ވެމްކޯ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ފޮނަދޫ އަށް

ކްލަބް ވެމްކޯ ބަލިކޮށް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލު މެޗުން ފޮނަދޫ މޮޅުވީ 3-1 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުން ފޮނަދޫ ކުރިހޯދީ 31-29 އިންނެވެ. މި ސެޓުގައި ވެމްކޯގެ އައިމިނަތު އަރީޝާ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފޮނަދޫގެ އައިޝަތު ޝައްފަގެ މޮޅު ކުޅުމާ އެކު އެ ޓީމުން ސެޓު ގެންދިޔަ އެވެ.

ފުރަތަމަ ސެޓު އެހާ ވާދަވެރިކޮށް ގޮސްފައި ފަހު ވަގުތު ބަލިވުމުން ދެ ވަނަ ސެޓުގައި ވެމްކޯ ފެނުނީ ކުޑަކޮށް ފޯމު ގެއްލިފައި އޮއްވަ އެވެ. އޭގެ ފައިދާ ނަގައި ފޮނަދޫ އިން މި ސެޓު ގެންދިޔައީ 25-16 އިންނެވެ. މި ސެޓުގައި ފޮނަދޫގެ ޖޫޒާން ޒަރީރު އާއި އައިޝަތު މާޖިދާ މޮޅު ކުޅުމެއް ދެއްކި އެވެ.

ތިން ވަަނަ ސެޓުގައި އަރީޝާގެ މޮޅު ކުޅުމެއް ފެނިގެންދިޔައިރު ވެމްކޯ އިން އާ ހިތްވަރެއްލައިގެން ކުޅެ ވަނީ 16-25 އިން މި ސެޓު ގެންގޮސްފަ އެވެ. އެކަމަކު އެ ސެޓު ގެންދިޔަ ނަމަވެސް ވެމްކޯ އަށް ދެން ކުޅުނު ސެޓުގައި ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ނަތީޖާ އަކަށްވީ ފޮނަދޫ އެ ސެޓު ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމެވެ. އެ ޓީމުން ހަތަރު ވަނަ ސެޓު ގެންދިޔައީ 25-20 އިންނެވެ. މި ސެޓުގައި ފޮނަދޫ ޓީމުން ތަފާތު ދެއްކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝައްފަ އެވެ.

މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ފޮނަދޫ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. މި މުބާރާތުގައި މި ދެ ޓީމު ކުޅުނު މެޗުން ފޮނަދޫ ވަނީ ޕޮލިސް އަތުން ބަލިވެފަ އެވެެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ހޯކްސް ސްޕޯޓްސް ކްލަބާއި އާއި ސްޕޯޓްސް ކްލަބް އެވެ. މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ އާއި ސްޕޯޓްސް ކްލަބުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 17-25، 25-23، 14-25 އަދި 18-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާއިގެ އަރިޒް މުހައްމަދު އެވެ.

އެސޯސިއޭޝަން ކަޕްގައި މިރޭ ކުޅޭ މެޗުގައި ބައްދާލުކުރާނީ ގުޑީސް ސްޕޯޓްސް ކްލަބާއި މަލްސާން ސްޕޯޓްސް ކްލަބް އެވެ