މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި

ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް "މިހާރު އެވޯޑްސް" ގައި ދޭ ރަންބޫޓް ޓީީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކަށަވަރުކޮށްފި އެވެ.


"މިހާރު އެވޯޑްސް" ގައި ރަން ބޫޓު ދެނީ ޕޮއިންޓް ސިސްޓަމަށް ބަލަައިގެންނެވެ. އެ ގޮތުން މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގައި ޖަހާ ލަނޑަކަށް ކޮންމެ ކުޅުންތެރިޔަކާށް ވެސް އެއް ޕޮއިންޓް ލިބޭނެ އެވެ. ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖަހާ ގޯލުތަކަށް ދެ ޕޮއިންޓް ލިބޭއިރު، ގައުމީ ޓީމާއި ކްލަބް ލެވެލްގެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖަހާ ކޮންމެ ގޯލަކަށް ތިން ޕޮއިންޓް ލިބޭނެ އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު ފަހުން ޓީސީ އަށް ބަދަލުވި އުމުރުން 33 އަހަރުގެ ދަގަނޑޭ ވަނީ މި ސީޒަނުގައި ޖުމްލަ 42 ގޯލު ޖަހައިފަ އެވެ. ދަގަނޑޭ ރަން ބޫޓު ހާސިލްކުރީ 76 ޕޮއިންޓް ހަމަކޮށްގެންނެވެ. ދަގަނޑޭގެ ޕޮއިންޓްތަކުގެ ތަފްސީލަށް ބަލާއިރު ނިއު އަށް އޭއެފްސީ ކަޕުގައި ޖަހައިދިން ހަ ގޯލަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ނިއު އަށް މާލޭ ލީގުގައި ޖަހައިދިން 14 ލަނޑަށް 14 ޕޮއިންޓް ލިބުނުއިރު، ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގައި ޖަހައިދިން 22 ލަނޑަށް ވަނީ 44 ޕޮއިންޓް ލިބިފަ އެވެ.

ދަަގަނޑޭ ވަނީ މީގެ ކުރިން ހަތް ފަހަރު "ހަވީރު ސްޕޯޓްސް އެވޯޑްސް" ގެ ރަން ބޫޓު ހާސިލްކޮށްފަ އެވެ.

ދެ ވަނަ އަށް ދިޔައީ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ސީޒަނުގައި ޖުމްލަ 33 ލަނޑު ޖެހި ރިޒޭ އަށް ލިބުނީ 62 ޕޮއިންޓެވެ. މާލޭ ލީގުގައި ޖެހި ހަތަރު ގޯލަށް ރިޒޭ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ޕްރިމިއާ ލީގުގައި ޖެހި 29 ގޯލަށް ވަނީ 58 ޕޮއިންޓް ލިބިފަ އެވެ.

މިދިޔަ އަހަރުގެ ރަން ބޫޓު ހާސިލްކުރި ސެންޓޭ މި ފަހަރު ދިޔައީ ތިން ވަނަ އެވެ. އޭނާ މިދިޔަ އަހަރު ރަން ބޫޓު ހޯދީ 24 ލަނޑު ޖަހައިގެންނެވެ. މި ސީޒަނުގައި އޭނާ ވަނީ 28 ލަނޑު ޖަހައި، 54 ޕޮއިންޓް ހޯދައިފަ އެވެ. ގައުމީ ޓީމާއި އޭއެފްސީ ކަޕުގައި ޖެހި ހަ ގޯލަށް ސެންޓޭ އަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. މާލޭ ލީގުގައި ޖެހި އަށް ގޯލަށް އަށް ޕޮއިންޓް ލިބުނުއިރު، ޕްރިމިއާ ލީގުގައި ޖެހި 14 ލަނޑަށް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

ރަން ބޫޓު ހޮވާއިރު ޕޮއިންޓް ސިސްޓަމަށް ބަލަން ނިންމީ މުބާރާތްތައް ގިންތިކޮށް އެކި ފެންވަރުގެ މުބާރާތްތަކުގައި ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުކުރުމުގެ ގޮތުންނެވެ. ބައިނަލްއަގްވާމީ ލެވެލަށް ބަލާއިރު ރަން ބޫޓު ދޭއިރު ޕޮއިންޓް ސިސްޓަމަށް ބަލާ އުސޫލުތަކެއް އޮވެ އެވެ. އެ ގޮތުން ޔޫރަޕްގެ ރަން ބޫޓު ދޭއިރު އެންމެ މަތިން ޕޮއިންޓް ލިބޭނީ ވަރުގަދަ ފަސް ލީގުގައި ޖަހާ ގޯލުތަކަށެވެ. އެ އަށް ވުރެ ދަށް ފަންތީގެ ލީގުތަކުގައި ޖަހާ ގޯލުތަކަށް ޕޮއިންޓް ލިބޭނީ މަދުންނެވެ.

މިހާރު އެވޯޑްސްގައި ރަންބޫޓުގެ އިތުރުން އަހަރުގެ އެންމެ މޮޅު ތިން ފުޓްބޯޅަ ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ވޮލީބޯޅައިގެ ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ. ދެން އޮންނާނީ އިންޑިވިޖުއަލް ކެޓަގަރީ އެވެ. އެގޮތުން ބެޑްމިންޓަން، އެތުލެޓިކްސް، ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ ކުޅުންތެރިޔާ ހޮވާނެ އެވެ.

މިހާރު އެވޯޑްސްގެ މި އަހަރުގެ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓެވެ. މީޑިއާ ޕާޓްރަނަކީ މިދިޔަ އަހަރު ވެސް އެހީތެރިކަން ފޯރުކޮށްދިން ވީޓީވީ އެވެ. އެވޯޑްސްގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ ރެއިންބޯ އެންޓަޕްރައިސަސް އާއި ބީއެޗްއެމް ޓްރޭޑާސް އާއި ވެލިގާ ހާޑްވެއާ އާއި ސޮނީ ސްޕޯޓްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕާއި ޕްރިންޓްލެބެވެ.