އަޖުފާން އާއި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދައިފި

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން މުހައްމަދު އަޖުފާން ރަޝީދު އަދި އަންހެން ޗެމްޕިއަންކަން ފާތިމަތު ނަބާހާ ރޭ ހޯދައިފި އެވެ.


މިއީ އަޖުފާން މި މުބާރާތުގެ ތަށި އުފުލާލި އަށް ވަނަ ފަހަަރެވެ. އެކަމަކު މިއީ ގައުމީ ތަށި ނަބާހާ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބީހާ ހޯދިއިރު ފައިނަލް މެޗު ނުކުޅެ އެވެ. އެއީ އޭނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އައިމިނަތު ޝަހުރުނާޒްގެ ފަޔަށް މުބާރާތުގެ މެޗެއްގެ ތެރެއިން ލިބުނު އަނިޔާއަކާ ހެދި ކުޅެވޭގޮތް ނުވުމުންނެވެ. ޝަހުރުނާޒްގެ އަނިޔާގެ ސަބަބުން އޭނާ ކުޅެން އޮތް އަންހެން ޑަބަލްސް ފައިނަލް ވެސް ވަނީ އިދިކޮޅު ޓީމަށް ލިބިފަ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބާހާ އާއި އައިމިނަތު ނަބާހާގެ ޕެއާ އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުން އަޖުފާން މޮޅުވީ ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދާ ވާދަކޮށެވެ. ނިބާލް އަކީ މިދިޔަ އަހަރުގެ ތިން ވަނަ އެވެ. އަޖުފާން މިދިޔަ އަހަރު ފައިނަލުން ބަލިވީ ޒަޔާން ޒަކީ އަތުންނެވެ. މި ފަހަރު ފައިނަލުން އަޖުފާން ފުރުސަތު ހޯދީ ސެމީގައި ޒަޔާން ބަލިކުރުމަށް ފަހު އެވެ.

ރޭގެ ފައިނަލުގެ ސެޓުތައް އަޖުފާން ވަނީ ފަސޭހަކަމާ އެކު ގެންގޮސްފަ އެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 21-12، 21-04 އިންނެވެ. އަޖުފާން ހިތްވަރާ އެކު ޕްރެޝަރު ނެތި ކުޅެމުންދިޔައިރު، ޒުވާން ނިބާލްގެ ފުރަތަމަ ފައިނަލް ކަމަށްވުމުން އޭނާ ފެނުނީ ޕްރެޝަރުގައި ކުޅުނުތަނެވެ. ފުރަތަމަ ސެޓުގައި ނިބާލް ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް ދެ ވަނަ ސެޓުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

"ފުރަތަމަ ފައިނަލް ވީމަ ވަރަށް ބޮޑަށް ފިނިވެފައި ހުރީ އެހާ ރަނގަޅަށް ނުކުޅެވުނު. އެކަމަކު މިއީ ވެސް އެކްސްޕީރިއަންސް އެއް. ފުރަތަަމަ ދެ އަހަރު ކުރިން ދެ ވަނަ ޑިވިޝަންގައި ކުޅުނީ. މިދިޔަ ފަހަރު ތިން ވަނަ ލިބުނީ. މި ފަހަރު ރަނަރަޕް. އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ،" ފައިނަލް މެޗާ ބެހޭގޮތުން ނިބާލް ބުންޏެވެ.

ފިރިހެން ޑަބަލްސް ތަށި ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއުގެ ޕެއާ ވަނީ ދިފާއުކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި ޝާމިއު އާއި އަފްޝީންގެ ޕެއާ ވަނީ ނަޝްފާން މުހައްމަދު އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19، 14-21، 19-21 އިންނެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ޒަޔާން އާއި ނަބާހާ ބަލިކުރުމަށް ފަހު އަހުމަދު ތޯއިފް އާއި ނަބީހާގެ ޕެއާ އިންނެވެ. މެޗުގެ ސެޓުތައް ދިޔައީ 22-20، 21-17 އިންނެވެ.

މި ފަހަރުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ސީއެސް ސްޕޯޓްސް އެވެ. ހުރިހާ މެޗަކުން މޮޅުވެގެން ސީއެސް ތަށި އުފުލާލީ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައިގެންނެވެ. ޓީމް އިވެންޓުގެ ޗެމްޕިއަންކަން އެންމެ ފަހުން ހަ ފަހަރު ވެސް ހޯދީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިންނެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ބައިވެރިނުވެ އެވެ.

އެހެން އަހަރުތަކުގައި ގައުމީ މުބާރާތާއި އަތޮޅު ލީގު އެއްކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަަހަރުގެ ދެ މުބާރާތް ވަކިން ކުރިއަށް ގެންދަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ވަނީ ނިންމައިފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން އިން ބާއްވާ ޓީމް އިވެންޓް ބެޑްމިންޓަން މުބާރާތް ކަމަށްވާ ޖުމްހޫރީ މުބާރާތް މިއަދު ފަށާނެ އެވެ.