އަސަދުﷲގެ ހެޓްރިކުން މާޒިޔާ މަގާމް ދަމަހައްޓައިފި

އަސަދުﷲ އަބްދުﷲގެ ހެޓްރިކާ އެކު ށ. ފޯކައިދޫ އަތުން 5-0 އިން މޮޅުވެ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ޕްރެޝަރުކޮށްފި އެވެ.


ލީގުގެ ފަހުކޮޅަށް އެޅިފައިވާއިރު ތަށްޓަށް އެންމެ ބޮޑަށް ވާދަކުރަމުން އަންނަނީ މި ދެ ޓީމެވެ. ޓީސީ އެއް ވަނައިގައި 36 ޕޮއިންޓާ އެކު އޮތްއިރު މާޒިޔާ ދެ ވަނައިގައި އޮތީ 34 ޕޮއިންޓާ އެކު އެވެ. އެކަމަކު މިއަދު ހަވީރު ފ. ނިލަންދޫ އަތުން މޮޅުވެ ފަސް ޕޮއިންޓަށް ތަފާތު ބޮޑުކުރުމުގެ ފުރުސަތު ޓީސީ އަށް އޮންނާނެ އެވެ. އޭރުން ކޮންމެ ޓީމަކަށް ބާކީ އޮންނާނީ ދެ މެޗެވެ.

މިއީ މާޒިޔާ އިން ލީގުގައި ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ. އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ އަށް ގޮސް އަދި ޕްރިމިއާ ލީގުގެ ވެސް ފުރަތަމަ ކޮޅުގައި ދަށް ނަތީޖާތަކެއް ހޯދި ނަމަވެސް އިސްމާއިލް މަހަފޫޒް (އިންމަ) މި ވަނީ ޓީމު ހަމަޔަކަށް އަޅުވައިފަ އެވެ.

ރޭގެ މެޗުގެ 14 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭގެ ހަ މިނެޓު ފަހުން ކެޕްޓަން އަސަދުﷲ ތަފާތު ބޮޑުކޮށްދިނެވެ. މާޒިޔާގެ ތިން ވަނަ ލަނޑަކީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފޯކައިދޫގެ އަހުމަދު ޝަމާލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ދެ ގޯލް ޖަހައި އަސަދުﷲ ހެޓްރިކް ފުރިހަމަކުރީ 79 ވަނަ މިނެޓާއި 82 ވަނަ މިނެޓުގަ އެވެ.

ލީގުގެ އެހެން މަގާމްތަކަށް ބަލާއިރު ތިން ވަނައިގައި 32 ޕޮއިންޓާ އެކު އޮތީ އީގަލްސް އެވެ. އެ ޓީމު އިއްޔެ ހަވީރު ވިކްޓްރީއާ ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވުމުން އީގަލްސް އަށް ތިން ޕޮއިންޓް ލިބުނީ އެވެ. ހަތަރު ވަނައިގައި 27 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. އެ ޓީމުން މިރޭ ނުކުންނާނީ ކްލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށެވެ.

އެފްއޭ ކަޕް ކެންސަލްކޮށް އޭއެފްސީ ކަޕުގެ ދެ ވަނަ ޖާގަ ލީގުގެ ދެ ވަނަ ޓީމަށް ދޭ ގޮތަށް އޮތް ނަމަވެސް އަންނަ އަހަރު ރާއްޖޭގެ ޓީމުތަކަށް އެ މުބާރާތުން ފުރުސަތު ގެއްލުމާ އެކު ލީގުގެ ފޯރިއަށް މިވަނީ އަސަރުކޮށްފަ އެވެ. ކްލަބްތަކުގެ މާލީ ހާލަތު ދަށްވެ، ސީރިއަސްކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ލީގުގެ ދެ ވަނަ މަގާމް ހޯދުމުގެ ޝައުގުވެރިކަން ވެސް މިވަނީ ގެއްލިފަ އެވެ.