ފުރަތަމަ ބުރުގެ އެއް ވަނަ ކިންގްސް އަށް

މިހާރު ކުރިއަށްދާ 13 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގެ އެއް ވަނަ ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.


މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަކޮށް ނުކުތް އެއް ޓީމު ކަމަށްވާ ކިންގްސް އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ފަސް ޕޮއިންޓް ހޯދި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އެވެ. ތިން ވަނައިގައި އޮތް ރެޕްޓާސް ބާސްކެޓްބޯލް ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އެވެ.

މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަކޮށް ނުކުތީ ކިންގްސް އެވެ. އެ ޓީމުން ވަނީ ފިލިޕީންސްގެ ކޯޗު އެރިކް ސެމްސޮންގެ އިތުރުން ތަޖުރިބާކާރު ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި ލޮސް އެންޖެލްސް ލޭކާސް އަށް ކުޅުނު މައިކް ފޭ ހިމެނެ އެވެ.

ކިންގްސް އަކީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަނެވެ. އެކަމަކު މިދިޔަ އަހަރު އެ ޓީމު ބަލިކޮށް ގައުމީ މުބާރާތް ކާމިޔާބުކުރީ ޓީރެކްސް އިންނެވެ.

މުބާރާތުގެ ދެ ވަނަ ބުރުގެ ކުޅުން ފަށާނީ މާދަމާ އެވެ. ހަވީރު ކުޅޭ މެޗުގައި ޓީރެކްސް ބައްދަލުކުރާނީ ސްޓިންގާސްއާ އެވެ. މާދަމާރޭ ކުޅޭ މެޗުގައި ކިންގްސް ނުކުންނާނީ ރެޕްޓާސްއާ ދެކޮޅަށެވެ.

ތިން ޓީމު ވާދަކުރާ ގައުމީ ބާސްކެޓް ލީގުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުން ޖިބިއްލީ ސްޕޯޓްސް ކްލަބް ވަނީ ބެންޗް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން ސައިކްލޯން ބާސްކެޓްބޯލް ކްލަބް އަތުން ވެސް ބެންޗް ވަނީ ބަލިވެފަ އެވެ. މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ޖިބިއްލީ ކުޅޭނީ ސައިކްލޯންއާ އެވެ.