މިހާރު އެވޯޑްސް: ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ގަދަ ފަހެއް ހޮވައިފި

މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.


ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނާއިޒު ހަސަން (ދާދު) އާއި އަސަދުﷲ އަބްދުﷲ، ޓީސީ ސްޕޯޓްސް ކްލަބްގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ އިތުރުން ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

މާޒިޔާ އިން ލީގުގައި ޖެހިޖެހިގެން 11 މޮޅު ހަމަކުރިއިރު އަސަދުﷲ އާއި ދާދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމުން ލީގުގެ ދެ ވަނަ ހޯދުމުގައި މި ދެ ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. އަސަދުﷲ ތިން މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދިއިރު ދެ ވަނަ ބުރުގައި ނުވަ ގޯލު ޖެހި އެވެ. އަދި ދާދު ވަނީ މުހިއްމު ދެ މެޗެއްގައި މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.

ޓީސީން ލީގު ކާމިޔާބުކުރިއިރު އެންމެ މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނަކީ ދަގަނޑޭ އާއި ފޭދޫ އިއްބެ އެވެ. މި ފަހަރު ރަން ބޫޓު ހާސިލްކުރި ދަގަނޑޭ ވަނީ ލީގުގެ ދެ ވަނަ ބުރުގައި 13 ގޯލު ޖަހައި ހަތަރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ. އީގަލްސްގެ ރިޒޭ ވަނީ ދެ ވަނަ ބުރުގައި 13 ގޯލު ޖަހައިފަ އެވެ.

ލީގުގެ ދެ ވަނަ ބުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރާ ފަސް ކުޅުންތެރިން: (ކ-ވ)، ސާދު، ހުސެއިން، ފަރުއްކޮ، ހަންނަ އަދި އޮގީ. -- ފޮޓޯ: މިހާރު

އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ދެ ވަނަ ބުރުން ވާދަކުރަނީ ޓީސީގެ މިޑްފީލްޑަރު ސާދު ނިޒާރު، ގްރީން ސްޓްރީޓްސްގެ ފުލްބެކް މުހައްމަދު ފަރުހާން (ފަރުއްކޮ)، މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް، އީގަލްސްގެ އެޓޭކިން މިޑްފީލްޑަރު ހަސަން ރާއިފް (ހަންނަ) އަދި ފޯކައިދޫގެ ވިންގާ މުހައްމަަދު ޖައިލަމް (އޮގީ) އެވެ.

ފުޓްބޯޅައިގެ މި އެވޯޑްތަކުގެ އިތުރުން ވޮލީބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. އަދި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓެވެ. އަދި މީޑިއާ ޕާޓްރަނަކީ ވީޓީވީ އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ރެއިންބޯ އެންޓަޕްރައިސަސް އާއި ބީއެޗްއެމް ޓްރޭޑާސް އާއި ވެލިގާ ހާޑްވެއާ އާއި ސޮނީ ސްޕޯޓްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕާއި ޕްރިންޓްލެބެވެ.