ޕޮލިހާއި ސިފައިން ސެމީން ޖާގަ ހޯދައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ސިފައިން މޮޅުވީ މަލްސަން ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ސިފައިން ފުރަތަމަ ސެޓު ގެންދިޔައީ 25-13 އިންނެވެ. ދެ ވަނަ ސެޓުގައި މަލްސަން އިން ކުޅުން ރަނގަޅުކުރިއިރު، ސިފައިންނަށް މި ސެޓުގައި ކުރި ލިބުނީ 25-23 އިންނެވެ. ތިން ވަނަ ސެޓު 25-22 އިން ގެންގޮސް ސިފައިން މެޗު ކާމިޔާބުކުރި އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމަށް ކުޅެމުން އަންނަ ޕާކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ވަސީމް އެވެ.

ގައުމީ މުބާރާތަށް ހުޅުމާލެ ސްޕޯޓްސް ކްލަބް ނުކުތީ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ)ގެ ކޯޗުކަމުގަ އެވެ. ރޭގެ މެޗުގައި ޕޮލިހާ ވާދަކޮށް ހުޅުމާލެ ބަލިވީ 3-1 ސެޓުންނެވެ. ޕޮލިސް ވަނީ އެސޯސިއޭޝަން ކަޕްގައި ވެސް ހުޅުމާލޭގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔައީ 25-19، 25-23 އިންނެވެ. ތިން ވަނަ ސެޓު ވަރަށް ވާދަވެރިކޮށް ދިޔައިރު ޕޮލިހަށް ސީދާ ތިން ސެޓުން ގެންދިޔަނުދީ ހުޅުމާލެ ވަނީ މި ސެޓު 26-28 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ތިން ވަނަ ސެޓުގައި ދެއްކި ހިތްވަރު ހުޅުމާލެ ޓީމަށް ހަތަރު ވަނަ ސެޓުގައި ދެއްކޭ ގޮތެއްނުވި އެވެ. ނަތީޖާއަކަށްވީ މި ސެޓު 25-19 އިން ގެންގޮސް ޕޮލިސް މެޗު ކާމިޔާބުކުރުމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އަލީ ހުޒާމް (ހުޒާންޓެ) އެވެ.

ސެމީ ފައިނަލުގެ އަނެއް ޖާގަތައް ކަށަވަރުވާނީ މިއަދުގެ މެޗުތަކަށް ފަހު އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ މަލްސަންއާ އެވެ. މިރޭގެ މެޗުގައި ހުޅުމާލެ ނުކުންނާނީ އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބް (އާއި)އާ ދެކޮޅަށެވެ.

މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާ ހަވީރު ކުޅޭނީ ކޮންމެ ގްރޫޕެއްގެ ދެ ވަނަ އަށްދާ ޓީމެވެ. މާދަމާރޭ ކުޅޭ ފުރަތަމަ ސެމީ ފައިނަލުގައި ޕޮލިސް ބައްދަލުކުރާނީ ސިފައިންނާ އެވެ. ޕޮލިހާއި ސިފައިން ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ޖެހޭނީ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ ތިން ވަނަ ސެމީގައި ބައްދަލުކުރާށެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ތަށި ސިފައިން އުފުލާލީ ފައިނަލުގައި މޯލްޑިވިއަންގެ މައްޗަށް ކުރިހޯދައިގެންނެވެ.