ފޮނަދޫ ބަލިކޮށް ޕޮލިހުން ގައުމީ ތަށި އުފުލާލައިފި

ފޯރިގަދަ ކުޅުމަކަށް ފަހު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން މޮޅުވެ ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލާލައިފި އެވެ.


އެންމެ ފަހުން ދެ ފަހަރު ވެސް ޕޮލިސް ވަނީ ފައިނަލުގައި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން އަތުން ބަލިވެފަ އެވެ. އެކަމަކު ރޭގެ މެޗުގައި ޕޮލިހުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ދިޔައީ ޕޮލިހުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އެ ޓީމަށް ރަނގަޅަށް ހަމަޖެހިނުލެވުނުއިރު އޭގެ ފައިދާނަގައި ފޮނަދޫ ޓީމުން ދިޔައީ ކުރިހޯދަމުންނެވެ. ތަޖުރިބާކާރު ކުޅުންތެރިއާ އައިޝަތު ޝައްފަ އާއި ޖޫޒާން ޒަރީރު އަދި އައިޝަތު މާޖިދާގެ މޮޅު ކުޅުމާ އެކު ފޮނަދޫ އިން ފުރަތަމަ ސެޓު ގެންދިޔައީ 25-15 އިންނެވެ.

ފުރަތަމަ ސެޓު ގެއްލުމުން ޕޮލިހުން ދެ ވަނަ ސެޓުގައި ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. މި މެޗުން ޕޮލިސް މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ ކުޅުންތެރިއަކީ ތަޖުރިބާކާރު ކުޅުންތެރިޔާ ހައްވާ ރާޝިދާ އެވެ. އޭނާގެ ލީޑަޝިޕާ މުޅި ޓީމު އެކުލަވާލުމުގެ ކުޅަދާނަކަން މި މެޗުގައި ވަރަށް ރަނގަޅަށް ފެނުނެވެ. ދެ ވަނަ ސެޓު ފެށިގެން ޕޮލިހުން ރަނގަޅު ވަރެއްގައި ހިފެހެއްޓި އެވެ. ޕޮލިހުން މި ސެޓު 19-25 އިން ގެންދިޔައިރު އެ ޓީމުގެ ޒުވާން ކުޅުންތެރިއާ އައިމިނަތު ޝަހާ ޝާމިން ވަނީ ރަނގަޅު ޝޮޓުތަކެއް ފޮނުވާލައި މުހިއްމު ޕޮއިންޓްތަކެއް ހޯދައިފަ އެވެ.

ފޮނަދޫ އިން ތިން ވަަނަ ސެޓު ފަށައިގެން ކުރީގައި އޮތް ނަމަވެސް އެ ޓީމަށް މައްސަލަތައް ދިމާވީ ސެޓުގެ މެދުތެރެއިންނެވެ. ރަނގަޅު ލީޑެއްގައި އޮތް ނަމަވެސް ޕޮލިހުން ހިތްވަރާ އެކު ކުޅެން ފެށި ހިސާބުން ފޮނަދޫ އަށް ޑިފެންސްކުރަން އުނދަގޫވެ ގިނަ ގޯސްތަކެއް ހެދެން ފެށި އެވެ. މި ސެޓުގައި ފޮނަދޫގެ އެޓޭކްތައް ހުއްޓުވުމުގައި ޕޮލިހުގެ ލިބަރޯ ނުހާ ވަހީދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމުގެ ސެޓަރު އައިމިނަތު ޝާތިރާ ވެސް މޮޅަށް ކުޅުނެވެ. މުހިއްމު ވަގުތުގައި ތަފާތު ދައްކައި ހޯދި ޕޮއިންޓްތަކާ އެކު ޕޮލިހުން މި ސެޓު ގެންދިޔައީ 17-25 އިންނެވެ.

ޕޮލިހުގެ ހައްވާ (ކ) ފޮނަދޫ ކުޅުންތެރިއަކު އަތްމަތިން ޝޮޓެއް ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަތަރު ވަނަ ސެޓަށް ޕޮލިހުން ވަރަށް ޔަގީންކަމާ އެކު ނުކުމެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް މި ސެޓުގައި ފޮނަދޫ އިން ތަފާތު ދެއްކި އެވެ. ހާއްސަ ގޮތެއްގައި މި ސެޓުގައި ފޮނަދޫގެ ޝައްފަ އާއި މާޖިދާގެ ކުޅުން ފާހަގަކުރަން ޖެހެ އެވެ. އެ ދެ ކުޅުންތެރިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދެއްކި ތަފާތުގެ ނަތީޖާއަކަށްވީ 26-24 އިން ފޮނަދޫ އިން މި ސެޓު ކާމިޔާބު ކުރުމެވެ.

ވާދަވެރި ކުޅުމަކަށް ފަހު ހަތަރު ވަނަ ސެޓު ގެއްލުނު ނަމަވެސް ނަތީޖާ ނެރެން ކުޅުނު ސެޓުގައި ޕޮލިހުގެ ފަރާތުން މާޔޫސްކަމެއް ނުފެނެ އެވެ. އެ އަށް ވުރެން ބޮޑަށް އެ ޓީމު އޮތީ އާދަޔާހިލާފު ރޫހެއްގަ އެވެ. ފުރަތަމަ ޕޮއިންޓުން ފަށައިގެން ދެއްކި ހިތްވަރާ އެކު ޕޮލިހުން ވަނީ 08-15 އިން މި ސެޓު ކާމިޔާބުކޮށްފަ އެވެ. މި ސެޓުގައި ޕޮލިހުގެ ޑިފެންސް ބެލެހެއްޓުމުގައި ލިބަރޯ ނުހާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހައްވަގެ ބާރު ޝޮޓުތައް ހިފަހައްޓަން ފޮނަދޫ އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.

މިއީ ޕޮލިހުގެ ކޯޗު ހާލިދު މުހައްމަދު އަންހެން ޓީމެއް ގޮވައިގެން ގައުމީ މުބާރާތަކަށް ނުކުތް ފުރަތަމަ ފަހަރެވެ. އޭނާ ބުނީ މެޗުގައި އޭނާ ރޭވިގޮތަށް ކަންތައްތައް ދާން ފެށީ ދެ ވަނަ ސެޓާ ހަމައިން ކަމަށާއި އެ ފަހުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އޮތް ކަމަށެވެ.

"ފުރަތަމަ ސެޓުގައި ގޭމްޕްލޭން ވޯކްނުކުރި. އެކަމަކު ދެ ވަނަ ސެޓުން ފަށައިގެން ރޭވިގޮތަށް ދިޔައީ. އެ ހިސާބުން 100 ޕަސެންޓް ޔަގީންކަން ލިބިއްޖެ ކާމިޔާބު ކުރެވޭނެ ކަމުގެ. ގާތްގަނޑަކަށް ބުނަންޏާ މި ކާމިޔާބީގައި ފެނުނު އެއް ކަމަކީ ހައްވަގެ 100 ޕަސެންޓް މަސައްކަތް، މުޅި ޓީމު އޭނާ އަށް އެހީވެގެން ހަގީގަތުގައި މި ކާމިޔާބު ހޯދުނީ،" މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ހޯދި ހާލިދު ބުންޏެވެ.

މެޗުން މޮޅުވުމުން ޕޮލިހުގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޮނަދޫގެ ކޯޗު ސޮފްވާން އަހުމަދު ބުނީ ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ މައްސަަލަ ދިމާވިއިރު ފެންވަރު ރަނގަޅު ކުޅުންތެރިން ބެންޗުގައި ނެތުން ކަމަށެވެ.

"އަނިޔާގެ މައްސަލަ އެންމެ ބޮޑަށް ދިމާވީ. މި ޓީމުގައި ތިބީ އެއް ފެންވަރަށް ބަލާއިރު ވަރަށް ލިމިޓެޑް ޕްލޭޔަރުން. އަރާ ހަ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް އަނިޔާވެގެން ބަދަލުކޮށްލަން ބެންޗުގައި ނެތް އެ ވަރުގެ ކުޅުންތެރިއެއް. ދެން އިދިކޮޅަށް ނުކުތް ޕޮލިސް ޓީމަކީ އަބަދު މުބާރާތްތަކުގައި ކުޅޭ ޓީމެއް. ރަނގަޅު ރޫހެއްގައި މޮޅަށް ކުޅެގެން އެ ޓީމު މޮޅުވީ،" ސޮފްވާން ބުންޏެވެ.

"ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާ ހައްވަ ހުރީ އެ ޓީމުގައި. ދެން އަރަމުން އަންނަ ކުޅުންތެރިންނަށް ބަލާއިރު އެންމެ މޮޅު ކުޅުންތެރިއާ ޝަހާ ވެސް ހުރީ އެ ޓީމުގައި."

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ ހައްވަ އެވެ. ޑްރީމްޓީމުގައި ހިމެނެނީ އޭނާގެ އިތުރުން ނުހާ އާއި ފޮނަދޫގެ ޝައްފަ އާއި ޖޫޒާން އާއި މާޖިދާ އަދި ހައްވާ ސަހާގެ އިތުރުން ކްލަބް ވެމްކޯގެ ޝައުފާ އާދަމް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޕޮލިހުގެ ޝަހާ ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ޕޮލިހެވެ.