ހީޓުގެ ތިން ވަނަ ނިޝްވާން ހޯދައިފި

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 50 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުގެ ތިިން ވަނަ ހީޓުގެ ތިން ވަނަ ރާއްޖޭގެ އެންމެ ބާރު ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ހޯދައިފި އެވެ.


އެކަމަކު 85 ބައިވެރިން 11 ހީޓެއްގައި ވާދަކުރި މި އިވެންޓުގެ ސެމީ ފައިނަލަށް ހޮވުނު 16 ފެތުންތެރިންގެ ތެރޭގައި އޭނާ ލައްވާނުލަ އެވެ.

ނިޝްވާން ހީޓުގެ ތިން ވަނަ ހޯދީ 26.72 ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެންނެވެ. ދެކުނު އެފްރިކާގެ ޑާބަންގައި ތަމްރީން ހަދަމުން އަންނަ ނިޝްވާނަކީ މި އިވެންޓުން ރާއްޖޭގެ ގައުމީ ރެކޯޑް ވެސް އޮންނަ ފެތުންތެރިޔާ އެވެ.

މި ހީޓުގެ އެއް ވަނަ ހޯދީ 26.17 ސިކުންތުން ރޭސް ނިންމި މައިކްރޯނޭޝިއާގެ ޑިއޮނިސިއޯ އޮގަސްޓިން އެވެ. ދެ ވަނަ އަށް ރޭސް ނިންމީ ލާއޯސްގެ ސަންޓިސޫކް އިންތަވޮންގެވެ. އޭނާގެ ޓައިމިން އަކީ 26.54 ސިކުންތެވެ.

އެގާރަ ހީޓުގައި ފެތި ފެތުންތެރިންގެ ތެރެއިން އެއް ވަނައިގެ ގޮތުގައި ސެމީ އަށް ދިޔައީ 21.49 ސިކުންތުން ރޭސް ނިންމި ޔޫކްރޭނުގެ އެންޑްރީ ހޮވޮރޯފް އެވެ. ދެ ވަނަ އަށް ދިޔަ އެމެރިކާގެ ނަތަން އެޑްރިއަން ރޭސް ނިންމީ 21.61 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔައީ، 21.63 ސިކުންތުން ރޭސް ނިންމި އެމެރިކާގެ އެންތަނީ އެރްވިން އެވެ.

ގޭމްސްގައި ރާއްޖޭން ވާދަކުރާ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަން ވަނީ ރޭ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. ސަޖަން ރެކޯޑް އާކުރީ 01:05.71 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް ކުރިން ވެސް އޮތީ ސަަޖަން އަތުގަ އެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރު ފްރީސްޓައިލް އިވެންޓް 01:06.60 ސިކުންތުން ނިންމައިގެންނެވެ.

ސަޖަން ވާދަކުރި ހީޓުން އޭނާ ދިޔައީ އަށް ވަނަ އެވެ. އެ ހީޓުގެ އެއް ވަނަ ހޯދީ 57.85 ސިކުންތުން ނިންމި އުރުގުއޭގެ އިނެސް ރެމެސާރޯ އެވެ.

ކޮލިފައިނުވާ ގައުމުތަކަށް ދޭ ހާއްސަ ޖާގައިގެ ދަށުން ރާއްޖޭން ވާދަކުރާއިރު، ސަޖަން އާއި ނިޝްވާންގެ އިވެންޓް ނިމުމާ އެކު ރާއްޖެ އަށް މި ފަހަރުގެ އޮލިމްޕިކްސްގެ ސްވިމިން އިވެންޓްތައް ވަނީ ނިމިފަ އެވެ. ދެން އޮންނާތީ އެތުލެޓިކްސް އިން ވާދަކުރާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އަފާ އިސްމާއިލްގެ އިވެންޓެވެ.