ފެތުމުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ފަސް ރެކޯޑެއް އާކޮށްފި

ޗައިނާގައި މިހާރު ކުރިއަށްދާ ޝޯޓް ކޯސް ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ދިވެހި ފެތުންތެރިން ގައުމީ ފަސް ރެކޯޑެއް އާކޮށްފި އެވެ.


"މިހާރު" އެވޯޑްސްގައި ހޮވި މިދިޔަ އަހަރުގެ އެންމެ އުއްމީދީ އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް ވަނީ މިދިޔަ އަހަރުގެ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި އޭނާ ހެދި ދެ ރެކޯޑެއް އާކޮށްފަ އެވެ. އެއީ 2 މިނެޓު 26.35 ސިކުންތުން ފަތައި އާކުރި 200 މީޓަރުގެ އިންޑިވިޖުއަލް މެޑްލޭ ރިލޭ އާއި 2 މިނެޓު 9:57 ސިކުންތުން ފަތައި އާކުރި 200 މީޓަރުގެ ފްރީސްޓައިލް ރެކޯޑެވެ.

ފަސް އަހަރަކަށް މެދުކެނޑުމަކަށް ފަހު މީގެ ދެ އަހަރެއްހާ ދުވަސްކުރިން އަލުން ފަތަން ފެށި އައިޝަތު ސައުސަން ވަނީ މިދިޔަ އަހަރުގެ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އާމިނަތު ޝަޖަން ހެދި 100 މީޓަރ ބަޓަފްލައި ފެތުމުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ސައުސަންގެ ޓައިމިން އަކީ 1 މިނެޓު 23.16 ސިކުންތެވެ.

ދެން ރެކޯޑް މުގުރާލީ އަލީ އިމްއާނެވެ. އެއީ 1 މިނެޓު 8.71 ސިކުންތުން ފަތައި މުގުރާލި 100 މީޓަރުގެ ބެކްސްޓްރޯކް ރެކޯޑާއި 31:16 ސިކުންތުން ފަތައިގެން ގާއިމްކުރި 50 މީޓަރުގެ ބެކްސްޓްރޯކް ފެތުމުގެ އިވެންޓެވެ. މި ދެ ރެކޯޑް ކުރިން ވެސް އޮތީ އޭނާގެ އަތުގަ އެވެ.