ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަތަރު ގޯލާ އެކު އެ ޓީމުން 7-0 އިން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ.


ރިޒޭ ވަނީ މި ފަހަރު ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ. ރިޒޭގެ ހެޓްރިކްގެ ސިލްސިލާ އަށް ނިމުމެއް އައީ އީގަލްސް އެންމެ ފަހުން ކުޅުނު މެޗުން މާޒިޔާ އަތުން ބަލިވުމުންނެވެ. އެކަމަކު މިއަދުގެ މެޗުގެ ގޯލުތަކާ އެކު ރިޒޭ މި ވަނީ ހަތް މެޗުން 20 ގޯލު ޖަހައިފަ އެވެ. މުޅި ސީޒަނުގައި އެއްކޮށް އޭނާ ވަނީ 27 ލަނޑު ޖަހައިފަ އެވެ.

ރިޒޭ ވަނީ ތ. ތިމަރަފުއްޓާއި ގްރީން ސްޓްރީޓްސް ތެރެއިން ކޮންމެ ޓީމެއް ކޮޅަށް ހަތަރު ގޯލު ޖަަހައިފަ އެވެ. އަދި ފ. ނިލަންދޫއާ ދެ ކޮޅަށް ދެ ބުރުގައި ވެސް ހެޓްރިކް ހެދިއިރު، ށ. ފޯކައިދޫ އާއި ބ. ފެހެންދޫ ކޮޅަށް ވެސް ހެޓްރިކް ހެދި އެވެ.

މިއަދުގެ މޮޅާ އެކު އީގަލްސް ވަނީ 12 މެޗުން 26 ޕޮއިންޓާ އެކު ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު މިރޭ ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ އަލުން އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ. މާޒިޔާ ތިން ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ.

މެޗު ފަށައިގެން ލަނޑުޖަހާނެ ފުރަތަމަ ފުރުސަތު ލިބުނީ އީގަލްސް އަށެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި އީގަލްސްގެ މުހައްމަދު ނާއިމް ހުސްކޮށްލާފައި ހަސަން ރާއިފް (ހަންނަ) އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ނާއިމް އާއި ހަންނަ އަދި ރިޒޭ ފޮނުވާލި ބޯޅަތައް ވެސް ހުއްޓުވީ ލަބާން އެވެ.

އީގަލްސް އަށް ލީޑުނަަގައިދިނީ މެޗުގެ 24 ވަނަ މިނިޓްގައި ރިޒޭ އެވެ. އޭރިއާ ތެެރެއިން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރިޒޭ ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ރިޒޭ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ރިޒޭ ވަނީ ކީޕަރު ލަބާން އަތުގައި ޖައްސާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން މެޗުގެ 36 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު އިރުފާން އާދަމް ނަސީރު ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ ސަމްދޫހު މުހައްމަދު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 43 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަހުމަދު ރިލްވާން (ރިލޭ) އަށް ހުސްކޮށް ލިބުނު ފުރުސަތަކުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބުމުން ގްރީން ސްޓްރީޓްސްގެ ޔޫކްރޭނު ފޯވާޑް ރަސެލް ބިލާލް ޖެހި ބޯޅަ އީގަލްސް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން އީގަލްސް އިން އެޓޭކްކުރަމުންދިޔައިރު އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 56 ވަނަ މިނިޓްގައި ހަންނަ އެވެ. ނާއިމް ޖެހި ބޯޅަ ކީޕަރު ލަބާން އަތުގައި ޖެހިފައި ލިބުނީ ހަންނަ އަށެވެ. ހަންނަ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރިޒޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ރަސެލް އޭރިއާތެރެއިން ފޮނުވާލި ބޯޅަ ސުޖަން ވަނީ މަަތަކޮށްފަ އެވެ. އޭގެ ފަހުން އެ ޓީމުގެ އަބްދުﷲ މިސްބާހު އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، މުހައްމަދު ރިސްވާން (ފުކޭ) ޖެހި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ.

އީގަލްސްގެ ހަންނަ (ކ) ގްރީން ސްޓްރީޓްސްގެ ސާއިފް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ފަސް ވަނަ ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި ޖެހީ ރިޒޭ ހުސްކޮށްލާފައި ދިން ބޯޅައަކުން ނާއިމް އެވެ. އޭގެ ހަ މިނިޓް ފަހުން ނާއިމް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. އިތުރުވަގުތުގައި ރިޒޭ ވަނީ އީގަލްސްގެ ހަތް ވަނަ ލަނޑު ޖަހައިފަ އެވެ.

މި މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އަށް ލީގުގެ ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ގްރީން ސްޓްރީޓްސް ލީގުގެ ފަސް ވަނައިގައި އޮތީ 12 މެޗުން 20 ޕޮއިންޓާ އެކު އެވެ. ނިއު ލީގުގެ ހަތަރު ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.

މެޗާ ބެހޭގޮތުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ އެ ޓީމުގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނުނު މެޗެއް ކަމަށާއި އެ ވަރުގެ މެޗެއްގައި އިދިކޮޅުގައި ހުރީ ތަފާތު ފޯމެއްގައި ހުރި ރިޒޭކަމަށް ވުމުން ނަތީޖާގެ ފަރަގު ބޮޑުވީ ކަމަށެވެ.

"ރިޒޭ އެ ހުރީ އޭނަގެ ޓޮޕް ފޯމުގައި ހައެއްކަ މެޗުން އެ ޖެހީ 20 ގޯލު. މީގެ ގޯލުގެ އަދަދު ތަންކޮޅެއް ގިނަ މިއީ ގަބޫލުކުރެވޭނެ ނަތީޖާއެއް ނޫން. މީގެއިން ދެން ގްރީން ކުރިއަށްދާން ބަލާއިރު ވާނެ މާބޮޑު ގެއްލުމެއް ނެތް. ގްރީންގެ ހަމައެކަނި ޓާގެޓަކަށް މިއޮތީ އެންމެ ކައިރިން އޮތް ޓީމެއް އަތުލަން. އެހެން ބަލާއިރު ނިއު ރޭޑިއަންޓް އެކަނި މިއޮތީ. އެ ޓާގެޓަށްދާއިރު އަދި އެހާ ބޮޑު މައްސަލައެއް ނެތް." ސުޒޭން ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ އުއްމީދުކުރި ވަރަށް ވުރެން ރަނގަޅު ނަތީޖާއެއް ކަމަށެވެ.

"އެ މީހުން (ގްރީން ސްޓްރީޓްސް) އަށް ވެސް ވަރަށް ގިނަ ބޯޅަތަކެއް ލިބުނު. އެކަމު ސުޖަންގެ މޮޅު ކަމުން ސްކޯ ބޯޑުގައި ސުމެއް އިނީ. އަޅުގަނޑުމެންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފި. މި ނަތީޖާ އަކީ ވަރަށް ބޮޑު ނަތީޖާއެއް އެއްގޮތަކަށް ވެސް އުއްމީދުނުކުރާ ވަރުގެ ނަތީޖާއެއް." މޯހަން ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފ. ނިލަންދޫ އާއި މާޒިޔާ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.