުމުގެ ރޮނގުން މި އިނާމް ދީފަ އެވެ. މެޑިކަލް ދާއިރާ އިން ލިބުނީ މާދިހު އިސްމާއިލަށެވެ. ކުޅުންތެރިން އުފެއްދުމުގެ ރޮނގުން، މި އިނާމް ދިނީ ކްރިކެޓަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފާއިޒް ސަމަދަށެވެ. ކްރިކެޓުގެ އައު ޖީލެއް އުފެއްދުމުގެ ރޮނގުން އިނާމް ލިބުނީ ސްރީ ލަންކާގެ ކަހަކައްޗި ނެވޮމާލް ޑިސިލްވާ އަށެވެ.

ކްރިކެޓް ބޯޑުގެ ހަނދާނީ ފިލާ 2010 ވަނަ އަހަރު ރަން މެޑަލް ހޯދި ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ހަސަން އިބްރާހިމް (ވ) އަށް ކްރިކެޓް ބޯޑުގެ ކުރީގެ ރައީސް އަހައްމައިދީ ދެއްވަނީ. --ފޮޓޯ: އިބްރާހިމް ފާއިދު

ކްރިކެޓް ބޯޑުން ވަނީ މިދިޔަ އަހަރު ކްރިކެޓުގެ ހަރަކާތްތައް ސްޕޮންސާކުރެއްވީ ބީއެޗްއެމް ޓްރޭޑާސް އާއި ނެސްލޭ މައިލޯ އާއި އެސްޓީއޯ އާއި އޯލް ސްޕޯޓްސް އަދި މޯލްޑިވްސް އެރޭޓޭޑް ވޯޓާ ކޮމްޕެނީ ލިމިޓެޑަށް ޕާޓްނާޝިޕް އެވޯޑް ދީފަ އެވެ.

ރޭގެ ހަފުލާ އަކީ، 1995 ވަނަ އަހަރުން ފެށިގެން ކްރިކެޓް ބޯޑަށް ހިދުމަތްކުރެއްވި ރެޑިއަމް އަހުމަދު ހަސަން ދީދީ (އަހަމައްދައިދީ) އެ ބޯޑާ އެކު ކުރެއްވި އެންމެ ފަހު މަސައްކަތެވެ. މިދިޔަ ދެ ދައުރުގައި، ބޯޑުގެ ރައީސްކަން ކުރެއްވި އަހަމައްދައިދީ މި ފަހަރުގެ އިންތިހާބަށް ކުރިމަތި ނުލައްވަ އެވެ. އިންތިހާބު ކާމިޔާބުކުރެއްވީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އަފްލާހް (އަފޫ) އެވެ.