ފެހެންދޫ ކޮޅަށް ނިއު އިން 11 ގޯލް ޖަހައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު ނިއު ރޭޑިއަންޓުން 11-0 އިން ބ. ފެހެންދޫ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.


މިއީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ. ނިއު އިން ވަނީ ލީގުގެ ފުރަތަމަ މެޗުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށި އަތުން 10-0 އިން މޮޅުވެފަ އެވެ.

ނިއުގެ ކޯޗުކަމާ ސޮބާހު މުހައްމަދު (ސޮބާ) ދެ ވަނަ ފަހަރަށް ހަވާލުވި ފަހުން މިއީ އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުން މިދިޔަ ހަފްތާގައި ވަނީ ޓީސީ އަތުން ބަލިވެފަ އެވެ. މި މޮޅާ އެކު ނިއު ވަނީ އެއް ވަނައިގައި އޮތް ޓީސީއާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ. ހަ މެޗުން ނިއު އަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ފެހެންދޫ ލީގުގެ ނުވަ ވަަނައިގައި އޮތީ ހަ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ނިއު އިން މި މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް އެއް ބަދަލު ގެނެސްގެންނެވެ. އެއީ އިބްރާހިމް އަތީގްގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ފުރުސަތު ދީގެންނެވެ.

މެޗު ފަށައިގެން މާގިނަ އިރުތަކެއް ނުވެ ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ހޯދީ ފެހެންދޫންނެވެ. ފެހެންދޫގެ އާދަމް ނިޒާމް (ކިތުނާ) ބޮލުން ޖައްސާލި ބޯޅައެއް ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށްހުރި އަހުމަދު ނިޒާމް (ނިޒާމްބެ) އަށެވެ. ކުރިން ޓީސީ އާއި އީގަލްސް އަދި މާޒިޔާ އަށް ކުޅުނު ނިޒާމްބެ ހުސްކޮށްހުރެފައި ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ނިއު އަށް ލީޑުނަގައިދިނީ މެޗުގެ 15 ވަނަ މިނިޓްގައި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ އެވެ. އަރިމަތިން އަހުމަދު އަބްދުﷲ (ލިލީީ) ނަގައިދިން ހުރަަހަކުން ކަންޑޭލާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ހަތަރު މިނިޓް ފަހުން ނިއުގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން ސެންޓޭ އެވެ. އޭރިއާ ތެރެއިން ހަމްޕު ޖެހި ބޯޅަ ފެހެންދޫގެ ކީިޕަރު އިބްރާހިމް ޒަޔާން ފައިގައި ޖެހިފައި ލިބުނު ބޯޅަ ސެންޓޭ ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނިއުގެ ތިން ވަނަ ލަނޑު މެޗުގެ 26 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ކާމިޔާބުކުރީ ޔޫގާންޑާގެ ފޯވާޑް އަތުހިއޭ ކިޕްސަން އެވެ. އޭގެ ދިހަ މިނިޓް ފަހުން ކިޕްސަން ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ހަމްޕު ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ޖެހި ބޯޅަ ކީޕަރު ޒަޔާން އަތުގައި ޖެހިފައި ނުކުތް ވަގުތު ކިޕްސަން ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ފެހެންދޫ ކުޅުންތެރިއަކު ކައިރިން ނިއުގެ ސެންޓޭ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބޯ ވާރޭގެ ތެރޭގައި ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ގާތްގާތުގައި ފެހެންދޫގެ ނިޒާމްބެ އާއި ހާއްޕެ ޖެހި ބޯޅަތައް ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ފެހެންދޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ 60 ވަނަ މިނިޓްގައި ސެންޓޭ ނިއުގެ ފަސް ވަނަ ލަނޑު ޖެހުމެވެ. ސެންޓޭ މި ލަނޑު ޖެހީ ފެހެންދޫގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ނިއުގެ ހަ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ހަމްޕު އެވެ. އެ ޕެނަލްޓީ ލިބުމުން ފުރަތަމަ ބެލެވުނީ ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރަން އެ ޕެނަލްޓީ ފޮނުވާލާނެ ކަމަށެވެ. އެ އެކަމަކު ސެންޓޭ އެ ޕެނަލްޓީ ޖަހަން ބޯޅަ ދިނީ ހަމްޕު އަތަށެވެ. މިއީ އޭރިއާތެރެއިން ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ލިބުނު ޕެނަލްޓީ އަކުން އުމެއިރު ވަނީ ނިއުގެ އަށް ވަނަ ގޯލު ޖަހައިފަ އެވެ.

ނިއުގެ ފަހު ތިން ގޯލު ވެސް ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ކުޅުންތެރިންނެވެ. ނުވަ ވަނަ ގޯލު މެޗުގެ 88 ވަަނަ މިނިޓްގައި ޖެހީ ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. އިތުރު ވަގުތުގައި ނިއުގެ އަނެއް ދެ ގޯލު ޖެހީ ހަސަން އަދުހަމް (ސަޑޭ) އާއި އަތީގް އެވެ.

މެޗަށް ފަހު ނިއުގެ ކޯޗު ސޮބާ ބުނީ މެޗަށް އައީ މާ ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވުމުގެ ވިސްނުމުގައި ނޫން ކަމަށާއި އެކަމަކު މި ނަތީޖާ އިން ލިބުނީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޓީމުގައި ސީނިއާކޮށް ތިބި ކުޅުންތެރިންގެ ލީޑަޝިޕް ފެނިގެންދިޔަ ކަމަށާއި ބޭނުންވަނީ ޓީމު އޮތް ލެވެލްގައި ހިފެހެއްޓުމަށް ކަމަށް ވެސް ބުންޏެވެ.

ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ އެ ޓީމުން މެޗަށް އަންނަނީ ފަރިތަނުކޮށް ކަމަށްވާތީ މި ފަދަ ނަތީޖާއެއް ނުކުތުމުން އެހާ ބޮޑަށް ހައިރާންނުވާ ކަމަށާއި އޭގެ ތެރެއިން އެއް ސަބަބަކީ މީގެ ކުރިން ވެސް މި ފަދަ ނަތީޖާތަކެއް ނުކުމެފައިވާތީ ކަމަށެވެ. އަދި ލީގު އެހާ ބޮޑަށް މެދުކަނޑާލުމުގެ ސަބަބުން ފެހެންދޫ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފައި ކަމަށާއި މިއަދުގެ މެޗަށް އައީ ކަނޑު ވަރަށް ގަދައިރު ދަތުރުކޮށްފައި ކަމަށް ވުމުން ކުޅުންތެރިން ތިބީ ފިޓްކޮށް ނޫން ކަމަށް ވެސް ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ށ. ފޯކައިދޫ ބައްދަލުކުރާނީ ފ. ނިލަންދޫއާ އެވެ. މާދަމާރޭ އީގަލްސް ނުކުންނާނީ ތ. ތިމަރަފުއްޓާ ދެކޮޅަށެވެ.