ޒަޔާނާއި މާޝާ ނޭޕާލް މުބާރާތުގެ ދެ ވަނަ ބުރަށް

ނޭޕާލުގައި މިހާރު ކުރިއަށްދާ ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސްގެ ދެ ވަނަ ބުރުން ގައުމީ ބެޑްމިންޓަން ޓީމުގެ ޒަޔާން ޒަކީ އާއި މާޝާ ރަޝީދު ފުރުސަތު ހޯދައިފި އެވެ.


ޒަޔާން ދެ ވަނަ ބުރުން ފުރުސަތު ހޯދީ ފިރިހެން ސިންގަލްސް ބައިންނެވެ. ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ކުޅެމުން އަންނަ ފުރަތަމަ ފަހަރު މާޝާ ދެ ވަނަ ބުރަށް ދަތުރުކުރީ އަންހެން ސިންގަލްސް ބައިންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މިކްސް ޑަބަލްސް ބައިން ނީލާ ނަޖީބާއި އިބްރާހިމް ޝާމިއުގެ ޕެއާ އާއި އަހުމަދު ތޯއިފް އާއި އައިމިނަތު ނަބީހާގެ ޕެއާ ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

އިއްޔެ ކުޅުނު މެޗުން ޒަޔާން މޮޅުވީ ނޭޕާލުގެ ދީޕަކް ބޮހާރާއާ ކުޅެގެން 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13، 22-24 އަދި 23-21 އިންނެވެ. ޒަޔާން ވަނީ މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސްގައި ވެސް ދެ ވަނަ ބުރުގައި ކުޅެފަ އެވެ.

ފިރިހެން ސިންގަލްސް ބައިން ރާއްޖޭގެ އެހެން ކުޅުންތެރިންގެ ނަތީޖާ އަށް ބަލާއިރު މުހައްމަދު ރަފާހު ބަލިވީ އިންޑިއާގެ ރިޝަބް ދޭޝްޕާންޑޭއާ ވާދަކޮށް 21-11، 21-9 އިންނެވެ. ސާރިމް މުހައްމަދު ބަލިވީ ނޭޕާލުގެ ބިކާޝް ޝްރެސްތާއާ ކުޅެގެން 21-15، 21-07 އިންނެވެ. ނިބާލް އަހުމަދު ވަނީ ނޭޕާލުގެ ދިޕޭޝް ދާމީ އަތުން 21-08، 21-11 އިން ބަލިވެފަ އެވެ. ރާއްޖޭގެ ޗެމްޕިއަން މުހައްމަދު އަޖުފާން ބަލިވީ ދުނިޔޭގެ ރޭންކިންގެ 196 ވަނައިގައި އޮތް ވިއެޓްނާމްގެ ލީ ޑުކްއާ ވާދަކޮށް 21-09، 21-15 އިންނެވެ.

ބެޑްމިންޓަން ކުޅުންތެރިއާ މާޝާ ރަޝީދު. -- ފޮޓޯ: ފޭސްބުކް

އަންހެން ސިންގަލްސް ބައިން މާޝާ މޮޅުވީ ބޫޓާނުގެ ތިންލޭ ޑެމާއާ ވާދަކޮށް 22-20، 15-21، 27-25 އިންނެވެ. ނޭޕާލުގެ ރަސިލާ މަހާރަޖަންއާ ވާދަކޮށް ނީލާ ބަލިވީ 21-13، 21-19 އިންނެވެ. ފާތިމަތު ނަބާހާ ބަލިވީ އިންޑިއާގެ ރާޝީ ތިޔާގީއާ ކުޅެގެން 21-16، 21-13 އިންނެވެ.

ފިރިހެން ޑަބަލްސް ބައިން ތޯއިފް އާއި ނަޝީދު ޝަރަފުއްދީންގެ ޕެއާ ބަލިވީ އިންޑިއާގެ ދީޕް ރަންދިޔާ އާއި ޕްރާތިކް ރަނާދޭގެ ޕެއާ އަތުން 21-12، 21-13 އިންނެވެ. ޝާމިއު އާއި ނަޝްފާން މުހައްމަދުގެ ޕެއާ ބަލިވީ އިންޑިއާގެ ވަޒިދު އަލީ އަޔުޝް ގާގްއާ ވާދަކޮށް 21-13، 21-19 އިންނެވެ.

މިކްސް ޑަބަލްސް ބައިން ޝާމިއު އާއި ނިލާގެ ޕެއާ މޮޅުވީ ނޭޕާލުގެ ސަޖަން ކްރިޝްނާ އާއި މޫނަމް ގުރުންއާ ވާދަކޮށް 13-21، 21-11 އަދި 21-15 އިންނެވެ. ތޯއިފް އާއި ނަބީހާގެ ޕެއާ މޮޅުވީ ބޫޓާނުގެ އުގްޔެން ޗޮއޭދާ އާއި ތިންލޭ ޑެމާގެ ޕެއާއާ ކުޅެގެން 21-14 އަދި 21-12 އިންނެވެ. މިކްސް ޑަބަލްސްގައި ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ މާޝާ އާއި ރަފާހުގެ ޕެއާ ބަލިވީ ތައިލެންޑުގެ ޕަނަޗާއި ޕިޓްޗަޔަނިންގެ ޕެއާއާ ކުޅެގެންނެވެ. ސެޓުތައް ދިޔައީ 21-08 އަދި 21-10 އިންނެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި މިއަދު ޒަޔާން ނުކުންނާނީ އިންޑިއާގެ ނަވީންއާ ދެކޮޅަށެވެ. މާޝާ ބައްދަލުކުރާނީ ބަންގްލަދޭޝްގެ އަކުތަރް ޝާޕްލާ އެވެ. މިކްސް ޑަބަލްސްގެ ދެ ވަނަ ބުރުގައި ތޯއިފް އާއި ނަބީހާގެ ޕެއާ ނުކުންނާނީ ނޭޕާލުގެ ބިކާޝް ޝްރެސްތާ އާއި ސިތާ ރާއީގެ ޕެއާއާ ދެކޮޅަށެވެ. ނީލާ އާއި ޝާމިއުގެ ޕެއާ ކުޅޭނީ ސިންގަޕޫރުގެ ޑެނީ ބަވާ އާއި ޓަން ވެއީއާ ދެކޮޅަށެވެ. އަންހެން ޑަބަލްސްގެ ފުރަތަމަ ބުރުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ބައްދަލުކުރާނީ މޮރިޝަސްގެ ޖެމީމާ ލެއުން އާއި ގަނޭޝާ މުންގްރާގެ ޕެއާއާ ދެކޮޅަށެވެ.