އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް 15 މެޑަލްގެ އަމާޒެއް!

މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އަށް ރާއްޖެ އަށް އެންމެ ރަނގަޅަށް ތައްޔާރުވެވުނު ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަމަކު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 15 މެޑަލް ހޯދަން އަމާޒު ހިފައި، އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ފަށައިފި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.


އިންޑޮނީޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ބައެއް ޓީމުތަކުންނާއި އެތުލީޓުން ވަނީ ނިސްބަތްތުން ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ. އޭޝިއަން ގޭމްސް އަކީ ރާއްޖޭން އެއްވެސް އިރެއްގައި މެޑަލްތަކަށް އުއްމީދު ކުރާ ގޭމްސް އެއް ނޫނެވެ. މީގެ ބޭނުން ހިފަނީ އޭޝިއާގެ މަތީ ފަންތީގެ އެތުލީޓުންނާ ވާދަކޮށް ތަޖުރިބާ އާއި ތަމްރީން ހޯދާށެވެ. މަރުޒޫގު ވިދާޅުވީ 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްއާ ބަލާއިރު މި ފަހަރު ރާއްޖެ އަށް ޖުމްލަކޮށް ތައްޔާރުވެވުނު މިންވަރު ކުޑަ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅެއް. މާނައަކީ ވަރަށް ބައިވަރު މަސައްކަތްކުރަން ޖެހެޔޭ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް. އަޅުގަނޑުމެންގެ ޓާގެޓަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 15 މެޑަލް ހޯދުން. މިހާރު ވެސް އެކަމަށް ޕްލޭންތައް ހަދައިގެން މަސައްކަތް ފަށައިފިން،" މަރުޒޫގު ވިދާޅުވި އެވެ.

އޭޝިއަން ގޭމްސް އަށް ތައްޔާރުނުވެވުނީ ކީއްވެތޯ އެހުމުން މަރުޒޫގު ވިދާޅުވީ އެކަން ޖެހޭނީ ބަލައި ދިރާސާކުރަން ކަމަށެވެ. އެކަމަކު ރާއްޖޭގެ ވަކިވަކި އެތުލީޓުންނާއި ބައެއް ޓީމުތަކުގެ ޕާފޯމަންސާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަކިން ފާހަގަކޮށްލަން ބޭނުންވޭ ބެޑްމިންޓަން ޓީމުގެ ނަން އަދި ސްވިމިން އިން މުބާލް. ގޭމްސް އަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން، އަމާޒެއް އޮވެގެން ތައްޔާރުވިކަން އެބަ އެނގޭ،" މަރުޒޫގު ވިދާޅުވި އެވެ.

އޭޝިއަން ގޭމްސް އަށް ފުރި ރާއްޖޭގެ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން. -- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

އޭނާ ވިދާޅުވީ ހުރިހާ ކުޅިވަރުތަކުން އެއް ޕްލޭނެއްގެ ދަށުން މަސައްކަތްކޮށްފި ނަމަ 15 މެޑަލް ހޯދޭނެ މަންޒަރު ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. އިންޑިވިޖުއަލް ކުޅިވަރުތަކަކީ މެޑަލް ހޯދުމަށް އޮލިމްޕިކް ކޮމިޓީން ވަރަށް ބޮޑަށް ބަރޯސާވާ ކުޅިވަރުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ބެޑްމިންޓަނާއި ސްވިމިން އަދި ބީޗް ވޮލީބޯޅަ ހިމެނެ އެވެ. އަދި މުޅިން އަލަށް ވާދަކުރަ ކައިޓް ސާފިންގެ އިތުރުން ސެއިލިން އާއި އަންހެނުންގެ ޓެނިހަކީ ވެސް ރަނގަޅަށް ތައްޔާރުކުރެވިއްޖެ ނަމަ މެޑަލް ހޯދިދާނެ ކުޅިވަރުތަކެއް ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

"އިންޑިވިޖުއަލް ކުޅިވަރުތައް އަބަދުވެސް ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ޕްލޭނުގެ ތެރެއިން މަސައްކަތްކުރަނީ. ޓީމް ކުޅިވަރުތަކުގެ ސަޕޯޓް އަބަދުވެސް ކުޑަ އެކަމަކު އަޅުގަނޑުމެން ޓީމު ކުޅިވަރުތަކުގެ ތެރެއިން ފުޓްބޯޅަ އާއި ވޮލީބޯޅައާ އެކު ވަރަށް އަވަހަށް އިށީންނާނަން މަޝްވަރާކުރަން. އަޅުގަނޑުމެންގެ ޕްލޭނުގެ ތެރެއަށް އެ ބޭފުޅުން ވަދެއްޖެއްޔާ ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ އަމާޒަށް ވާސިލްވުމަށް،" މަރުޒޫގު ވިދާޅުވި އެވެ. "ބާސްކެޓްބޯޅަ އަށް ބަލާއިރު އެ ސަރަހައްދުގެ ގޮތުން ވާދަނުކުރެވޭނެ. އެކަމަކު އެ ކުޅިވަރަށް ވެސް އަޅުގަނޑުމެން ވަކި އަމާޒުތަކެއް ދޭނަން ހާސިލްކުރަން."

އޭނާ ވިދާޅުވީ މެޑަލަށް އަމާޒުކުރާ އެތުލީޓުން އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ލަސްވެގެން ރާއްޖޭން ބޭރަށް ތަމްރީނަށް ފުރުލާނޭ ކަމަށާއި ދެން ތިބި އެތުލީޓުންނަށް ޖެނުއަރީ މަހު ފޮނުވާލެވޭނެ ކަމަށެވެ.

2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގެ ރޭހުގެ ހީޓް ނިންމުމަށް ފަހު ސާއިދު އުފާފާޅުކުރަނީ: އޭނާ ރަން މެޑެއްޔެއް ހޯދައިދިން. --ފޮޓޯ: އެމްއޯސީ/ އިމޭޖަސް އެމްވީ

މިހާރު އޮތް ޕްލޭނުގެ ދަށުން އެތުލެޓިކްސްގެ ސްޕްރިންޓަރު ހަސަން ސާއިދު ޖެމެއިކާ އަށް އަދި ބައެއް އެހެން ދުވުންތެރިން ނޭޕާލަށް ފޮނުވަން ވަނީ ރާވައިފަ އެވެ. ސްވިމިން މުބާލް މިހާރު ވެސް އޮސްޓްރޭލިއާގައި ތަމްރީން ހަދަމުން އަންނައިއިރު ބާކީ އެތުލީޓުން ތައިލެންޑަށް ދާނެ އެވެ. ބެޑްމިންޓަން ޓީމުން މާލޭގައި ހައި ޕާފޯމަންސް ތަމްރީން ހަދަން ބޭނުންވާތީ އެ ޓީމަށް ބޭރު ކޯޗެއް ހަމަޖައްސައިދޭން ވަނީ ނިންމައިފަ އެވެ. ބެޑްމިންޓަނުގެ މުހިއްމު ކުޅުންތެރިޔާ ޒަޔާން ޒަކީ އަންނަނީ އަމިއްލަ ގޮތުން މެލޭޝިއާގައި ހައި ޕާފޯމަންސް ތަމްރީން ހަދަމުންނެވެ. މީގެ އިތުރުން ޓޭބަލް ޓެނިހަށް ވެސް ރަނގަޅު ތަމްރީން ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ނުވަ މެޑަލަށް ޓާގެޓްކޮށް އަށް މެޑަލް ހޯދި އެވެ. އަދި އެ ފަހަރު ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ތާރީހުން ޖާގަ ހޯދައިފަ އެވެ.

އަންނަ އަހަރުގެ ގޭމްސް އޮންނާނީ ޖުލައި/ އޮގަސްޓް މަހު މޮރިޝަސްގަ އެވެ. ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި މޮރިޝަސްގެ އިތުރުން ސީޝެލްސް، ރިޔޫނިއަން، މެޔޯޓް، މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ. އޭގެ ކުރިން މާޗު 9-18 އަށް ނޭޕާލުގައި ސައުތު އޭޝިއަން ގޭމްސް އޮންނާނެ އެވެ. އެހެންވެ ދެ ގޭމްސް އަށް ތައްޔާރީތައް ގެންދިއުމަށް ނިސްބަތުން އޮތީ ފަސޭހަ މަގެކެވެ.