"ތަޖުރިބާކާރު ކޯޗު" އެދެނީ އެހެން ކޯޗުން އޭނާގެ ބަސް އެހުމަށް

ރާއްޖޭގައި މަސައްކަތްކުރާ ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކޯޗަކީ އޭނާ ކަމަށާއި އެކަމަކު މައްސަލައަކީ އޭނާ ދައްކާ ވާހަކަ އެއްވެސް މީހަކު އަޑުނޭހުން ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަމަށް ގައުމީ ޓީމަށް ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.


ސެގާޓް ބުނީ އެ މުބާރާތް ކާމިޔާބުކުރުމަށް ފަހު ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަންތައްތައް ކުރަން ދިވެހި ހުރިހާ ކޯޗުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ރާއްޖޭން އެންމެ ފުރަތަމަ ސަރަހައްދުގެ ޗެމްޕިއަންކަން ހޯދީ 2008 ވަަނަ އަހަރު އެވެ. އެ ކާމިޔާބީ އަށް ފަހު ރާއްޖެ އަށް އެ ތަށި އަލުން ހޯދަން 10 އަހަރުގެ އިންތިޒާރެއް ކުރަން ޖެހުނެވެ. އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެ، މި ފަހަރުގެ ސާފް ކާމިޔާބުކުރި ދިވެހި ޓީމުގެ އެވްރެޖް އުމުރަކީ 23.7 އަަހަރެވެ.

މިހާރު މި އޮތް ޓީމަށް ވެސް އަދި ކުރިއަރަން ތިބި ކުޅުންތެރިންނަށް ވެސް ގޮތްތަކެއް ހޯދައިދެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

"އަހަރެމެން ޖެހޭނެ މި ކާމިޔާބީން ގެނެސްދެނީ ކޮން ބަދަލެއްތޯ ބަލަން. ދިވެހި ކޯޗުން އެބަޖެހޭ އަހަރެން ދައްކާ ވާހަކަ ވެސް އަޑުއަހަން. (މިތަނުގައި ތިބި މީހުންގެ ތެރެއިން) އެންމެ ތަޖުރިބާ ބޮޑު ކޯޗަކީ އަހަރެން. އެކަމަކު އެއްވެސް މީހެއް އަހަރެން ދައްކާ ވާހަކަ އަޑެއް ނާހާ. މިކަން ބަދަލުކުރަން ޖެހޭ،" ސެގާޓް ބުންޏެވެ.

"ކޯޗުންނަކީ ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ މުހިއްމު އެއް ބައި. ދިވެހި ކުޅުންތެރިންނަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ."

ގައުމީ ޓީމާ މާޗް މަހު ހަވާލުވުމަށް ފަހު ސެގާޓް ވަނީ ރާއްޖޭގެ ކްލަބްތަކުގައި ކުޅުންތެރިން ކުޅުވާ ސިސްޓަމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެފަ އެވެ. އޭރު އޭނާ ބުނީ ރާއްޖޭގެ ލީގުގެ މެޗުތަކުގައި ކުރިއަށް ކުޅޭ ކުޅުންތެރިންނާއި ފަހަތަށް ކުޅޭ ކުޅުންތެރިންނާ ދެމެދު 70 މީޓަރުގެ ދުރުމިން ހުންނަ ކަމަށާއި އެގޮތަށް ކުޅެގެން މޮޅެއް ނުވާނެ ކަމަށެވެ. ސެގާޓްގެ ނަޒަރުގައި ރާއްޖެ އަށް އެންމެ ފައިދާ ބޮޑީ ފިޒިކަލީ ކުޅުންތެރިން ރަނގަޅުކޮށް ހައި ޕްރެސިން ގޭމަކަށް ކުޅުންތެރިން ތައްޔާރުކޮށްގެންނެވެ.

އެ ވާހަކަތަކަށް ދިވެހި ކޯޗުން އޭރު ރައްދުދިނެވެ. އެގޮތުން އެ ކޯޗުން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ޕްރެކްޓިސް ކުރަން ފުލް ޕިޗެއް ނުލިބުމެވެ. ދަނޑުގެ އެއް ފަޅީގައި ޕްރެކްޓިސް ކުރާއިރު ލިބެނީ ވެސް މަދު ވަގުތުކޮޅެއް ކަމަށާއި އޭގެ ސަބަބުން ޓީމު އެންމެ ރަނގަޅަށް ތައްޔާރުކުރަން ދަތި ކަމަށް ކޯޗުން ބުނެފައިވެ އެވެ،

ރާއްޖޭން ސާފް ކާމިޔާބު ކުރިއިރު ކުޅުނީ ގިނަ ބަޔަކަށް ކަމުދާ ކަހަލަ ކުޅުމެއް ނޫން ކަމަށާއި އެ ކަމަކު ފުޓްބޯޅައިގައި ކުރިއެރުން ލިބޭނެ ފަދަ ކުޅުމެއް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

"މި ފަހަރުގެ ވޯލްޑް ކަޕް ފްރާންސުން ކާމިޔާބުކުރީ މާ ރީތި ފުޓްބޯޅައެއް ކުޅެގެނެއް ނޫން. އެ މީހުންނަށް ފައިދާހުރި ކުޅުމެއް ކުޅެގެން. ހަމައެގޮތަށް އަހަރެން ރާއްޖޭގެ ކުޅުންތެރިން ބައްޓަން ކުރަން ބޭނުންވަނީ މި ކުޅުންތެރިންނަށް ފައިދާހުރި ގޮތަަކަށް. ފަހަރުގައި އެންމެން އެގޮތަށް ހިތްހަމަ ނުޖެހިދާނެ،" ސެގާޓް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ އަނެއް މަސައްކަތަކީ ވަސީލަތްތައް ގިނަ ކުރުން ކަމަށާއި އެކަން ކުރެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމާބެހޭ ފަރާތްތަކަށް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ. ސާފް ތަށި ފުރަަތަމަ ފަހަރަށް ހޯދި ޓީމާ މިހާރު އޮތް ޓީމާ އަޅާކިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އޭރާއި މިހާރު އޮތް ފުޓްބޯޅަ މުޅިން ތަފާތު ކަމަށް ވެސް އޭނާ ބުންޏެވެ.