ވިކްޓްރީ ހިންގަވަން ނާޝިދު އަލުން ނުކުންނަވަނީ

މާލީ މައްސަލަތައް ކުރިމަތިވެ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބާ ހަވާލުވެ އެ ކްލަބުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތްކުރައްވަމުން އަންނަ ކަމަށް ކުރީގެ ބޯޑް މެމްބަރު ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވެއްޖެ އެވެ.


ވިކްޓްރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ އެތައް ދުވަސްތަކެއް ވެފައިވާއިރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗަކަށް އެ ޓީމުން ހާޒިރުނުވެ ދިޔަ އެވެ. އަދި ޗެއާޕާސަން މުހައްމަދު އިސްމާއީލާއި ވައިސް ޗެއާޕާސަން އަލީ އާރިފް ވަނީ އޮކްޓޯބަރު މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމުން ދޭ ފައިސާ ވެސް ދީފައިވަނިކޮށް އެ ކްލަބް އެ ހާލަތައް ވެއްޓުނީ ރަނގަޅަށް ނުހިންގިގެން ކަމަށް އެފްއޭއެމުން ވެސް ވަނީ ބުނެފަ އެވެ.

ވިކްޓްރީގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ކެނެރީ އަބްދުއްސައްތާރުގެ ބޭފުޅެއް ކަމަށްވާ ނާޝިދު "މިހާރަ"ށް ވިދާޅުވީ ކްލަބުގެ ހާލަތު ރަނގަޅުކުރަން އޭނާއާ އެކު ތިބީ "ވިކްޓްރީ ބަލިވީމާ އަދި މޮޅުވީމާ އެކުރެވޭ އިހުސާސް އެނގޭ މީހުންތަކެއް" ކަމަށެވެ. އޭގެ ތެރޭގައި އެ ކްލަބުގެ ކުރީގެ ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އާއި ކުރީގެ ކުޅުންތެރިޔާ އިބްރާހިމް އިސްމާއިލް އަދި ކުރީގެ ފޯވާޑް އިބްރާހިމް ފާއިގް ވެސް ހިމެނެ އެވެ.

ނާޝިދު ވިދާޅުވީ ވިކްޓްރީ ބޯޑުގެ ބައެއް މެމްބަރުން ތިބީ އިސްތިއުފާ ދޭ ގޮތަށް ކަމަށާއި އެގޮތުން ބޯޑަށް ވަނުމަށްޓަކައި އެންމެ ފަސޭހަ މަގަކީ ކޮބައިތޯ ބަލައި އެކަންކަމުގެ ވާހަކަތައް މިހާރުގެ މެނޭޖްމަންޓާ ދެކެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިސްނުން ހުރީ ބޮޑު ބަޖެޓަކާ އެކު މަސައްކަތްކުރުން ނޫން ކަމަށާއި އެކަމަކު ސަރުކާރުން ދެއްވާ ބަޖެޓާއި އެހެނިހެން ގޮތްގޮތުން ލިބޭ ބަޖެޓުން ކްލަބް ދެމެހެއްޓެނެވި ގޮތަކަށް ހިންގުން ކަމަށެވެ. އަދި ކްލަބުގައި ބޮޑު ދަރަންޏެއް ވެސް އެބައޮތް ކަމަށާއި އެވެސް އެ ބަޖެޓުގެ ތެރެއިން ދައްކައި ހަލާސްކުރެވޭނެ މަގު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"ބޮޑު އައިޑިއާ އަކީ ސަރުކާރުން ދޭ ބަޖެޓާއި ރެއިސްކުރެވޭ ބަޖެޓުގެ ތެރެއިން ކްލަބް ހިންގުން. އެހެން އެކަން ނުކުރެވޭނެތޯ ރަނގަޅު ސްޓްރަކްޗާއަކާ އެކު؟،" ނާޝިދު ވިދާޅުވި އެވެ.

ރާއްޖޭގެ ކްލަބްތަކާ އާއްމުކޮށް ހަވާލުވާ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުން ބޮޑު ބަޖެޓަކާ އެކު ފެށި ނަމަވެސް ގިނަ ފަހަރަށް ދަނީ ފަނުފުލުންނެވެ.

ނާޝިދު ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ކްލަބް ހިންގާނެ އޮނިގަނޑެއް ހަދައި ދެމެހެއްޓެނެވި ގޮތަކަށް ހިންގޭނެ ގޮތްތަކެއް ހެދުން ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ވިކްޓްރީ އަކީ ވަރަށް ގިނަ ކުޅިވަރުތަކުގައި ވާދަކުރަ ކްލަބަށް ވެސް ބަދަލުކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ކްލަބުން ހަރަދުކޮށްގެން އެކި ކުޅިވަރުތަކުގައި ވާދަކުރާ ޓީމުތަކެއް އޮންނަން ޖެހޭ. މިހާރު އޮންނަނީ ފުޓްބޯޅަ ޓީމުގެ މެނޭޖްމަންޓް އެއީ ކްލަބުގެ ވެސް ބޯޑަށް ވެފައި. އެކަމަކު ކްލަބުގެ ބޯޑަކީ ބޯޑު. އޭގެ ދަށުން ދެން އޮންނާނީ ސެކްރެޓްރިއޭޓް. ބޯޑުން ކޮންމެ ޓީމަކަށް ވެސް އަމާޒުތަކެއް ދޭނީ،: ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ ވިކްޓްރީގެ ފުޓްބޯޅަ ޓީމަށް ވަރަށް ބޮޑަށް އަޅާލައްވާނެ ކަމަށާއި ކުރިއެކޭ އެއްގޮތަށް ވާދަވެރި ފުޓްބޯޅަ ޓީމެއް ވިކްޓްރީން ނެރެން ބޭނުންވާ ކަމަށެވެ.

"މިހާރު އެއްވެސް އަމާޒެއް ނެތް. އުވާލިޔަސް ހެޔޮ. އެ ހިސާބުގައި އެއޮތީ. ލިޔެކިޔުންތައް ހުށަނާޅާ. އެކަންކަން އެބަޖެހޭ ރަނގަޅުވާން. އަޅުގަނޑުމެންގެ އަބާޒަކީ ކްލަބް އަލުން ދިރުވުން،" ނާޝިދު ވިދާޅުވި އެވެ.

ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު އަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.

ވިކްޓްރީ ހިންގުން ވިކްޓަރީ 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.