އޭއެފްސީގެ އިސް ޕެނަލަކަށް ރާއްޖޭގެ ރެފްރީ ޖާވިޒް

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އަންނަ އަހަރަށް ނެގި އެލީޓް ރެފްރީޒް ޕެނަލުން ރާއްޖޭގެ ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް) އަށް ފުރުސަތު ލިބިއްޖެ އެވެ.


މިއީ ދިވެހި ރެފްރީ އަކަށް މި ފުރުސަތު ލިބުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން އަލީ ސަލީމް ވަނީ ހިމެނިފަ އެވެ. އޭއެފްސީ އެލީޓް ރެފްރީސް ޕެނަލަކީ އޭޝިއާގެ ބޮޑެތި މުބާރާތްތަކާއި ބައިނަލްއަގްވާމީ މެޗުތަކުގައި ރެފްރީކަން ކުރާނެ ރެފްރީންނެވެ. އޭގެ ތެރޭގައި އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕާއި އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ހިމެނެ އެވެ.

ޖާވިޒަށް ފުރުސަތު ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު 6 އިން 9 އަށް މެލޭޝިއާގައި ކުރިއަށްދިޔަ އޭއެފްސީގެ އެލީޓް ރެފްރީސް ޕެނަލްގެ ސެލެކްޝަން ކޯހުން ފާސްވުމުންނެވެ.

"ހަގީގަތުގައި މިއީ ވަރަށް ބުރަ މަސައްކަތް. ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން މި ހިސާބަށް އާދެވޭނީ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެކުގައި މަސައްކަތްކުރާ ރެފްރީންނަށް ވެސް. މިއީ އަޅުގަނޑު ވަރަށް ކެތްތެރިކަމާ އެކު ހިތްވަރުލައިގެން ކުރިމަގާ މެދު ވިސްނައިގެން ކުރި މަސައްކަތެއް،" ޕޮލިހުގައި ވަޒީފާ އަދާކުރަމުން އަންނަ ޖާވިޒް "މިހާރަ"ށް ބުންޏެވެ.

ރާއްޖޭގެ ރެފްރީންނަށް ފާއިތުވި އަހަރުތަކުގައި ހުރި ގޮންޖެހުން ބައިވަރެވެ. މިދިޔަ އަހަރުތަކުގައި ދިވެހި ރެފްރީންނަށް ސަރަހައްދީ ބޮޑު މެޗުތަކެއް ނުލިބެ އެވެ. އެކި އެކި ސަބަބުތަކާ ހުރެ ކުރިއެރުން އޮތީ ހުއްޓިފަ އެވެ. އެކަމަކު ޖާވިޒް ގަބޫލުކުރާގޮތުގައި ކުރިމަގާ މެދު މަސައްކަތްކުރާ ރެފްރީންނަށް ކުރިއަށްދެވޭނެ އެވެ.

"އެއްވެސް އިރެއްގައި ނުވާނެއޭ ހިތައް ނާރުވާ ކުރިއަށްދާން މަސައްކަތްކުރުން އޮތީ. ތެދެއް ދިވެހި ރެފްރީންނަށް އެހާ ގިނައިން މި ކަހަލަ ފުރުސަތެއް ނުލިބޭ. އެކަމަކު އަޅުގަނޑު ބުނާނީ މަސައްކަތް ކޮށްފިއްޔާ ކޮންމެ ރެފްރީއަކަށް ވެސް ކުރިއެރޭނެ. މީގެ އޮތީ ހިތްވަރު ކުރުން،" ޖާވިޒް ބުންޏެވެ.

ރެފްރީންގެ ތެރެއަށް 2011 ވަނަ އަހަރު ނުކުމެ އެންމެ ފުރަތަމަ ދަށް ޑިވިޝަނުގެ މުބާރާތްތަކުގައި ފުރަތަމަ ރެފްރީކަން ކުރި ނަމަވެސް އޭނާ ކުރިއަރަމުން ގޮސް 2013 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގެ މެޗުތަކުގައި ރެފްރީކަން ކުރަން ފެށި އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ބޮޑެތި މެޗުތަކުގައި ވެސް އިންސާފުކުރަމުންނެވެ. އަދި ތިން އަހަރު ކުރިން ފީފާ ބެޖް ލިބުނުއިރު، ދާދި ފަހުން ބައިނަލްއަގްވާމީ މެޗުތަކުގައި ވެސް ރެފްރީކަން ކުރި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މިއީ ގިނަ ދުވަސްތަކަކަށް ފަހު ދިވެހި ރެފްރީންނަށް ލިބުނު ރަނގަޅު ކުރިއެރުމެއް ކަމަށާއި އުއްމީދުކުރަނީ އިތުރު ފުރުސަތުތަކެއް ދިވެހި ރެފްރީންނަށް ފަހިވެގެން ދިއުން ކަމަށެވެ.

ޖާވިޒް ބުނީ މިހާރު ތައްޔާރުވަނީ އަންނަ ނޮވެމްބަރު މަހު އޮންނަ އޭއެފްސީގެ ސެމިނާ އަކަށް ދިއުމަށް ކަމަށާއި އެ ސެމިނާ އަށް ދިވެހި ދެ އެސިސްޓަންޓް ރެފްރީން ބައިވެރިވާނެ ކަމަށެވެ.

ރާއްޖޭގެ މެޗު އޮފިޝަލުންގެ ތެރެއިން ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ބޮޑަށް ފިޔަ ޖެހީ މުހައްމަދު ސައީދެވެ. ވޯލްޑް ކަޕުގައި 2002 ވަނަ އަހަރު ރޮނގު ބެލެހެއްޓި ސައީދު ވަނީ އޭއެފްސީގެ އެންމެ މޮޅު އެސިސްޓަންޓް ރެފްރީގެ މަގާމް ހޯދައިފަ އެވެ.

ރާއްޖޭގައި ރެފްރީން ތަރައްގީ ކުރުމުގެ ގޮތުން އުފެއްދި ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން ދާދި ފަހުން ވަނީ ގިނަ ހަރަކާތްތަކެއް ފަށައިފަ އެވެ. އެ ގޮތުން ޒުވާން ގިނަ ރެފްރީން އުފެއްދުމުގެ އަމާޒުގައި އެކި ކޯސްތަކެއް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ.