ފޯކައިދޫ ބަލިކޮށް ނިލަންދޫ އަމާޒު ހާސިލްކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ށ. ފޯކައިދޫ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ފ. ނިލަންދޫ އިން މުބާރާތަށް ކަނޑައެޅި އަމާޒު ހާސިލްކޮށްފި އެވެ.


މުބާރާތުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބި ފުރަތަމަ ބުރަށް ފަހު މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ.ތިމަރަފުއްޓާއި ބ. ފެހެންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ. ދެ ވަނަ ބުރުގައި ވާދަކުރީ ފޯކައިދޫ އާއި ނިލަންދޫ އެވެ. މި މެޗުން ހޯދި މޮޅާ އެކު ނިލަންދޫ ލީގު ނިންމާލީ 16 މެޗުން 13 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ފޯކައިދޫ ހަތް ވަނައިގައި އޮތީ 16 މެޗުން 12 ޕޮއިންޓާ އެކު އެވެ. ވިކްޓަރީ މިރޭ ކުޅޭ މެޗުން ގްރީން ސްޓްރީޓްސް އަތުން މޮޅުނުވެއްޖެނަމަ އެ ޓީމު ލީގު ނިންމާލާނީ އަށް ވަނައިގަ އެވެ. އެ ޓީމަށް މި ވަގުތު އޮތީ 15 މެޗުން 10 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

މި ފަހަރުގެ ލީގުގެ ވަކި ހިސާބަކުން ނިލަންދޫ ޓީމާ ހަވާލުވެ، ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) ޓާގެޓަކަށް ކަނޑައެޅީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން އެންމެ މަތިން ނިންމާ ޓީމަކަށް އެ ޓީމު ހެދުމަށެވެ.

""މިއީ މި ކުޅުންތެރިން އެކުގައި ކުރި މަސައްކަތް. ވަރަށް ހިތްހަމަޖެހޭ މި މަސައްކަތާ މެދު. ކޯޗިން ކެރިއަރަށް ބެލިޔަސް މިއީ ވަރަށް ރަނގަޅު މަސައްކަތެއް،" ކުރިން ނިއު އާއި ވެލެންސިއާ އަށް ކުޅުނު ލައްޗޭ ބުންޏެވެ.

އެންމެ ފަހުން ކުޅުނު މެޗުން ވިކްޓަރީ އަތުން ހޯދި މޮޅާ އެކު ލިބުނު އިތުބާރު ދަމަހައްޓައި މިއަދުގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ނިލަންދޫ އަށް ލީޑުނަގައިދިނީ ކުރިން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުރިން ކުޅުނު ފާރޫގު އިސްމާއިލް އެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނިޓްގައި ނިލަންދޫގެ ލީޑުފުޅާކޮށްދިނީ އާދިލް އަލީ (އާއްލާ) އެވެ. އޭގެ ހަ މިނިޓް ފަހުން އާއްލާ ދިން ބޯޅަ އަކުން ބިދޭސީ ކުޅުންތެރިއާ ލޫކަސް ވަނީ ނިލަންދޫ އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

ފޯކައިދޫގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫ އިން ވަނީ ހަތަރު ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ ކައުންޓަ އެޓޭކުގައި އާއްލާ އެވެ. އާއްލާ ފުރަތަމަ ޖެހި ބޯޅަ ފޯކައިދޫގެ ކީޕަރު މުހައްމަދު ޝިފާން އަތުގައި ޖެހިފައި ނުކުތް ވަގުތު ދެ ވަނަ ފަހަރުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފޯކައިދޫން ކުޅުން ރަނގަޅުކޮށް ނިލަންދޫގެ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. އެ ގޮތުން މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު ބޮލުން ފޮނުވާލި ބޯޅަ އާއި މުހައްމަދު ޖައިލަމް (އޮގީ)ގެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފަހު ވަގުތު ކައުންޓައެޓޭކުގައި ނިލަންދޫ އިން އިތުރު ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އަދި ފޯކައިދޫ އިން ވެސް އެޓޭކްކުރިއިރު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

މެޗަށް ފަހު ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ލީގަށް ނުކުތްއިރު ގަދަ ހަޔެއްގެ ތެރޭގައި ހިމެނުމުގެ ޓާގެޓެއް އޮތް ކަމަށާއި އެކަމަކު ޕްރެޒިޑެންޓްސް ކަޕް ވެސް ނެތުމާ އެކު ފަހުން ބޮޑަށް އިސްކަންދިނީ ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް ފުރުސަތު ދޭން ކަމަށެވެ.