ގައުމީ މުބާރާތަށް ހުޅުމާލޭގެ ކޯޗަކަށް ކާއްޓެ

މިއަދު ފަށާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރާ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ހަމަޖައްސައިފި އެވެ.


އެންމެ ފަހުން ބޭއްވި އެސޯސިއޭޝަން ކަޕްގައި ހުޅުމާލެ ޓީމަށް އިރުޝާދުދިނީ އަހުމަދު ސުނާން އެވެ. އެސޯސިއޭޝަން ކަޕުގައި ހުޅުމާލެ ޓީމަށް ލިބުނީ ތިން ވަނަ އެވެ. އެ ޓީމު ވަނީ ތިން ވަނަ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވެފަ އެވެ.

ކާއްޓެ ވަނީ މި އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ބަނޑޮހު ޓީމަށް އިރުޝާދުދީފަ އެވެ. ބަނޑޮހުން ވަނީ ބޮޑުކާއްޓެގެ ކޯޗުކަމުގައި މި ފަހަރުގެ އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ. އަދި އެ މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ހޯދީ ވެސް ކާއްޓެ އެވެ.

ހުޅުމާލެ ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ކާއްޓޭގެ ކޮއްކޮ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، މުހައްމަދު އަހުސަން، އަޝްފާގު އާދަމް (އައްކަޅޭ) އަދި ޖަވާމް އަލީ (ދަގަނޑޭ) ހިމެނެ އެވެ. އެ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިއަކީ އިންޑިއާގެ އަމިތު އެވެ.

ގައުމީ ލީގު ކެންސަލްކުރުމުން ގައުމީ މުބާރާތަށް ޓީމުތައް ހޮވީ އެސޯސިއޭޝަން ކަޕުންނެވެ. މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރަނީ އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމެވެ. އެ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ.

ގްރޫޕް އޭގައި ހިމެނެނީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ސިފައިންނާއި ގުޑީސް ސްޕޯޓްސް ކްލަބް އަދި މަލްސާން ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ބީގައި ހިމެނެނީ އެސޯސިއޭޝަން ކަޕުގެ ރަނަރަޕް ޕޮލިހާއި ހުޅުމާލެ އަދި އާއި ސްޕޯޓްސް ކްލަބް އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޕޮލިސް ނުކުންނާނީ އާއި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިރޭގެ މެޗުގައި ސިފައިން ބައްދަލުކުރާނީ ގުޑީސްއާ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހުގެ ރޭގަ އެވެ. ގައުމީ މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ސިފައިން ހޯދީ ފައިނަލުގައި މޯލްޑިވިއަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.