ދަަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަށް ބޮޑު ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ)ގެ ގޯލުން 1-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.


ޓީސީ ލީގުގެ އެއް ވަނައިގައި އޮތީ 13 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 12 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ މިއަދު ހަވީރު ފ. ނިލަންދޫ އަތުން މޮޅުވި ނިއު ރޭޑިއަންޓް އެވެ. ނިއު އަށް 13 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް އީގަލްސްގެ އޮތީ 12 މެޗުން 26 ޕޮއިންޓެވެ.

މި މެޗަށް ނުކުތްއިރު ލީގުގައި މިހާތަނަށް ޓީސީ އަތުން މޮޅެއް ހޯދުނު ހަމައެކަނި ޓީމަކީ ގްރީން ސްޓްރީޓްސް އެވެ. އެހެންކަމުން ޓީސީން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އަތުންވި ބަލީގެ ބަދަލުހިފައި އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގުމުގެ އަޒުމުގަ އެވެ. ޓީސީން ވަނީ މެޗުން މޮޅުވެ އެއް ވަނައިގައި ހަމަޖެހިލައިފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗުން މޮޅުވުމުން އެންމެ ހިތްހަމަ ޖެހޭ ކަމަކީ ފަހަތުގައި ޖައްސާފައި އޮތް ޓީމުތަކާ އޮތް ފަރަގު ބޮޑުވުން ކަމަށެވެ.

"އެންމެ މުހިއްމީ ތިން ޕޮއިންޓް ހޯދަން. އެއީ ފަހަތުގައި އޮތް ޓީމުތަކަށް ޕްރެޝަރު ވެސް ކޮށްލަން. މި ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހެނީ އެ ނޫން އެއްވެސް ކަމެއް ނެތް. ކަލްކިއުލޭޝަންތަކެއް އެބައޮތް ޓީސީ އަށް ލީގު ގެއްލޭނެ. ވިސްނަން ޖެހޭނީ އެންމެ ނުރައްކާގޮތަށް. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެން ބޮޑަށް ޓީސީ އަށް އެބައޮތް އަމިއްލަ ބާރުގައި މިކަން ނިންމެން. އެ ގޮތަށް ކުރިއަށް އޮތް މެޗުތަކަށް ވިސްނުން އޮތީ،" ނިޒާމްބެ ބުންޏެވެ.

ޓީސީން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، މެޗުގެ ހަތަރު ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އޭރިއާ ތެރެއިން ޓީސީގެ ދަގަނޑޭ އަށް ފައުލުކުރި ކަމަށް ބުނެ ޕެނަލްޓީއަަކަށް އެޕީލްކުރި ނަމަވެސް ރެފްރީ އާދަމް ފަޒީލް ނިންމީ ފައުލެއް ނުވާ ކަމަށެވެ.

މިރޭގެ މެޗުގެ ތެރެއިން ދަގަނޑޭ (ވ) އަތުން ބޯޅަ ހޯދަން ގްރީން ސްޓްރީޓްސްގެ ލަބާން ޓެކުލްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެޗުގެ 15 ވަނަ މިނިޓްގައި ޓީސީގެ ސާދު ނިޒާރު ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ފުލުފުލުގައި ޓީސީގެ މުހައްމަދު އައްޒާމް އާއި އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅަތައް ވެސް ކީޕަރު ލަބާން ވަނީ ހުއްޓުވައިފަ އެވެ.

ޓީސީން ވަނީ މެޗުގެ 25 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. ދަގަނޑޭ ނަގައިިދިން ހިލޭޖެހުމަކުން ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އެކަމަކު އޭރު އެ ބޯޅަ ޖަހަން އަރައި ހުރި ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު ހުރީ އޮފްސައިޑް ކަމަށް ބަލާފައި ރެފްރީ އެ ލަނޑުނުލަ އެވެ. ޓީސީ ބެންޗުން ވަނީ އެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އަށް މެޗުގެ 36 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފުރަތަމަ ހާފުގެ ފަހު ހަމަލާ ފޮނުވާލީ ޓީސީގެ ދަގަނޑޭ އެވެ. އެ ބޯޅައިގެ ހުރަހަކަށްވީ ވެސް މޮޅުކުޅުމެއް ދައްކަމުންދިޔަ ކީޕަރު ލަބާން އެެވެ.

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ދެ މިނިޓް ތެރޭ ޓީސީން ފޮނުވާލި ދެ ބޯޅައެއް ލަބާން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ދަގަނޑޭ ޖެހި ބޯޅައެއް އަރިމަތިން ދިޔައިރު، ސައްޓު ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ޓީސީން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 58 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ސައްޓު ޖައްސާލި ބޯޅައެއް މުހައްމަދު ސާމިރު ފައިގައި ޖެހިފައި ދަގަނޑޭ އަށް ލިބުމުން އޭނާ އެއް ފަހަރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. ލީޑުފުޅާކުރަން މެޗުގެ 72 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދޭން މެޗުގެ 88 ވަނަ މިނިޓްގައި ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމިން އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އޭރިއާ ތެރެއިން ހުސްކޮށް ޔާމީން އަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ޓީސީގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް އަތަށެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ޓީސީ އަށް ލިބުނު ހައްގު މޮޅެއް ކަމަށާއި އޭނާ އަށް ގަބޫލުކުރެވޭގޮތުގައި ޓީސީ އަށް ލީގު ގެއްލުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ.

"ޓީސީ ވަރަށް ރަނގަޅަށް ޓީމު ހިފަހައްޓައިގެން ވަރަށް އުނދަގުލުން ކުޅުނު ސީޒަނެއް މިއީ. ދެން އެ މީހުންނަށް މަރުހަބާ ވެސް ކިޔަން. ޓީސީ އަށް ލީގު ގެއްލުމުގެ ފުރުސަތު ވަރަށް ކުޑަ. އެއީ ނިޒާމްބެގެ ތަޖުރިބާގެ އަލީގައި ވަރަށް ކުޑަކުޑަ ކަމެއް ކޮށްލަން ޖެހެނީ،" ސުޒޭން ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު އީގަލްސް ބައްދަލުކުރާނީ ށ. ފޯކައިދޫއާ އެވެ. މާދަމާރޭ ވިކްޓަރީ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.