މަހިބަދޫ ދަނޑު ހުޅުވާ މެޗުގައި ދަގަނޑޭ އާއި އިމްރާންގެ ކުރިމަތިލުމެއް

މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން އެ ރަށުގައި އެޅި ޓާފް ޕިޗް ހުޅުވުމުގެ ގޮތުން އެ ރަށުން ހޮވާލެވޭ ޓީމަކާއި ޓީސީ ސްޕޯޓްސް ކްލަބުގެ މެދުގައި ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ ޓީސީއާ ދެކޮޅަށް ނުކުންނަ މަހިބަދޫ ޓީމުގެ ކެޕްޓަންކަންކުރާނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދެވެ. މި ދެ ކުޅުންތެރިން ވަނީ ގައުމީ ޓީމަށާއި ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ އާއި ނިއު ރޭޑިއަންޓަށް އެކުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ޓީސީ އަށް ކުޅޭ މަހިބަދޫ އަށް އުފަން މުހައްމަދު ސާމިރު މި މެޗުގައި ކުޅޭނީ މަހިބަދޫ ޓީމަށެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ކުޅޭ މަހިބަދޫގެ ކުޅުންތެރިންނަށް މި މެޗަށް ދައުވަތުދީފައިވާ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

މި މެޗުގައި އެއްކޮޅުން ވާދަކުރާ ޓީސީ އަކީ މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ ޓީމެވެ. އެ ޓީމުން މެޗު ކުޅެން މަހިބަދޫ އަށް ދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހެނދުނެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ޓޫރިޒަމް ދާއިރާގެ އެހީގައި އެޅި މި ދަނޑަކީ އޭއެފްސީ ކަޕުގެ މެޗުތައް ވެސް ކުޅެވޭ ފެންވަރުގެ ޕިޗެކެވެ. ޓާފް އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްފައިވަނީ ޓާފް އެޅުމަށް ފީފާގެ ރުހުން ދީފައިވާ ނުވަ ކުންފުނީގެ ތެރޭގައި ހިމެނޭ ގްރީން ފީލްޑުންނެވެ. ދަނޑާ ގުޅޭ އިތުރު ޕްރޮޖެކްޓްތަކެއް ވެސް ކްލަބުން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ލައިޓިން ސިސްޓަމް ހަރުކުރުމާއި ސިޑި ބަރި އާއި ޗޭންޖިން ރޫމްތައް ހެދުން ހިމެނެ އެވެ.

މި ދަނޑުގެ ޕްރޮޖެކްޓުގެ މަސައްކަތް ޖަމިއްޔާގެ ފަރާތުން ރާއްވަވައި ހިންގެވީ ދާއިރާގެ މަޖިލިސް މެމްބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެވެ. އޭނާގެ އިތުރުން ކީޕަރު އިމްރާނަކީ މަހިބަދޫ އަށް އުފަން އެންމެ ހުނަރުވެރި ދެ ކުޅުންތެރިންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާނާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޓޮމް ވަނީ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2003 އާއި 2009 ވަނަ އަހަރު މި މުބާރާތުގެ ދެ ވަނަ ހޯދިއިރު ވެސް ދެ ކުޅުންތެރިން ހިމެނުނެވެ.