ތައުރީފް ކުރަންވީ ކުޅުންތެރިންނަށް: ގައުމީ ކޯޗު

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި މިއަދު ނޭޕާލް އަތުން 3-0 އިން މޮޅުވެ، ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފައިނަލުގެ ފުރުސަތު ރާއްޖޭން ހޯދުމުން އޭނާ ކްރެޑިޓް ނުނަގާނެ ކަމަށާއި ތައުރީފް ކުރަންވީ ކުޅުންތެރިންނަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.


މި މުބާރާތުގައި ރާއްޖެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ސްރީލަންކާ އާއި އިންޑިއާއާ ވާދަކޮށް ލަނޑެއް ޖެހިފައިނުވެ އެވެ. އެއް ޕޮއިންޓް ލިބުނުއިރު، ސެމީ ފައިނަލުގެ ޖާގަ ލިބުނީ ހުރިހާ ގޮތަކުން ސްރީލަންކާއާ އެއްވަރުވެގެން ނެގި ގުރުއަތުންނެވެ.

އެއާ އެކު ގިނަ ފާޑުކިޔުންތަކެއް ޓީމަށް އަމާޒުވި އެވެ. އަދި ސެމީ ފައިނަލްގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށް ވެސް ވާހަކަ ދައްކައިފަ އެވެ. މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ އޭނާ އެ ހުރިހާ ކަމެއް ކުރުމުގެ ފަހަތުގައި އޮތީ ކުޅުންތެރިން ހިމާޔަތް ކުރުން ކަމަށެވެ.

"އަހަރެން މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ތަފާތު ވާހަކަ ތަކެއް ދެއްކިން. އެ ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ އެންމެ ކަމެއް. އެއީ އަހަރެން ބޭނުމެއް ނޫން މި ޓީމުގައި ތިބި ކުޅުންތެރިންނަށް އެ ފަދަ ޕްރެޝަރެއް އަންނަން. އަހަންނަށް ފާޑުކިޔަންވީ. އެހެންވެ އަހަރެން ކުރިމަތިލީ. އަހަރެން ބޭނުންވި މި ކުޅުންތެރިންނަށް ހިމާޔަތްދޭން،" ސެގާޓް އޭނާ ކުރިން ދެއްކި ވާހަކަތައް ދިފާއުކޮށްފައި ބުންޏެވެ.

މިއީ މިދިޔަ ނުވަ އަހަރު ތެރޭގައި ރާއްޖޭން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. ސެގާޓް ބުނީ މިއީ މި ކާމިޔާބީ އެންމެ ހާއްސަވާ ސަބަބު ކަމަށެވެ.

"މި ޓީމުގައި ކުރިން ތިބި ތަރިން އަޝްފާގު، އަޑޭ، އިމްރާން މިއީ މި ޓީމުގެ ވަރަށް މުހިއްމު ކުޅުންތެރިން. އެކަމަކު އެއީ މާޒީ. އެ މީހުންނަށް އިހުތިރާމްދެން. އެކަމަކު އެ މީހުން ވެސް މިހާރު އުމުރުން ދޮށި. އަހަރެން މި ކުޅުންތެރިން ކައިރީގައި ބުނިން މިދިޔަ ނުވަ އަހަރު ތެރޭ ހިނގި ކަންތައް ހަނދާން ނައްތާލާފައި ތި ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދައްކާވަރުގެ ކާމިޔާބެއް ހޯދާށޭ. އެކަން ކުރަން އަހަރެމެން ފައިނަލަށްދާނީ،" ކުރިން އަފްގާނިސްތާނާ އެކު 2015 ވަނަ އަހަރުގެ ފައިނަލަށް ނުކުތް ސެގާޓް ބުންޏެވެ.

ނޭޕާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

މިއަދުގެ މެޗުގައި ގަދަ ވިއްސާރައާ އެކު ވިދާ ގުގުރާތީ ފުރަތަމަ ހާފުގެ މެދުތެރެއިން މެޗު 30 މިނިޓަށް މެދުކަނޑާލި އެވެ. ސެގާޓް ބުނީ އެ މެދުކެނޑުމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"މެޗު މެދުކަނޑާލާފައި އަލުން ފެށުމުން އަހަރެމެންނަށް ވަރަށް އުނދަގޫތަކެއް ކުރިމަތިވި. އެ އަށް ފަހު އަހަރެމެންނަށް ވުރެން ރަނގަޅަށް ނޭޕާލް ކުޅުނު. އެކަމަކު އަހަރެމެން ހިފެެހެއްޓިން. ނަސީބެއް ވަރަށް އަވަހަށް ފުރަތަމަ ހާފު ނިމުުނުކަން. އަހަރެމެންނަށް އެ ހިސާބުން ހަމަޖެހިލެވުނު،" ސެގާޓް ބުންޏެވެ.

މެޗުގައި އެއް ލަނޑުން ކުރީގައި އޮއްވައި ވެސް ފަހުން ބަދަލުތައް ގެނައިރު އެންމެ އިސްކަންދިނީ އެޓޭކަށް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

"އަހަރެން ދުވަހަކު ވެސް 1-0 އަށް ނުކުޅެން. މުޅިން ވެސް ބޭނުންވަނީ ދެ ވަނަ ލަނޑެއް ޖަަހަން. އެހެންވެ މި މެޗުގައި ވެސް އަހަރެން އެ ބަދަލުތައް ކުރީ. ފަހަރެއްގައި މި މުބާރާތުގައި ވި ކަންތައްތަކުން ހަނދާނުގައި ނުހުރެފާނެ. އަހަރެން ރާއްޖެ އަށް އެންމެ ފުރަތަމަ ކޯޗުކޮށްދިން ތިން މެޗުގައި 13 ލަނޑު ޖެހި. މީޑިއާ އިން އަހަރެމެން ލަނޑު ނުޖަހާތީ ފާޑުކިޔަންޖެހޭ ސަބަބަކީ އެއީ،" އޭނާ ބުންޏެވެ.

މި މެޗުގައި މުހައްމަދު އާރިފް (ބަކާ) ބޭނުންނުކުރީ ސަބަބުތަކެއް އޮވެގެން ކަމަށް ކޯޗު ބުންޏެވެ. އެއީ ފައިނަލަށްދާނެ ކަމުގެ އުއްމީދެއް އޮތުމާ އެކު، އޭނާ އަށް ރީނދޫ ކާޑެއް ވެސް ދައްކާފައިވާތީ ސަސްޕެންޝަނުން ސަލާމަތްކުރަން ކަމަށް ބުންޏެވެ.

ރާއްޖެ އެންމެ ފަހުން ފައިނަލުގައި 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެންނެވެ. ރާއްޖޭން ވަނީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. ބަންގްލަދޭޝް އަކީ ރާއްޖޭގެ ނަސީބާ ގުޅިފައި އޮތް ގައުމެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސެގާޓް ޖަވާބުގައި ބުނީ އޭގެ ވެސް ސަބަބެއް އޮތުން އެކަށީގެންވާ ކަމަށެވެ.

"އަހަންނަށް ނޭނގެ ތިއަށް ބުނާނެ އެއްޗެއް. ޔަގީނުންވެސް އަހަރެެމެން ނަސީބު ރަނގަޅު،" ސެގާޓް ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހުގެރޭ 6 ޖަހާއިރު ފައިނަލުގައި ރާއްޖެ ނުކުންނާނީ މިރޭ ދެ ވަނަ ސެމީގައި އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.