ނިއު ދޫކޮށް ކޯޗު އޮސްކާ ބަންގްލަދޭޝް ކްލަބަކާ ގުޅިއްޖެ

ނިއު ރޭޑިއަންޓަށް މި ދެ ސީޒަނުގައި އެތައް ކާމިޔާބީތަކެއް ހޯދައިދީފައިވާ ސްޕެއިން ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބް ދޫކޮށް ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރާ ބަސަންދުރާ ކިންގް އަށް ބަދަލުވެއްޖެ އެވެ.


ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ އޮސްކާ ދޫކޮށްލީ އޭނާ އަށް ރަނގަޅު އޮފާއެއް ލިބުމުން، ދެ ފަރާތުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"އޭނާ އަށް ވަރަށް ގިނަ އޮފާތަކެއް އާދޭ. މި ފަހަރު ރަނގަޅު އޮފާއެއް ލިބުނީމާ ދެ ފަރާތުން މަޝްވަރާކުރުމަށް ފަހު ދޫކޮށްލަން ނިންމީ،" ޓެޑް ވިދާޅުވި އެވެ. "އާ ކޯޗަކާ މެދު ވިސްނަމުން މި އަންނަނީ."

ބަންގްލަދޭޝްގެ ޑެއިލީ ސަންގެ ރިޕޯޓެއްގައިވާ ގޮތުން ބަންގްލަދޭޝްގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ކުންފުނި ބަސަންދުރަ ގްރޫޕުން ހިންގާ ބަސަންދުރަ ކިންގުން ވަނީ އަންނަ ނޮވެމްބަރު މަހު ފަށާ ބަންގްލަދޭޝް ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އަދި އޮސްކާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އެ ޓީމުން ގަބޫލުކުރެ އެވެ.

މިދިޔަ އަހަރު ޖޫން މަހު ނިއުއާ ހަވާލުވެ އޮސްކާ ވަނީ އޭނާގެ ސްޓައިލަށް ޓީމު ހާނުވާ ރަނގަޅު ފުޓްބޯޅައެއް ކުޅެގެން އެ ޓީމަށް ސީޒަނުގެ ފަހު ތިން މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އަދި މި ސީޒަނުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަނަކީ ވެސް އޮސްކާގެ ކޯޗުކަމުގައި ކުޅުނު ނިއު އެވެ. އެކަމަކު މި ސީޒަނަށް ނިއު އިން ކަނޑައެޅި އެންމެ ބޮޑު ޓާގެޓަކީ އޭއެފްސީ ކަޕުގައި ރަނގަޅު ހިސާބަކަށް ދިއުމެވެ. އެކަމަކު އެކަން ހާސިލްނުވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ރަށުންބޭރުގައި އިންޑިއާގެ އައިޒޯލް އަތުން ބަލިވުމުންނެވެ.

ގައުމީ ފުޓްބޯޅަ ޓީމު ސާފް ސުޒުކީ ކަޕުގައި ވާދަކުރާތީ ރާއްޖޭގެ ލީގު ވަނީ ދެ މަސް ދުވަހަށް މެދުކަނޑާލައިފަ އެވެ. އަލުން ދެން މެޗުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހު 26 ވަނަ ދުވަހު އެވެ.

އުމުރުން 40 އަހަރުގެ އޮސްކާ ކޯޗިން ކެރިއަރު ފެށީ ސްޕެނިޝް ލީގުގެ ސެލްޓާ ޑި ވީގޯގެ ޔޫތު ޓީމު ކޯޗުގެ ގޮތުގަ އެވެ. އެގޮތުން އެ ޓީމުގައި 2009 އިން 2011 އަށް މަސައްކަތްކުރުމަށް ފަހު 2011 އިން 2013 އަށް މަސައްކަތްކުރީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ.

އޭނާ ސީނިއާ ކޯޗިން ކެރިއަރު ފަށާފައިވަނީ 2013 ވަނަ އިންޑިއާ އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާ އަށް ކޯޗުގެ ގޮތުގަ އެވެ. އެ ޓީމަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު 2015 ގައި އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީގެ އެފްސީގެ ކޯޗު ފްރާންސުގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އެވެ. އޭނާ ވަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.

ނިއު އަށް 2013 ވަނަ އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ވެސް އޮމާން ކްލަބަކުން ރަނގަޅު އޮފާއެއް ލިބުމުން ސީޒަނުގެ ފަހުކޮޅު ކްލަބް ދޫކޮށްލި އެވެ. އޭގެ ފަހުން އެ ކްލަބުގައި ކޯޗަކު ހަރުނުލާ ދުވަސްތަކެއް ދިއުމަށް ފަހު، ހަމަޔަކަށް އެޅުނީ އޮސްކާ ހަވާލުވި ހިސާބުންނެވެ.