އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލީ ސާޖިނާ

އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކުޅިވަރު ހަރަކާތް ކަމަށްވާ އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެތުންތެރިޔާ ސާޖިނާ ދިވެހި ދިދަ އުފުލާލައިފި އެވެ.


އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަންގައި މިހާރު ކުރިޔަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރަނީ އެތުލެޓިކްސް، ބެޑްމިންޓަން، ފުޓްބޯޅަ (އަންހެން އިވެންޓް)، ފެތުން، ޓެނިސް، ޓޭބަލް ޓެނިސް، ވޮލީބޯޅަ (ފިރިހެން އިންޑޯ، ބީޗް) އަދި ޝޫޓިން އެވެ.

ރޭ ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ސާޖިނާ ދިދަ އުފުލާލިިއިރު، އޭނާ ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލް ކޮށްފަ އެވެ. ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ސާޖިނާ ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުގައި ދެ ރިހި މެޑެއްޔާއި ލޯ މެޑަލެއް ހޯދައިފަ އެވެ. ދާދި ފަހުން ނިމުނު އޯޕަން ވޯޓާ ސްވިމިންގައި ގައުމީ އަންހެން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި އޭނާ އަކީ "މިހާރު އެވޯޑްސް" ގެ ތިން ވަނަ އަށް އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ އެވެ.

މި ފަހަރުގެ ގޭމްސްގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކީ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދެވެ. އޭނާ ވިދާޅުވީ ރާއްޖޭން ބައިވެރިވާ 77 އެތުލީޓުންގެ ތެރެއިން 34 ބައިވެރިންނަކީ އަންހެނުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެ ކޮމިޓީގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެކަން ހާސިލްވުމަކީ ކާމިޔާބެއް ކަމަށެވެ.

އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޑެލިގޭޝަން. -- ފޮޓޯ: އޭއެފްޕީ

އޭޝިއަން ގޭމްްސްގައި މި ފަހަރު ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން އިންޑޮނީޝިއާ އަތުން 6-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި މިއަދު ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ގޭމްސްގައި މިއަދު ފެތުމުގެ އިވެންޓްތައް ކުރިއަށްދާނެ އެވެ.

މިދިޔަ އަށެއްކަ އަހަރު އޮލިމްޕިކް ކޮމިޓީން ބޭރުގެ މުބާރާތްތަކަށް ދިވެހި އެތުލީޓުން ފޮނުވީ ވަރަށް ބޮޑަށް ތައްޔާރުވެ އަމާޒުތަކެއް ކަނޑައަޅައިގެންނެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް ސީވީޑް އަހުމަދު ލަތީފް ވިދާޅުވީ އޭޝިއަން ގޭމްސް އަކީ ރާއްޖޭން ބައިވެރިވާ ގޭމްސްތަކާ ބަލާއިރު މާބޮޑަށް ވެސް ފެންވަރު ރަނގަޅު މުބާރާތެއް ކަމަށާއި މެޑަލްތަކަށް އުއްމީދުނުކުރާ ކަމަށެވެ.

އެކަމަކު އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ރާއްޖޭން ބޮޑެތި ކާމިޔާބީތަކެއް ހޯދަން އަމާޒު ކަނޑައަޅާއިރު އޭޝިއަން ގޭމްސްގެ ތެރެއިން އެތުލީޓުންނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށާއި މިއީ އެ މުބާރާތްތަކަށް ތައްޔާރުވަން ލިބޭ ރަނގަޅު ފުުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.