ރާއްޖޭގެ ދެބެން ނޭޕާލް މުބާރާތުން ލޯ މެޑަލް ހޯދައިފި

ނޭޕާލުގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ލޯ މެޑަލް ހާސިލްކޮށްފި އެވެ.


ނަބީހާ އާއި ނަބާހާގެ ޕެއާ އިއްޔެ އޮތް ސެމީ ފައިނަލް މެޗުން ބަލިވީ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ ޕެއާ އެއް ކަމަށްވާ އަޕަރްނާ ބާލަން އާއި ސްރުތީ އަތުންނެވެ. މެޗުގެ ސެޓުތައް ސްރުތީ އާއި އަޕަރްނާގެ ޕެއާ އިން ގެންދިޔައީ 21-09 އަދި 21-11 އިންނެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތްތަކުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ނަބާހާ އާއި ނަބީހާ އަންހެން ޑަބަލްސް އިވެންޓުން ހާސިލްކުރި ހަތަރު ވަނަ މެޑެއްޔެވެ. މިދިޔަ އަހަރާއި މި އަހަރުގެ ސައުތު އޭޝިއަން ޔޫތު ބެޑްމިންޓަން މުބާރާތުން ރިހި މެޑަލް ހާސިލްކުރިއިރު، މި އަހަރު ޖޫން މަހު އޮތް މޮރިޝަސް މުބާރާތުން ވެސް ރިހި މެޑަލް ހޯދި އެވެ.

ނަބާހާ އާއި ނަބީހާ އަކީ އެންމެ ފަހުގެ ގައުމީ އަންހެން ޑަބަލްސް ޗެމްޕިއަނެވެ. ޖޫނިއާ ގައުމީ ޓީމުން ވިދާލި ދެބެން މިހާރު ވަނީ އެކުގައި ކުރި މަސައްކަތުން ގައުމީ ސިންގަލްސް ބައިން ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ދެބެން މިހާރު އަމާޒުހިފާފައިވަނީ ގައުމީ ބެޑްމިންޓަން ޓީމުގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ރަން މެޑެއްޔެއް ހާސިލްކުރުމަށެވެ.

ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން އަންނަނީ ފަހަކަށް އައިސް ރާއްޖޭން ބޭރުގައި އޮންނަ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭގޮތަށް ގިނަ މުބާރާތްތަކެއްގައި އަންނަނީ ވާދަކުރަމުންނެވެ.

ނޭޕާލް މުބާރާތަށް ފަހު ދެން ރާއްޖޭގެ ކުޅުންތެރިން މި މަހު ވާދަކުރާނީ ބަންގްލަދޭޝްގައި އޮންނަ މުބާރާތުގަ އެވެ. މިއީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަން ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނަށް ލިބޭ ރަނގަޅު މެޗުތަކެކެވެ.