މާޒިޔާ އަލުން ދެ ވަނަ އަށް

ވިކްޓްރީ އަތުން 3-0 އިން މޮޅުވެ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަލުން އަރައިފި އެވެ.


މި ދެ ދުވަހު ކުޅުނު މެޗުތަކަށް ފަހު މަގާމަށް ބަދަލު އައިސްފައި ވަނިކޮށް މާޒިޔާ އަލުން ދެ ވަނަ އަށް އެރީ 31 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 36 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. ތިން ވަނައިގައި 29 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު ހަތަރު ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓެވެ. ވިކްޓްރީ އޮތީ 10 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

މިރޭގެ މެޗުގައި މާޒިޔާގެ ފުރަތަމަ ދެ ގޯލް ޖެހީ ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓެވެ. ފަހު ލަނޑު ޖެހީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާ އަށް ސްޓެވާޓް ލީޑު ނަގައިދިނީ 12 ވަނަ މިނެޓުގަ އެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭނާ ވައްދާލީ ގޯލުގެ ކަނަށެވެ.

ދެ ވަނަ ހާފުގައި މާޒިޔާގެ ދެ ވަނަ ގޯލް އޭނާ 50 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ނާއިޒް ހަސަން (ދާދު) އަށް ވިކްޓްރީގެ އާދަމް އިޝާމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މާޒިޔާގެ ތިން ވަނަ ގޯލް 54 ވަނަ މިނެޓުގައި ޖެހުމާ ވަރަށް ގާތަށް އަސަދުﷲ ދިޔަ އެވެ. އެކަމަކު ސްޓެވާޓް ދިން ބޯޅަ އޭނާ ގޯލް ކުރިމަތީ ހުހަށް ހުރެ ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އެކަަކު 68 ވަނަ މިނެޓުގައި ދާދު ވަރަށް ހިތްގައިމުކަމާ އެކު ވިކްޓްރީގެ ޑިފެންސް ކައިރިން ނައްޓާލާފާއި ޖައްސާލި ބޯޅަ ގޯލަށް ވައްދާލައި އަސަދުﷲ ވަނީ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އެންމެ ބޮޑު ޓާގެޓަކަށް ވެފައި އޮތީ އަލުން ދެ ވަނަ މަގާމް ހޯދުން ކަމަށާއި ރަނގަޅު ކުޅުމަކަށް ފަހު މޮޅުވެ އެ މަގާމް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ޓީމެއްގެ ގޮތުގައި ކުޅުނުތަން ފެނިގެން ދިޔައީ،" އިންމަ ބުންޏެވެ.

އޭނާ ބުނީ މާޒިޔާގެ އަމާޒަކީ ލީގުގައި ދެވޭ އެންމެ މައްޗަކަށް ދިއުން ކަމަށާއި އެހެންވެ މިވަގުތު ޕޮއިންޓެއް ގެއްލުވާލެވެން ނެތް ކަމަށެވެ.

"އެފްއޭ ކަޕް ނެތުމާ އެކު ސީޒަނުގައި މިހާރު ހާސިލްކުރެވެން އޮތް އެއްޗެއް ކުރެވެން އޮތީ ލީގުން. އަޅުގަނޑުމެން މިތިބީ އަތުގައި އޮތް ބާރެއްގެ ބޭނުން ހިފައި ދެވޭ އެންމެ މައްޗަކަށް ދާން ތައްޔާރުގައި،" އިންމަ ބުންޏެވެ.

ވިކްޓްރީގެ އެސިސްޓަންޓް ކޯޗު އަލީ ޝަރީފް ބުނީ ޓީމުގެ ހާލަތު ދަށްވެ ފޯރިކެނޑިފައިވާ މި ދަނޑިވަޅުގައި ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހިތްހަމަޖެހޭ ފަދަ ކުޅުމެއް ކަމަށެވެ. އޭނާ ބުނީ މާޒިޔާގެ ތަފާތަކީ ލިބުނު ފުރުސަތުގެ ބޭނުން ހިފުން ކަމަށާއި ވިކްޓްރީގެ ފަރާތުން ވެސް ރަނގަޅު ޕާސިން ގޭމެއް ފެނުނުކަން އޭނާ ފާހަގަކުރި އެވެ.