އޮސްކާގެ ޓީމުން ޑާކާގައި މެޗެއް ކުޅެން ނިއު އަށް ދައުވަތު ދީފި

ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން މިހާރު ކޯޗުކޮށްދޭ ބަންގްލަދޭޝްގެ ބަސަންދުރާ ކިންގުން އެ ގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅެން އައުމަށް ނިއު އަށް ދައުވަތު ދީފި އެވެ.


އެނގިފައިވާ ގޮތުގައި ނިއު އިން ވަނީ މި މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުޅޭ މި މެޗުގެ ދައުވަތު ގަބޫލުކޮށްފަ އެވެ. އެކަމަކު އަދި ކްލަބުގެ ރަސްމީ ބަހެއް ނުލިބެ އެވެ.

ބަންގްލަދޭޝްގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ކުންފުނި ބަސަންދުރަ ގްރޫޕުން ހިންގާ ބަސަންދުރަ ކިންގުން މި މެޗު ކުޅެނީ ނޮވެމްބަރު މަހު ފަށާ ބަންގްލަދޭޝް ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުންނެވެ. އަދި މި މެޗުގައި ނިއުއާ ވާދަކުރަން ލަފާ ދިނީ އޮސްކާ ކަމަށާއި އެއީ ސަރަހައްދުގެ ވަރުގަދަ ޓީމަކާ އެކު ކުޅެ ބަސަންދުރަގެ ފެންވަރު ވަޒަންކޮށްލުން ކަން ވެސް އެނގިފައިވެ އެވެ.

އޮސްކާގެ ކޯޗުކަމުގެ ދަށުން ނިއު އިން ވަނީ މި އަހަރުގެ އޭއެފްސީ ކަޕުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން މާލޭގައި މޮޅުވެ އަދި ރަށުން ބޭރުގައި ވެސް ވަރުގަދަ ފައިޓެއް ދީފަ އެވެ. ދެ ވަނަ ބުރަށް ނުގޮސް ނިއު ކެޓީ ފަހު މެޗުން އިންޑިއާގެ އައިޒޯލް އަތުން ބަލިވުމުންނެވެ.

މިދިޔަ އަހަރުގެ މެދުތެރެއިން ނިއުއާ ހަވާލުވެ އެ ޓީމަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްދިން އޮސްކާ ނިއު ދޫކޮށްލީ، އެ ޓީމުން ބުނި ގޮތުގައި ބަންގްލަދޭޝް ޓީމުން ރަނގަޅު އޮފާއެއް ދިނުމުންނެވެ.

މި މެޗުގެ ދައުވަތު ގަބޫލުކުރިއިރު އަދި ނިއު އިން އޮސްކާގެ ބަދަލުގައި ކޯޗަކު ހަމަނުޖައްސަ އެވެ. އެނގިފައިވާ ގޮތުގައި ކްލަބުން މަސައްކަތްކުރަނީ އާ ކޯޗާ އެކު ބުރާސްފަތި ދުވަހު ޕްރެކްޓިސް ފެށުމަށެވެ. މި ވަގުތު ޕްރެކްޓިސް މެދުކަނޑާލާފައި އޮތީ ސާފް ސުޒުކީ ކަޕުގައި ވާދަކުރާ ގައުމީ ޓީމަށް ވަގުތުދޭން ސީޒަން ވެސް މެދުކަނޑާލާފައިވާތީ އެވެ.