ނަބާހާ އާއި ނަބީހާ ނޭޕާލް މުބާރާތުގެ ކުއާޓާ އަށް

ނޭޕާލުގައި މިހާރު ކުރިއަށްދާ ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ފުރުސަތު ހޯދައިފި އެވެ.


އެންމެ ފަހުން އޮތް ގައުމީ މުބާރާތުގެ ވެސް އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަން ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ އެ އިވެންޓުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ބައިނަލްއަގްވާމީ ތިން މުބާރާތުން ރިހި މެޑަލް ހާސިލްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ގުވަހާޓީގައި އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި ދާދި ފަހުން ނޭޕާލުގައި އޮތް 21 އަހަރުން ދަށުގެ މުބާރާތުގެ އިތުރުން މި އަހަރު ޖޫން މަހު އޮތް މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގަ އެވެ.

ނޭޕާލް މުބާރާތުގެ ކުއާޓާ އިން ނަބީހާ އާއި ނަބާހާގެ ޕެއާ ފުރުސަތު ހޯދީ އިއްޔެ ކުޅުނު ދެ ވަނަ ބުރުގެ މެޗުން ޖެމީމާ ލެއުން އާއި ގަނޭޝާ މުންގްރާގެ ޕެއާ އަތުން 21-12، 21-09 އިން މޮޅުވެގެންނެވެ. ކުއާޓާގައި މިއަދު ނަބީހާ އާއި ނަބާހާގެ ޕެއާ ނުކުންނާނީ ނޭޕާލުގެ ޖެސިކާ ގުރުން އާއި ސުނަޔާނާ މުކިޔާގެ ޕެއާއާ ދެކޮޅަށެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ފިރިހެން ސިންގަލްސް ބައިން ރާއްޖޭގެ ޒަޔާން ޒަކީ ކުޅުނު މެޗުން ވަނީ އިންޑިއާގެ ނަވީން އަތުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-10، 21-18 އިންނެވެ. އަންހެން ސިންގަލްސް ބައިން ރާއްޖޭގެ މާޝާ ރަޝީދު ބަލިވީ ބަންގްލަދޭޝްގެ އަކުތަރް ޝާޕްލާއާ ކުޅެގެން 21-09 އަދި 21-11 އިންނެވެ.

މިކްސް ޑަބަލްސްގެ ދެ ވަނަ ބުރުގައި އަހުމަދު ތޯއިފް އާއި ނަބީހާގެ ޕެއާ ބަލިވީ ނޭޕާލުގެ ބިކާޝް ޝްރެސްތާ އާއި ސިތާ ރާއީގެ ޕެއާ އަތުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 23-21 އަދި 21-19 އިންނެވެ. ރާއްޖޭގެ އިބްރާހިމް ޝާމިއު އާއި ނީލާ ނަޖީބުގެ ޕެއާ ބަލިވީ ސިންގަޕޫރުގެ ޑެނީ ބަވާ އާއި ޓަން ވެއީ އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-14 އަދި 21-06 އިންނެވެ.

ނޭޕާލް މުބާރާތަށް ފަހު ދެން ރާއްޖޭގެ ކުޅުންތެރިން މި މަހު ވާދަކުރާނީ ބަންގްލަދޭޝްގައި އޮންނަ މުބާރާތުގަ އެވެ. މިއީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަން ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނަށް ލިބޭ ރަނގަޅު މެޗުތަކެކެވެ.