ނިއު ބަލިކުރުމަކީ ބަސަންދުރާ އަށް ފެށުމެއް: އޮސްކާ

އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން 4-1 އިން މޮޅުވި މޮޅުވުމަކީ އާ ފެށުމަކުން ކުރިއަށް ދާން ލިބުނު ރަނގަޅު ފެށުމެއް ކަމަށް ބަންގްލަދޭޝްގެ ބަސަންދުރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.


ކުރިން ނިއު އަށް ކޯޗުކޮށްދިން އޮސްކާ ބަސަންދުރާއާ ހަވާލުވެ، މި މެޗު ރޭވީ އެ ޓީމު ފެންވަރު ވަޒަންކުރުމުގެ ގޮތުންނެވެ. ބަންގްލަދޭޝްގެ ވަރުގަދަ ވިޔަފާރި ގްރޫޕް ބަސަންދުރަ ގްރޫޕުން ފުޓްބޯޅައިގައި ކާމިޔާބު ހޯދުމަށް އިންޑިއާ އަދި ރާއްޖޭގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ސްޕެއިނުގެ ކޯޗު އޮސްކާ ގެންދިޔައީ ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގަ އެވެ. އެ މަސައްކަތް ފަށާނީ އަންނަ ނޮވެމްބަރު މަހު ފަށާ ބަންގްލަދޭޝް ޕްރިމިއާ ލީގުންނެވެ. އެ މުބާރާތަށް ބަސަންދުރާ އިން ވަނީ އަގުބޮޑުކޮށް ކުޅުންތެރިން ހޯދައިފަ އެވެ.

އެ ގޮތުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކޮސްޓަ ރިކާ އަށް ކުޅުނު ޑެނިއަލް ކޮލިންދްރެސް އާއި ހައިޓީ ގައުމީ ޓީމުގެ ފޯވާޑް ބެލްފޯޓާއި ގެމްބިއާ ގައުމީ ޓީމުގެ ފޯވާޑް އޮސްމާން ޖެލޯ ވަނީ ބަސަންދުރާ އަށް ގެނެސްފަ އެވެ. އަދި އެ ޓީމުން ވަނީ ބަންގްލަދޭޝް ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއްގެ ސޮއި ވެސް ހޯދައިފަ އެވެ.

"މިއީ ހަގީގަތުގައި އަހަރެން މަސައްކަތުގެ ފެށުމެއް. ބައެއް ކަންތައްތައް ދިޔަ އަހަރެން ބޭނުންވާ ގޮތަށް. އެއް މެޗަކުން ހުރިހާ ކަމެއް ރަނގަޅެއް ނުކުރެވޭނެ. އެކަމަކު މިއީ ފެށުމެއް. މި ކުޅުންތެރިން ދަސްކޮށްލަން އަހަންނަށް ލިބުނު. ނިއު ރޭޑިއަންޓްގެ ފެންވަރު އަހަންނަށް އެނގޭ. އެ ކަހަލަ ޓީމަކާ ދެކޮޅަށް މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. މީގެން ނެގޭނެ ޕޮޒިޓިވް ކަންތައްތައް ގިނަ،" އިއްޔެގެ މެޗަށް ފަހު އޮސްކާ ބުންޏެވެ.

އިއްޔެގެ މެޗުގައި ނިއު އަށް އިރުޝާދުދިނީ މި ސީޒަނުގައި ވެލެންސިއާ އަށް ކޯޗުކޮށްދިން ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) އެވެ. ނިއުގެ ކުރީގެ ކުޅުންތެރިޔާ އެ ކްލަބާ ދެ ވަނަ ފަހަރަށް ހަވާލުވި އިރު އޭގެ އެއްވެސް ތަފްސީލެއް ކްލަބުން ނުދެ އެވެ.

މި މެޗު ނިއު އިން ކުޅުނީ ބައެއް ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި އަނިޔާގައި ހުރި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާއި ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އަދި ރިލްވާން ވަހީދު (ރިލޭ) ހިމެނެ އެވެ.

މިއީ މިިދިޔަ ޖުލައި މަހު ސާފް ސުޒުކީ ކަޕަށް ވަގުތުދޭން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލި ފަހުން ނިއު އިން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ކުޅުނު ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް ޓީމާ ގުޅުނީ ފަހުންނެވެ. އެއީ ސާފްގެ ކާމިޔާބީގެ އުފާފާޅުކުރުންތަކުގައި ބައިވެރިވުމަށް ފަހު އެވެ.

"މި ޓީމު މާ ގިނަ ޕްރެކްޓިސްތަކެއް ނުކޮށް މި މެޗަަށް އައީ. އަދި މުހިއްމު ކުޅުންތެރިންތަކެއް ވެސް ނުލައި. އެކަމަކު އިދިކޮޅަށް ނުކުތް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އެމީހުންގެ ތައްޔާރުވުމުގެ ތަފާތު ފެނުނީ،" އިއްޔެ މެޗަށް ފަހު ސޮބާ ބުންޏެވެ.

މި މަހު 26 ވަނަ ދުވަހު އަލުން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނެ އެވެ. މި މަހު 27 ވަނަ ދުވަހު ނިއު ކުޅޭ މެޗުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.