ކަކުލަށް އަނިޔާވެ ރިލޭ އަށް ސީޒަން ނިމިއްޖެ

ނިއު ރޭޑިއަންޓުގެ ފުލްބެކް ރިލުވާން ވަހީދު (ރިލޭ) ގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މި ސީޒަން ނިމިއްޖެ އެވެ.


ރިލޭގެ ކަކުލުގެ ލިގަމެންޓުން ބަޔެއް އިރައިގެން ދިއުމުން ފަރުވާ ހޯދަން މިހާރު ވަނީ އޮޕަރޭޝަންކޮށްފަ އެވެ. ރިލޭ ބުނީ ކަކުލަށް އަނިޔާވީ، މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް ނިއުއާ އެކު ޕްރެކްޓިސް ފެށި ތަނުން ކަމަށެވެ.

"ބްރޭކުގެ ތެރޭގައި ފިޓްނަސް ހިފަހައްޓަން ޖިމްގައި ވޯކްއައުޓް ހަދަނިކޮށް ކަނާތު ކަކުލަށް ތަދުވީ. އޭގެ ފަހުން ޕްރެކްޓިސް އަލުން ފަށައިގެން ޕްރެކްޓިހުގައި ވާތު ފަޔަށް ބޮޑަށް ބާރުލެވެން ފެށީ، ކަނާތު ފަޔަށް ތަދުވެފައިވާތީ. އެހެން ހުއްޓާ ވާތު ފަޔަށް މި އަނިޔާވީ،" ރިލޭ ބުންޏެވެ.

އެހިސާބުން އެމްއާރްއައި ހެދުމުން އެނގުނީ ވާތު ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓުން ބަޔެއް އިރައިގެން ގޮސްފައިވާކަމަށެވެ. އޭނާގެ އޮޕަރޭޝަންކުރީ ޑރ. ހަސަން ޝަކީލެވެ.

"ފަސް މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހޭ. އަންނަ ސީޒަނުގެ ކުރީކޮޅު ކުޅެން ނުކުމެވޭނެ ކަމަށް މި އުއްމީދުކުރަނީ،" ރިލޭ ބުންޏެވެ.

މި ސީޒަނުގައި އަދި ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އެބައޮތެވެ.

އުމުރުން 27 އަހަރުގެ ރިލޭ ވަނީ ދާދި ފަހުން އޮމާނުގެ ސުރް އެފްސީގެ ޓްރަޔަލްގައި ބައިވެރިވެ ފާސްވެސް ވެފަ އެވެ. އެކަމަކު އޭނާ ދޫކުރަން ނިއު އިން ކީ އަގު ބޮޑުވުމުން އެ ކްލަބަށް އޭނާ ގެނެވޭ ގޮތެއް ނުވި އެވެ.

ރިލޭ އަކީ ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ފުލްބެކެވެ. އޭނާ ވަނީ ޕޮޕޯފުގެ ކޯޗުކަމުގެ ދަށުން ނިއު އިން 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އަދި އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު މޮޅަށް ކުޅުފަ އެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް 2012 ވަނަ އަހަރުގެ މަހިންދަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކޮށްދިން ކެޕްޓަން ގައުމީ ޓީމުން ކުރިން ގަވާއިދުން ޖާގަ ހޯދި ނަމަވެސް، ފަހަކަށް އައިސް މޮޅަށް ކުޅުނަސް ފުރުސަތެއް ނުލިބެ އެވެ.

"ކެރިއަރުގެ ވަރަށް މުހިއްމު ހިސާބެއްގައި ކުޅުމާ ދުރަށް ދާން މި ޖެހުނީ. އެކަމަކު ހިތްވަރު އެބަހުރި. އެނބުރި އަންނާނަން ވަރުގަދަކޮށް،" ރިލޭ ބުންޏެވެ.