ހުޅުމާލެ ކަޓުވާލައި ޕޮލިސް ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީ ފައިނަލުގައި ރޭ ހުޅުމާލެ ސްޕޯޓްސް ކްލަބް ކަޓުވާލުމަށް ފަހު ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ހުޅުމާލެ އަތުން ފަހަތުން އަރައި ޕޮލިސް މޮޅުވީ 3-1 ސެޓުންނެވެ. މި މެޗުގައި ތަފާތު ދެއްކީ މީގެ ޕޮލިހަށް މޮޅު ކުޅުމެއް ދެއްކި ޕާކިސްތާންގެ ކުޅުންތެރިއާ މުރާދު ޖީހާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މުރާދު އެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިހަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ފައިދާ ނަގައި ހުޅުމާލެ އިން މި ސެޓު ގެންދިޔައީ 22-25 އިންނެވެ. ޕޮލިހުން ކުޅުން ރަނގަޅުކުރީ ދެ ވަނަ ސެޓުން ފެށިގެންނެވެ. މުރާދުގެ ފަރާތުން ބާރު ޝޮޓުތަކެއް ފެނުނު މި މެޗުގައި އެ ޓީމުން ދެން ކުޅުނު ތިން ސެޓު ގެންދިޔައީ 25-17، 27-25 އަދި 25-19 އިންނެވެ.

ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި މުހައްމަދު އަހުސަން ހިމެނޭ ހުޅުމާލެ ޓީމަށް ގައުމީ މުބާރާތުގައި ކޯޗުކޮށްދިނީ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) އެވެ. މި މުބާރާތުގައި ވެސް ހުޅުމާލެ ހުއްޓުވީ ޕޮލިހުންނެވެ. ޕޮލިސް ވަނީ ހުޅުމާލެ އަތުން ހަތަރު މެޗުން މޮޅުވެފަ އެވެ.

އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޕޮލިސް ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ. އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ސެމީގައި ޕޮލިހުން ވަނީ ސިފައިންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލުން ސިފައިން ވަނީ ޕޮލިސް ބަލިކޮށްފަ އެވެ. އަދި މި މުބާރާތުގެ ފައިނަލުން ސިފައިން ފުރުސަތު ހޯދީ ފުރަތަމަ ސެމީގައި ޕޮލިހުގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބުނު މުއްދަތަށް ފައްތައިގެން މުބާރާތްތައް ކުރިއަށް ގެންދަން ޖެހޭތީ ވޮލީބޯލް އެސޯސިއޭޝަނުން ވަނީ މި ފަހަރުގެ ގައުމީ ލީގު ކެންސަލްކޮށްފަ އެވެ. ގައުމީ މުބާރާތުގައި ކުޅުނީ އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމެވެ.

މިދިޔަ އަހަރު ގައުމީ ތަށި އުފުލާލީ ސިފައިންނެވެ. ފައިނަލުގައި ސިފައިން ކުރިހޯދީ މޯލްޑިވިއަންގެ މައްޗަށެވެ.