ނިއު އަށް އަނބުރާ އައުމަކީ އަމިއްލަ ގެޔަށް އައުން: ސޮބާ

ނިއު ރޭޑިއަންޓަށް އަނބުރާ އައުމުން ކުރެވެނީ އަމިއްލަ ގެޔަށް އާދެވުމުގެ އިހުސާސް ކަމަށާއި، ކްލަބުގެ މަގާމް ދިފާއުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ އާ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.


ނިއު އިން ސީޒަނުގެ މެދަކާ ހަމައިން ސޮބާ އަށް ކޯޗުކަންދިނީ މިދިޔަ އަހަރާއި މި އަހަރުގެ ކުރީބައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ދިއުމުންނެވެ. ނިއުގެ ކުރީގެ ކުޅުންތެރިޔާ 2015 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށީ ވެސް އެ ކްލަބުންނެވެ. އެ ގޮތުން އެ ސީޒަނުގައި ގައުމީ ފައިނަލަށް ނިއު ގެންގޮސްދީ އޭއެފްސީ ކަޕުގައި ވެސް މެޗުތަކުން މޮޅު ހޯދި އެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ގްރީންސްޓްރީޓްސް އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް އެ ޓީމު ކޮލިފައިކޮށްދިނެވެ. އެކަމަކު ސީޒަނުގެ ފަހުކޮޅު ނަތީޖާ ދަށްވެ، އަދި ކްލަބާ މައްސަލަތަކެއް ޖެހި ވަކިވީ އެވެ. މި އަހަރު އޭނާ ކްލަބް ވެލެންސިއާ ހަވާލުވި ނަމަވެސް އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަޔަޔަކުން ފުރުސަތު ގެއްލި، ޕްލޭއޮފުން ވެސް ކަޓައި ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

ސޮބާ ބުނީ ނިއު އިން އަލުން ފުރުސަތު ދިނުމުން ގަބޫލުކުރީ އުފަލާ އެކު ކަމަށާއި އޭނާ އަށް ކޮށްދެވޭ ހުރިހާ ކަމެއް ކްލަބެއް ކޮށްދޭނެ ކަމަށެވެ.

"ސިމްޕަލްކޮށް ބުނަންޏާ ބުނެވޭނީ، ފީލް ވަނީ ގެޔަށް އާދެވުން ކަހަލައޭ. ނިއު އަކީ އަޅުގަނޑު ވަރަށް ލޯބިވާ ކްލަބެއް. ޕްލެޔިން ކެރިއަރުގައި މުހިއްމު ރޯލެއް އަދާކޮށް ކާމިޔާބީޔަކެއް ލިބިފައި އޮތް ކްލަބެއް މިއީ،" ސޮބާ ބުންޏެވެ.

ވިކްޓަރީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ކުޅަދާނަ ޑިފެންޑަރު 2005 ވަނަ އަހަރު ނިއުއާ ގުޅި އެ ޓީމުން އެ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި އެވެ. އޭނާ ވަނީ އެ ޓީމާ އެކު ރާއްޖޭގެ ގިނަ މުބާރާތްތަކެއް ވެސް ކާމިޔާބުކޮށްފަ އެވެ.

ސޮބާ ކޯޗެއްގެ ގޮތުގައި ނިއުއާ އަލުން ނިއުއާ ހަވާލުވެ ކުޅުނު ރަސްމީ ފުރަތަމަ މެޗުން ދިރާގު ދިވެހި ލީގުގައި ވަނީ ޓީސީ ސްޕޯޓްސް އަތުން 1-0 އިން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު ދެ ވަނައިގައި އޮތް ނިއުގެ މައްޗަށް އެއް ވަނައިގައި އޮތް ޓީސީން ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

އޭނާ ބުނީ ނިއުގައި ތިބީ ވަރަށް ތަޖުރިބާކާރު، ޕްރޮފެޝަނަލް އަދި ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިންތަކެއް ކަމަށާއި ބޭރު ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅު ކަމަށެވެ.

"ލީގެއް ވީމާ އަދި ބައިވަރު މެޗުތަކެއް ކުރިއަށް އެބައޮތް. ގަބޫލުކުރަނީ ކުދިން މަސައްކަތްކޮށްގެން ނިއު ރޭޑިއަންޓުގެ ޕޮޒިޝަން ދިފާއުކުރާނޭ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ އިއްޔެ ބަލިވީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައި ކަމަށާއި އެއްވެސް ވަރަކަށް ނަސީބު ނެތޭ ވެސް ބުނެވިދާނެ ކަމަށެވެ.

"މިއީ އޮސްކާ ވަރަށް ރަނގަޅަށް (މަސައްކަތްކޮށް މިހިސާބަށް) ގެނެސްފައި އޮތް ޓީމެއް. އެކަމަކު ފުދޭ ވަރަކަށް ގިނަ ދުވަހު ޕްރެކްޓިސްނިކޮށް އޮވެ މި ނުކުތީ. ފިޓްނަސްގެ މައްސަލަތަކެއް ނުކުތް. ޗާންސް ލިބުނު އަޅުގަނޑުމެންނަށް ވެސް ޓީސީ އަށް ވެސް. މުހިއްމު މެޗެއް މި ގެއްލުނީ. ކުޅުންތެރިންގެ މަސައްކަތް ފެނިއްޖެ ވަރަށް ބޮޑަށް،" ސޮބާ ބުންޏެވެ.