މި ޓީމު ގައުމު ފަހުރުވެރިކޮށްދޭނެ: ބައްސާމް

ސާފް ސުުޒުކީ ކަޕްގެ ފައިނަލުގައި މިއަދު އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި ގައުމު ފަހުރުވެރިވާވަރުގެ ކުޅުމެއް ދައްކާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


ބަންގްލަދޭޝްގައި ހުރެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ މި މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމުން ވަރަށް ދުރާލާ ތައްޔާރުވި ކަމަށާއި އެއް މަސް ދުވަހު ގަތަރުގައި ބޭއްވި ޓްރެއިނިންތައް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެންނަށް ޕްރެކްޓިސް މެޗުތައް ގިނަ ކޮށްލިނަމަ ތަންކޮޅެއް މި އަށް ވުރެން ނަތީޖާ ރަނގަޅުވާނެ. ފުރަތަމަ ދެ މެޗު ތަންކޮޅެއް ރަނގަޅު ގޮތެއްގައި ކުރިއަށް ދިޔައީސް ކަންނޭނގެ (އެހެންވި ނަމަ). އެހެން ނަމަވެސް އެއީ މާޒީ. އަޅުގަނޑުމެން މިހާރު މި އޮތީ ދަތި އުނދަގޫ ހާލަތެއްގެ ތެރެއިން ފައިނަލަށް ދަތުރުކުރެވިފައި. އެހެންވީމަ މިއީ ހަމަ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މަސައްކަތް،" ބައްސާމް ވިދާޅުވި އެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ އަށް މެޗަކުން މޮޅެއް ނުލިބުނުއިރު، ނިންމާލީ ގޯލެއް ވެސް ނުޖެހި އެވެ. ސްރީލަންކާއާ 0-0 އިން އެއްވަރުވިއިރު، އިންޑިއާ އަތުން 2-0 އިން ބަލިވީ އެވެ. ސެމީން ފުރުސަތު ލިބުނީ ގުރުއަތުލައިގެންނެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވީ ސެމީގައި މޮޅު ކުޅުމެއް ދައްކައި ނޭޕާލްގެ މައްޗަށް 3-0 އިން ކުރި ހޯދި ހިސާބުންނެވެ.

ގްރޫޕް ސްޓޭޖުގެ ނަތީޖާތައް ދަށްވެގެން ދިއުމުން ގައުމީ ޓީމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ބައްސާމް ވިދާޅުވީ އެ ފާޑުކިޔުންތައް ރަނގަޅު ކަމަށާއި އެކަމަކު މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުވުމަކީ ރަނގަޅު ކަންބޮޑުވުމޭ އަޅުގަނޑު ދަންނަވާނީ. ހުރިހާ ރައްޔިތުން އެދެނީ ގައުމީ ޓީމަށް ކާމިޔާބީ. އެހެންވީމަ އެ ފްރަސްޓްރޭޝަން ހުންނާނެ. ލަންކާއާ އެއްވަރުވީމަ ރައްޔިތުންނަށް ބަަލައެއް ނުގަނެވޭނެ. އަޅުގަނޑަށް ވެސް ނުގަނެވޭ. އިންޑިއާ އަތުން ބަލިވީ ރަނގަޅު ކުޅުމެއް ވެސް ނުދެއްކި. އެކަމަކު ސެމީން ގޯލުތައް ފެނި މޮޅުވީމަ މިހާރު އަޅުގަނޑުމެންގެ މީޑިއާތައް ވެސް ސޯޝަލް މީޑިއާ ވެސް މި އޮތީ ވަރަށް ގައުމީވަންތަ ރޫހެއްގައި. މިއީ ދެކެން ބޭނުންވާ މަންޒަރަކީ،" ބައްސާމް ވިދާޅުވި އެވެ.

ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގައުމީ ކޯޗު ސެގާޓް (ކ) އާއި ބައްސާމް. -- ފޮޓޯ: އިމޭޖަސް،އެމްވީ

ގައުމީ ޓީމު އެކުލަވާލައިގެން މިހާރު ކުރަމުން އަންނަ މަސައްކަތުގައި ހަމައެކަނި ބޭނުންވަނީ މޮޅުވުން ނޫން ކަމަށާއި ރީތި ކުޅުމެއް ދެއްކުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ބައްސާމް ދެކެ އެވެ.

"ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭކަމުގައިވާނަމަ އެ މުބާރާތް ކާމިޔާބު ކުރުމަކީ ދިވެހި ހުރިހާ އެންމެން ވެސް އެންމެ އެދޭ އެދުން. ހަމައެއާ އެކީގައި އަޅުގަނޑުމެންގެ ރައްޔިތުންނަކީ ވަރަށް ފުޓްބޯޅަ އަށް ލޯބިކުރާ ރައްޔިތުންތަކެއް. މޮޅުވިޔަސް ވަރަށް ރީތި ކުޅުމެއް ކުޅެން ބޭނުންވޭ. މިއީ އަޅުގަނޑުމެން އުފާކުރަން ޖެހޭ. އެކަމަށް މަސައްކަތް ވެސް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމަށް ޕީޓަ ސެގާޓް ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ މި ފަހަރުގެ ސާފް ކާމިޔާބު ކުރިން ލާޒިމް ނޫން ކަމަށް ބުނެފަ އެވެ. ފައިނަލުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ސާފް ކާމިޔާބުކުރުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބައްސާމް ވިދާޅުނުވާ ކަމަށާއި އެހެން ނަމަވެސް ޓީމާއި ސަޕޯޓަރުންނަށްޓަކައި އެކަން ކުރަން ބޭނުންވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ މި ހިސާބުން ހުރިހާ ކަމެއް މާޒީ ވެދިޔައީ ކަމަށާއި ބޭނުންވަނީ މި މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އޭނާ ވަނީ ފައިނަލުގެ ކުރިން ކުޅުންތެރިންނާ ބައްދަލުކޮށް ކުޅުންތެރިން މޮޓިވޭޓް ކުރުމުގެ އިތުރުން ޓީމަށް މެސެޖެއް ދީފަ އެވެ.

"އަޅުގަނޑު މިދަނީ ސެމީ ފައިނަލަށް ފަހު ކުޅުންތެރިންނާ ވަކި ވަކިން ވެސް ބައްދަލުކުރަމުން. ކުޅުންތެރިން މޮޓިވޭޓްކުރަން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން. އަޅުގަނޑު ޓީމަށް ދޭން ބޭނުންވާ މެސެޖަކީ މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ތަނަވަސްވެފައޭ. އާއިލާތަކާ ދުރުގައި މިދިޔަ އެއް މަސް ދުވަހު ހުރުމަށް ފަހު ކުރެވުނު މަސައްކަތުގެ ނަތީޖާ އެންމެ ރަނގަޅު ގޮތުގައި ދައްކުވައިދޭން ލިބޭ ފުރުސަތޭ. މުބާރާތުގައި ބައިވެރިވި ހުރިހާ ގައުމަކަށް ވުރެން އަަހަރެމެންގެ ޓީމުގެ ހުނަރު އެބަހުރި. ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން ލިބިފައި މި އޮތް ފުރުސަތުގެ ބޭނުން ކުރުން އެދެން،" ބައްސާމް ވިދާޅުވި އެވެ.

ފައިނަލް މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.