ނިއު އަލުން ދެ ވަނަ މަގާމަށް އަރައިފި

އަލީ ފާސިރު (ސެންޓޭ) ޕެނަލްޓީއަކުން ވައްދާލި ގޯލާ އެކު ފ. ނިލަންދޫ އަތުން 1-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަލުން އަރައިފި އެވެ.


ނިއު އެ މަގާމަށް އެރީ 17 ޕޮއިންޓާ އެކު އެވެ. ކުރިން އެ މަގާމުގައި 17 ޕޮއިންޓާ އެކު އޮތް އީގަލްސްގެ މައްޗަށް ނިއު އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އީގަލްސްގެ ތިން ވަނަ އަށް ވެއްޓުނުއިރު ހަތަރު ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ނިލަންދޫ އޮތީ ހަތް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެއް ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. މާދަމާ ހަވީރު ތ. ތިމަރަފުށި އަތުން މޮޅުވެ އެ ޓީމަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

މިރޭގެ މެޗުގެ ކުރީކޮޅު ނިއު އަށް ވަނީ ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މެޗުގެ ތިން ވަނަ މިނެޓާއި ހަތަރު ވަނަ މިނެޓުގައި ސެންޓޭ އަށް ގޯލް ކުރިމަތިން ހުހަށް ލިބުނު ބޯޅަ ޖެހުމުން ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން 16 ވަނަ މިނެޓުގައި އާމިރު ގުރުބާނީ ދިން ބޯޅައެއް އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލުމުން ވެސް ދިޔައީ އަމާޒުނުވެ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އޭގެ މިނެޓެއް ފަހުން މުހައްމަދު އުމެއިރު ޖައްސާލި ބޯޅައެއް ސެންޓޭ ގޯލަށް ފޮނުވާލުމުން ނިލަންދޫގެ ގޯލްކީޕަރު އަލީ ސޮބާހު މަތަކުރި އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ސެންޓޭ އަށް ލިބި ޖެހުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ނިއުގެ ނަސީބު އަތުގައި ހިފީ 27 ވަނަ މިނެޓުގައި ސެންޓޭ އަށް ނިލަންދޫގެ ހަބީލާ ކުރި ފައުލަކަށް ޕެނަލްޓީއެއް ލިބުމުންނެވެ. ސެންޓޭ އެ ޕެނަލްޓީ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ތަފާތު ބޮޑުކޮށްލަން ނިއު އަށް ލިބުނު ފުރުސަތުގައި އަހުމަދު އަބްދުﷲ (ލިލީ) ނެގި ހުރަސް ގުރުބާނީ ހުހަށް ހުރެ ފޮނުވާލި ނަމަވެސް އަމާޒެއް ނުކުރެވުނެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ނިލަންދޫ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މިރޭ ނިއުގެ ގޯލް ބެލެހެއްޓި ޒުވާން ގޯލްކީޕަރު ހަސަން އަބްދުލްހަކީމް، ސާފުކޮށްލި ބޯޅައެއް ނިލަންދޫގެ ކެޕްޓަން އާދިލް އަލީ އަށް ލިބި، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނާލަން ޖެހި ނަމަވެސް ދިޔައީ ބޭރަށެވެ.

ނިއު އަށް ވެސް ފަހުން ތަފާތު ބޮޑުކުރަން ތިން ފުރުސަތެއް ލިބުނެވެ. ގުރުބާނީ ނެގި ހުރަހެއް އޭރިއާ ތެރެއިން ހަމްޕު އަށް ލިބުނު ނަމަވެސް ރަނގަޅަށް ފޮނުވާނުލެވުނެވެ. އަދި ސެންޓޭ ނެގި ހުރަހެއް ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ކީޕަރު ސަލާމަތްކުރި އެވެ. އޭގެ ފަހުން ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ހުރަސް ދަނޑީގައި ވަނީ ޖެހިފަ އެވެ.

މި ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ 87 ވަނަ މިނެޓުގައި ނިލަންދޫ އަށެވެ. އެ ޓީމުގެ އާދިލް ގޯލަށް ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ލިބުނު ގޯލް ކުރިމަތީ އެކަނިމާއެކަނި ހުރި އަހުމަދު ޝާނަށެވެ. ބޭނުން ގޮތަކަށް ފޮނުވާލަން ލިބުނު ބޯޅަ އޭނާ ބޮލުން ޖެހުމުން ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނީ އުނދަގޫ ހާލަތެއްގައި އޮތުމުން، އުނދަގުލުން ވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ލިބުނު ފުރުސަތުތަކަށް ބަލާއިރު ގިނަ ގޯލްތަކެއް ޖެހުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރި އެވެ.

"ނިއު އަކީ އެންމެ ފަހުގެ ޗެމްޕިއަން. އަބަދުވެސް ޗެމްޕިއަން ޓީމާ ދެކޮޅަށް ކޮންމެ ޓީމެއް ވެސް ނުކުންނާނީ ވަރަށް ބޮޑަށް މަސައްކަތްކުރަން. އަޅުގަނޑުމެން މެޗަށް ނުކުތީ ނިލަންދޫ ޓީމަށް އިހުތިރާމްކޮށްގެން. އެ ޓީމުން ރަނގަޅު ގޭމެއް ކުޅުނު،" ސޮބާ ބުންޏެވެ.

ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ އެ ޓީމުން ލީގުގައި ވާދަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ވަރުގަދަ މެޗުތައް ކުޅުން ކަމަށާއި ބަލިވި ނަމަވެސް ނިއު ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ދެއްކި އޯގަނައިޒް، ރަނގަޅު ކުޅުން ފާހަގަކުރާ ކަމަށެވެ.