ރިލޭ އޮމާން ޓީމަށް ދޫކުރެވޭނީ ޓްރާންސްފާ ފީ ދެއްކުމުން: ނިއު

އޮމާނުގެ ސުރް ކްލަބުގެ ޓްރަޔަލެއްގައި މިވަގުތު ހުރި ނިއު ރޭޑިއަންޓުގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އެ ކްލަބަށް ދޫކުރެވޭނީ ޓްރާންސްފާ ފީއެއް ދެއްކުމުން ކަމަށް ނިއު އިން ބުނެފި އެވެ.


އެކަމަކު ރިލޭގެ ކޮންޓްރެކްޓުގައި ބާކީ އޮތީ ފަސް މަސް ކަމަށްވާތީ ބޮޑު ޓްރާންސްފާ ފީ އެއް ދައްކަން ސުރް ކްލަބުން ދެކޮޅު ކަމަށްވެ އެވެ. އެނގިފައިވާ ގޮތުގައި ނިއު އިން ޑިމާންޑްކުރަނީ 10،000 ޑޮލަރު (154،200ރ.) އަށެވެ.

ނިއު އާއި ގައުމީ ޓީމުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް މިހާރު ކޯޗުކޮށްދޭ ސުރް ކްލަބުން ރިލޭ ޓްރަޔަލުން ފާސްވެފައިވާތީ އޭނާ ދޫކޮށްދޭން ނިއު އަށް ސިޓީ ފޮނުވީ އަންގާރަ ދުވަހު އެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ނިއުގައި ޑިފެންޑަރުން މަދުވެފައި މި ސީޒަނުގައި އިތުރު ކުޅުންތެރިއެއް ގެނެވެން ނެތުމުން ކްލަބުގެ ބޯޑުން ނިންމީ ޓްރާންސްފާ ފީއެއް ނަގައިގެން ރިލޭ ދޫކުރަން ކަމަށެވެ.

"އަޅުގަނޑުމެން ބޯޑުން ނިންމި ނިންމުމެއް މިއީ،" ޓެޑް ވިދާޅުވި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސުރް ކްލަބުގެ ޓްރަޔަލަކަށް ރިލޭ ދިޔައީ ނިއުގެ ހުއްދަ ލިބިގެންނެވެ. އޭނާ ވަނީ އެ ކްލަބާ އެކު ތަމްރީން ހަދައި އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފަ އެވެ.

ނިއު އިން އަލީ އަޝްފާގް (ދަގަނޑޭ) 2007 ވަނަ އަހަރު ބުރުނާއީގެ ޑީޕީއެމްއެމް އަށް ދޫކުރަން ޓްރާންސްފާ ފީ އަކަށް ޑިމާންޑްކުރި އެވެ. އެކަމާ އޭރު ބައެއް ސަޕޯޓަރުން ނުރުހުން ފާޅުކުރި އެވެ. ސަބަބަކީ ދިވެހި ކުޅުންތެރިންނަށް ބޭރުން ފުރުސަތު ލިބުން މަދު ކަމަށްވެފައި، ޓްރާންސްފާ ފީއެއްގެ ސަބަބުން އެ ފުރުސަތު ގެއްލިދާނެ އެވެ.

ކޮންޓްރެކްޓުގައި ހުރި ކުޅުންތެރިން އެހެން ކްލަބަކަށް ވިއްކަނީ ޓްރާންސްފާ ފީ އެއް ނަގައިގެން ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ކުރު މުއްދަތުގެ ކޮންޓްރެކްޓް ހަދާތީ އަބަދުވެސް އަހަރުން އަހަރަށް ހިލޭ ޓްރާންސްފާގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޮވެ އެވެ.

ރިލޭ ގެންދަން ޕޮޕޯފް މަސައްކަތްކުރާއިރު އެ ކްލަބަށް އޭނާ 2014 ގައި ކޯޗުކޮށްދިން އިރު ނިއުގެ އަކްރަމް އަބްދުލްގަނީ އާއި އަލީ ފާސިރު (ސެންޓޭ) ގެންދިޔަ އެވެ. އެކަމަކު މާލީ މައްސަލަތަކެއް ދިމާވެ އެ ދެ ކުޅުންތެރިންނަށް ކޮންޓްރެކްޓެއް ދެވޭ ގޮތެއް ނުވި އެވެ. އޭރު ޕޮޕޯފް އެ ކްލަބާ ހަވާލުވީ ނިއުގައި ހުއްޓާ ބޮޑު އޮފާއެއް ލިބުމުން ސީޒަން ނުހިމެނީހެވެ.

ރިލޭ އަކީ ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ފުލްބެކެވެ. އޭނާ ވަނީ ޕޮޕޯފުގެ ކޯޗުކަމުގެ ދަށުން ނިއު އިން 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އަދި އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު މޮޅަށް ކުޅުފަ އެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް 2012 ވަނަ އަހަރުގެ މަހިންދަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކޮށްދިން ކެޕްޓަން ގައުމީ ޓީމުން ކުރިން ގަވާއިދުން ޖާގަ ހޯދި ނަމަވެސް، ފަހަކަށް އައިސް މޮޅަށް ކުޅުނަސް ފުރުސަތެއް ނުލިބެ އެވެ.