ލީޑެއްގައި އޮތަސް ދެ ވަނަ ބުރު ވަރަށް އުނދަގޫވާނެ: ނިޒާމްބެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ކުރީގައި ލީޑެއްގައި އޮތް ނަމަވެސް މި ބުރު އެ ޓީމަށް ވަރަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ޓީސީ އެއް ވަނައިގައި އޮތީ 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 20 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާޒިޔާގެ އޮތީ 19 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 18 ޕޮއިންޓް ލިބުނުއިރު ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ

ހަ ވަނައިގައި އޮތް ވިކްޓަރީ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި ފޯކައިދޫ އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި އޮތް ނިލަންދޫ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ބ. ފެހެންދޫ ނުވަ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ތ. ތިމަރަފުއްޓަށް ލިބުނީ އެންމެ ޕޮއިންޓެެކެވެ. ލީގުގެ ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމެވެ. އެހެންކަމުން ފެހެންދޫ އާއި ތިމަރަފުށި ވަނީ ރެލިގޭޓްވެފަ އެވެ.

މިދިޔަ އަހަރުތަކުގައި ސީޒަންގެ ފަހު ކޮޅުގައި ގާތްގާތުގައި މެޗުތައް ކުޅެގެން ގިނަ ޓީމުތަކަށް އޭގެ ގޯސް އަސަރުތަކެއް ވަނީ ކޮށްފަ އެވެ. މުހިއްމު ކުޅުންތެރިންނަށް އަނިޔާވެ ފަހު ކޮޅުގައި ފޯމު ގެއްލުމުގެ މައްސަަލަތައްވަނީ ކުރިމަތިވެފަ އެވެ. އޭރު ވެސް ގިނަ ޓީމުތަކެއްގެ ކޯޗުން ވަނީ އެކަމާ ޝަކުވާކޮށްފަ އެވެ.

"ތެދުތެދަށް ބުނާކަމަށްވާނަމަ ދެ ވަނަ ބުރުގެ ޝެޑިއުލަކީ މިއީ ހަަމަ އަންއެކްސްޕެކްޓެޑް އެއްޗެއް. އެއްގޮތަކަށް ވެސް ހިއެއް ނުކުރަން އެހެން އަންނާނެ ކަމަކަށް. މިިދިޔަ ތިން ވަރަކަށް އަހަރު މި ވާހަކަ އެންމެ ވަރުގަދަ އަށް ދެއްކިއިރު ތިބި މީސްމީހުން މީތި މި ރޭވީ. ރޭވިއިރު ވިސްނާލަންޖެހޭނެ މި ދަނީ ސީޒަނެއްގެ ފަހުކޮޅަށް،" ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ށ. ފޯކައިދޫ އަތުން ބަލިވި މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

ދެ ވަަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ތިން ދުވަހުން މެޗެއް ކުޅެން ޓީމުތަކަށް ޖެހެ އެވެ. ގައުމީ ޓީމު މެލޭޝިއާއާ ދެކޮޅަށް އަންނަ މަހު ތިން ވަނަ ދުވަހު ކުޅޭ މެޗަށް ވަނީ މި މަހު 31 އިން ފެށިގެން އަންނަ މަހު ހަ ވަނަ ދުވަހަށް ބްރޭކް ދީފަ އެވެ.

މި ފަހަރުގެ ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން ލީގު ވަނީ 70 ދުވަހަށް މެދުކަނޑާލައިފަ އެވެ. އޭގެ އިތުރުން ވެސް ކުޑަ ބަދަލުތަކެއް ޝެޑިއުލަށް އަ އެވެ. މި ހުރިހާ ބްރޭކްތަކުގެ ސަބަބުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަސްލު ކުޅުން ދައްކަން އުނދަގޫވެފައިވާ ކަމަށް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.

"ދެން އަނެއްކާ ވެސް މި ޖެހެނީ ގާތްގާތުގައި މެޗުތައް ކުޅެން. ހަތަރު ދުވަހުން ތިން ދުވަހުން މެޗެއް އެބަ ކުޅެންޖެހޭ. އަސްލު ކުޅުންތެރިންނަށް ވަރަށް ބޮޑު ލޯޑެއް ދޭން މި ޖެހެނީ. ވަރަށް ބޮޑަށް ވިސްނައިގެން ކުޅުންތެރިން ރަނގަޅު ވަރެއްގައި ހިފެހެއްޓޭނީ،" ނިޒާމްބެ ބުންޏެވެ.

މިހާލަތުގައި ކުޅެން ޖެހޭއިރު ވެސް ކްލަބްތަކުގެ ހާލަތު އޮތްގޮތުން އިތުރަށް ކަންތައްތައް ރާވަން ދަތިތަކެއް ހުރިކަން ވެސް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.

"ދެން މިހާލަތުގައި މެޗުތައް ކުޅެން ޖެހޭއިރު ކުޅުންތެރިންގެ ވެއިޓް ޓްރޭނިން ހަދާލާނެ ޖިމެއްހާ ހިސާބު ވެސް ނެތް. މިއީ ކްލަބްތަކުގެ ޒިންމާއެއް. އެކަމަކު އެ ފެންވަރު ނެތީމަ ކުރެވޭނެ ކަމެއް ނެތް. އެ ހުރިހާ ކަމެއް އެހެން އޮތަސް ވީ އެންމެ ރަނގަޅަށް ހިފެހެއްޓޭތޯ ބަލާނަން،" އޭނާ ބުންޏެވެ.

ގަދަ އަށް ޓީމުގެ މެދުގައި ކުޅޭ ދެ ވަނަ ބުރުގެ ކުޅުން ފަށާނީ މިއަދު ހަވީރު މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުންނެވެ. މުބާރާތުގައި މިރޭ އީގަލްސް ނުކުންނާނީ ފ. ނިލަންދޫއާ ދެކޮޅަށެވެ. ލީގުގައި މާދަމާ ހަވީރު ޓީސީ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅެން އޮތް މެޗަށް މާލީ މައްސަލަތަކެއްގެ ސަބަބުން ވިކްޓަރީ ހާޒިރުނުވުމުން އެ މެޗު ވަނީ ޓީސީ އަށް ލިބިފަ އެވެ. ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ފޯކައިދޫއާ އެވެ.