ކުޅިވަރު / ދިވެހި ކުޅިވަރު

"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސަރުކާރެއް މިއައީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި ހާލަތު ދަށްވެ، އެހީތެރިކަމަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގަ އެވެ. ސިޔާސީ ހަލަބޮލިކަން މަޑުޖެހި، ގައުމު އަމާންވީ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރާނެ މާހައުލަކަށް ތަންދެމުންނެވެ. އެކަމަކު ފެނިގެން މިދަނީ އާ ސަރުކާރުގެ ކުޅިވަރު މިނިސްޓްރީ އާއި އެފްއޭއެމްގެ ކޯޅުމެކެވެ.

އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން މިނިސްޓްރީން އިސް ނެގުމުން، އުފެދެން ފެށި ކުދި ރާޅުތައް، ބޮޑުވެ، މިހާރު މިވަނީ ފުޓްބޯޅަ އާއިލާ ކަންބޮޑުވާން ޖެހޭ ހިސާބަށް ގޮސްފަ އެވެ. ހުކުރު ދުވަހު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވަނީ މިނިސްޓަރު އަހުމަދު މަހުލޫފު ކުރިފުޅުމަތީގައި، އެމަނިކުފާނަށް އަމާޒުކުރައްވައި ބަހުގެ ހަމަލާތައް ފޮނުވާލައްވައިފަ އެވެ. އަދި އެތަނުގައި ވަޑައިގެން ހުންނެވި އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު މުހައްމަދު ޝަވީދަށް ކުރެއްވި "ތައުރީފު"ގައި ގިނަ ބަޔަކު އަޅައިގަތެވެ.

"ބަޔަކު އެއްބަސްވާން ބޭނުންނުވި ކަމުގައި ވީ ނަމަވެސް ދިވެހި ތާރީހު ދުށް މި ފަހުން ފެނުނު ކުޅިވަރުގެ އެންމެ ނުފޫޒު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު،"

ޖަލްސާގެ ހާޒިރީންނަށް މަރުހަބާ ދަންނަވަމުން ބައްސާމް އެ ވިދާޅުވި ބަސްފުޅުން އެތައް މާނަތަކެއް ނެގެ އެވެ. ޝަވީދަކީ ނިމިގެން ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެކެވެ. އަރަބި/ އޭޝިއާގެ ކުޅިވަރުގެ އިސްވެރިންނާ ގުޅުން ބޮޑެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަދި ފަހުން ރައީސް މަގާމަށް ބައްސާމް ގެންނެވީ ވެސް ޝަވީދެވެ.

އެހުރިހާ ކަމަކަށް ވިސްނައި ބަލާއިރު، ބައްސާމް އެ ދެއްވި މެސެޖުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު އޭގެ ކުރިން މި ކޯޅުންގަނޑު ފެށުނު ސަބަބު ބަލައިލަން ޖެހެ އެވެ.

ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ މިނިސްޓްރީން މަސައްކަތް ފެށިތާ ދުވަސްކޮޅެއް ފަހުން އެފްއޭއެމުން މީޑިއާއާ ހިއްސާކުރީ އޭއެފްސީގެ ސިޓީއެކެވެ. މިނިސްޓްރީން މައްސަލަ ބަލާތީ އެފްއޭއެމުން އޭއެފްސީގެ ލަފައަކަށް އެދުމުން، ޖަވާބުގައި ފޮނުވި އެ ސިޓީގައި އޭއެފްސީން ބުނެފައި އޮތީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދެވޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް އުޅޭ ނަމަ ރާއްޖެ އަށް އަދަބުދީފާނެ ކަމުގެ އިންޒާރު ނުސީދާކޮށް ދީފައިވެ އޮތެވެ.

އެފްއޭއެމްގެ ދިފާއުވާން ފުރުސަތު ލިބުނީ އެވެ. އެކަމަކު މިނިސްޓްރީގެ ޖަވާބަކީ ސަރުކާރުން ކްލަބްތަކަށް މިލިއަން ހަރަދުކުރާއިރު އެކުރެވެނީ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އެ އިންވެސްޓްމަންޓުގެ ނަތީޖާ ފެންނަ އެއް މުބާރާތަކީ އޭއެފްސީ ކަޕް ކަމަށްވާއިރު އެ މުބާރާތުގައި ރާއްޖޭގެ ކްލަބްތައް ނުކުޅޭ ނަމަ ސަރުކާރުގެ އިންވެސްޓްމަންޓް ފެއިލްވީ ކަމަށެވެ.

"އެ އިންވެސްޓްމަންޓް އެއީ ކާމިޔާބު އިންވެސްޓްމަންޓެއްކަން އެނގޭނީ އޭއެފްސީ ކަޕުން. އެ މުބާރާތުން ފުރުސަތު ނުލިބޭ ނަމަ އެ ނުލިބޭ ސަބަބެއް ބެލެން ޖެހޭނެ ނޫންތޯ؟" މިނިސްޓްރީގެ ކަންކަން އެނގޭ މީހަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

"ދައުލަތުގެ އާގިއުމެންޓަކީ ދައުލަތުން ފައިސާ ދެންޏާ އެވާނުވާ އެނގެން ޖެހޭނެޔޭ. ފީފާ އާއި އޭއެފްސީ ދޭ ފައިސާ ހިނގާ ގޮތް ނުބެލިދާނެ. އެކަމަށް އޮޑިޓަރުން ތިބޭނެ. އެކަމަކު ސަރުކާރު ތަފާތު."

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފުލާގައި މިނިސްޓަރު މަހުލޫފު (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮންމެއަކަސް އޭއެފްސީގެ ސިޓީއާ އެކު ދެން ފެނިގެން ދިޔައީ އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާގެ ދައުވަތަކަށް މަހުލޫފު ލަންޑަނަށް ވަޑައިގެން އޭނާއާ ބައްދަލުކުރެއްވިތަނެވެ. އެއީ، މިނިސްޓްރީން ގޯހެއް ނުހަދާކަން ސާބިތުކޮށްދޭން މިނިސްޓަރަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތެކެވެ.

އެކަމަކު އަނެއްކާ ވެސް ފެށިގެންދިޔައީ ވާދަވެރިކަމެކެވެ. ބައްސާމް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރެއްވީ އެވެ. އަދި އިންފަންޓީނޯ މި އަހަރު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލަކުރައްވާ ގޮތަށް ހަމަޖެހުނެވެ. އެއީ، ކޮންޓްރޯލް އޮތީ ތިމަންނާގެ އަތުގައިކަން ބައްސާމް ސާބިތުކޮށްދެއްވަން ބައްސާމަށް ލިބިވަޑައިގެންނެވި ފުރުސަތެކެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅަކީ ސީދާ ޝެއިޚް ސަލްމާން ދެއްވި ދައުވަތަކަށްވާތީ އެކަމުގައި އެފްއޭއެމްގެ ދައުރެއް ނެތެވެ. އެހެންވެ އެފްއޭއެމް ބައިޕާސްކޮށް މިނިސްޓްރީން ބައިނަލްއަގްވާމީ އިދާރާތަކާ ގުޅުން ބަދަހިކުރުމަކީ ވެސް މި ކޯޅުންގަނޑު ބޮޑުވާން މެދުވެރިވީ ސަބަބެއް ކަމަށް ލަފާކުރެވެ އެވެ.

ޝަވީދުގެ ނުފޫޒުގެ ވާހަކަ ބައްސާމް އެ ދުވަހު އެ ވިދާޅުވި ސަބަބަކީ، ބާރު އޮތީ ތިމަންނާމެންގެ އަތުގައިކަން ހަނދާންކޮށްދެއްވުން ކަމަށް ބެލެވިދާނެ އެވެ. އަދި ބައްސާމް އެ ވިދާޅުވަނީ، މިނިސްޓްރީއާ އުފެދިފައިވާ މައްސަލައިގައި، ތިމަންނާގެ ހިމާޔަތުގައި ޝަވީދު ހުންނަވާ ވާހަކަކަން ވެސް ގަބޫލުކުރެވެ އެވެ.

ހަގީގަތުގައި ފުޓްބޯޅަ އާއިލާ އޮތީ ބާރު އޮތީ ނުވަތަ ނުފޫޒު ގަދައީ ކާކުތޯ ބެލޭ ހާލަތެއްގައެއް ނުނެވެ. ކްލަބްތައް އޮތީ އިނދަޖެހިފަ އެވެ. ފުޓްބޯޅަ ސީޒަން ފެށުން އެތައް އަހަރެއް ފަސްކުރަން އެފްއޭއެމުން ހުށަހެޅިޔަސް އެކަމަށް ވެސް އާނ އެކޭ ބުނާހާ ކްލަބްތަކުގެ ހާލަތު ދަށެވެ. މި އަހަރު ކްލަބަށް ހަރަދުކުރާނެ ފައިދާއެއް ނެތްއިރު މިދިޔަ އަހަރުގެ މުސާރަތައް ދެވޭނެ ގޮތެއް ވެސް ނެތެވެ. ކަން އެހެން އޮއްވާ މިނިސްޓްރީ އާއި އެފްއޭއެމްގެ މެދުގައި ކޯޅުމެއް އުފެދި އަދި އެކަމުގައި، އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ނުސީދާ ވިޔަސް ދައުރެއް އޮތުމަކީ، ފުޓްބޯޅަ އާއިލާ އިން ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ.

އޮލިމްޕިކް ކޮމިޓީގެ މެމްބަރު އަދި ހޭންޑްބޯލް މޯލްޑިވްސްގެ ނައިބް ރައީސް އަހުމަދު އިސްމާއިލް ވިދާޅުވީ ފެނިގެން މިދަނީ ކުޅިވަރުން ބޭރު، ޒާތީ ކަންތައްގަނޑެއްގެ ކުލަވަރު ކަމަށެވެ.

"އެފްއޭއެމް ވެސް ހިޔެއް ނުވޭ ރަނގަޅުހެން. ތަންކޮޅެއް ޒާތީކޮށް ހަޑިކޮށް އެދަނީ. މީގެ އަސަރު ހަމަކުރާނީ ކުޅިވަރަށް. ފުޓްބޯޅަ އެކަންޏެއް ނޫން، ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންނަކަން އެބަހުރި. އެފަދަ ދަނޑިވަޅެއްގައި މިއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން،" އަހުމަދު ވިދާޅުވި އެވެ.

ފުޓްބޯޅަ ކޯޗު އަދި އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ އަލީ ސުޒޭން ބުނީ މިނިސްޓަރު ހުންނެވި ތަނެއްގައި، ސީދާ މިނިސްޓަރު އަމާޒުކޮށް އެގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ. އަދި އޭނާ އެކަން ސިފަކުރެއްވީ އެފްއޭއެމުން މިނިސްޓްރީ އަށް ޖެހި ގޮންޖެހުމެއްގެ ގޮތުގަ އެވެ.

"މީގައި ވިސްނަން ޖެހޭ ކަމަކީ ސަރުކާރުގެ އެހީ ނެތި ފުޓްބޯޅައެއް ކުރިއަށް ނުގެންދެވޭނެކަން. ސަރުކާރުން ފުޓްބޯޅައަށް ވަރަށް ގިނަ ގޮތް ގޮތުން ހަރަދުކުރޭ. ކޯޗުންނަށްދޭ މުސާރަ އާއި ކްލަބްތަކަށްދޭ އެލަވަންސް އާއި މެޗު ކުޅެން ދަނޑުގެ ހަރަދު ހަމަޖެއްސުމާއި މިކަހަލަ ކަންކަމަށް ސަރުކާރުން އެބަ ހަރަދުކުރޭ ފަސްދޮޅަހަކަށް މިލިއަން ނުވަތަ ސާޅީހަކަށް މިލިއަން ރުފިޔާ،" ސުޒޭން ބުންޏެވެ.

ފުޓްބޯޅަ ކޯޗު އަލީ ސުޒޭން: އެފްއޭއޭމަށް ވަރަށް ބޮޑަށް ފާޑުކިޔާ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އެކަނިމާއެކަނި ފުޓްބޯޅަ ހިންގޭނެ ވަރު އެފްއޭއެމްގައި ނެތީސް، މިނިސްޓްރީ އަށް އެގޮތަށް ޗެލެންޖް ކުރުމަކީ މި ކުޅިވަރަށް ދެވޭ ގެއްލުމެއް ކަމަށް އޭނާ ދެކެ އެވެ. އަނެއްކޮޅުން ކުރިއާ ހިލާފަށް ފުޓްބޯޅަ ބަލަން މިހާރު ބަޔަކު ދަނޑަށް ނުވަންނައިރު، ފުޓްބޯޅައަށް އޮތީ ހާއްސަ މަގާމެއް ދޭން ޖެހޭ ނުވަތަ ލިބެން ޖެހޭ ހިސާބެއްގައި ނޫންކަން އޭނާ ފާހަގަކުރި އެވެ.

"އެހެންވީމާ ވަޒީރަށް އެގޮތަށް ޗެލެންޖްކޮށްލެކޭވަށް ނެތް،" ސުޒޭން ބުންޏެވެ. "ފުޓްބޯޅަ ކުރިއަރުވަން ލިބޭ ފުރުސަތު ދަނީ ގެއްލިގެން މިދަނީ."

ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު ވިދާޅުވީ ކުޅިވަރުން ނަގައިދޭ ފިލާވަޅަކީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި އެހެންވެ އެކުވެރި މާހައައުލުން ނެއްޓިގެންދާ ފަދަ ބަސް ބުނެ އަދި އަމަލުކުރުމަކީ ކުޅިވަރަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.

އެ އެކުވެރިކަން ނުގެއްލޭނެ ގޮތަށް ވާހަކަތައް ބަހައްޓަން ޖެހޭނީ،" ހުސެއިން ވިދާޅުވި އެވެ.

އަދި ޝަވީދުގެ ނުފޫޒުގަދަ ވާހަކަ ބައްސާމް ވިދާޅުވިއިރު، ކުޅިވަރުގައި ފަހަކަށް އައިސް ދިމާވި މައްސަލަތައް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން ޝަވީދަށް ހައްލުކޮށްދެވިފައިނުވާކަން ވެސް ހުސެއިން ފާހަގަކުރެއްވި އެވެ.

އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ދެކެވަޑައިގަންނަވާ ގޮތުގައި ޝަވީދުގެ ވާހަކަ ބައްސާމް ގެންނެވި ސަބަބަކީ އޭނާ އަކީ އޮލިމްޕިކް ކޮމިޓީގެ ރައީސަށްވުމެވެ. އަދި އޮލިމްޕިކް ކޮމިޓީ އަކީ އެސޯސިއޭޝަންތަކުގެ ބެލެނެވެރިޔާ ކަމަށްވާއިރު އޮލިމްޕިކް ކޮމިޓީގެ ރައީސަކީ ނުފޫޒު ގަދަ މީހެއް ކަމަށް ބުނުމަކީ، ޒާތީ ކަމެއް ނުވަތަ ވަކި މީހަކަށް ނިސްބަތްކޮށް ބުނި ބުނުމެއް ކަމަށް ވާން ޖެހޭ ސަބަބެއް އޮތް ކަމަށް ޖަވާޒް ދެކެވަޑައިނުގަންނަވަ އެވެ.

19 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 2%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިހާރުމިހާރު

05 January 2019

މިހާރު ނޫސް މި އާރޓިކަލް ޕަބްލިޝް ކުރީ އަދި އިތުރަށް މިނިސްޓްރީއާ އެފްއޭއެމް އާ ޖެއްސުމުގެ ބޭނުމުގައި، ނޫސް ލިޔާބެފުޅުންވެސް މައިތިރިވެ މުޖުތަމައުގައި ހުރި ނުރައްކާތެރި މައްސަލަތަކާއެކު ކުރިޔައްދޭބަލަ.

The name is already taken The name is available. Register?

ނުފުއިޒު

03 January 2019

ތި ނުފޫޒަކުން ދިވެހި ފުޓުބޯޅައަށް ލިބެނީ ގެއްލުން. ދިވެހި ފުޓުބޯޅަ ދަނީ އަޑިއަށް. ދަނޑަށް ވަންނަ މީހުން ވަނީ މަދު. ކްލަބްތަކުގެ މާލީ ހާލަތު ދަށަށް.

The name is already taken The name is available. Register?

ބޯޅަ.

03 January 2019

އެފްއޭއެމް ތީ މިހާރަށް މިހާރަށް ރިފޯމް ކުރަށް ޖެހޭތަނެއް. މުޅިތަން ދޮވެސާފް ކުރަށް ޖެހޭ.

The name is already taken The name is available. Register?

ދިއްލޭ ކޮޑާ

03 January 2019

ބައި. މިހާރަށް މިހާރަށް ނެތީ، މިހާރުން މިހާރަށް ތިބޭ.

The name is already taken The name is available. Register?

އާރީ

02 January 2019

ތީ މިގައުމުގެ ފުޓްބޯޅަ ހަލާކު ކޮށްލި ދެމީހުން. ވަރަށް ސާފްކޮށް މި ބުނީ. މުޅި އެފްއޭއެމް ސިޔާސީ ކޮށްލީ. ދައުލަތުން ދިން 64 މިލިޔަން ހެދި ނުހެދިއެއް ނޭގޭ. ދަނޑަށް މީހަކު ނުވަދެ. ކުލަބުތައް އިދަޖަންސާލީ

The name is already taken The name is available. Register?

ޟަމް

02 January 2019

ޝަވީދު ތީ އެއްކަމެއްވެސް ވާމީހެއް ނޫން، އަހުމަދު އިސްމާއިލް ފޫބުޑުން ދުވެެގެން އޮލިމްޕިކް ކޮމެޓީގެ ރައީސް އަށް ވެސް ވެވުނީ، ކުލަބު ގަނޑެއް ނުހިންގުނު ރޯނު އެދުރެއް ޝަވީދު އަކީ

The name is already taken The name is available. Register?

އޭނާ

02 January 2019

ބައްސާމު ދުވަމުންދިޔައީ ބޭރުގައުމުތަކުގެ ކުޅިވަރު ޝަހުސިއްޔަތުންނާއެކު ސެލްފީ ނެގޭތޯ. ފުޓްބޯޅައަށް ކޮއްދިންކަމެއް ކޮބާ؟ ދިވެހި އެއްވެސް ޓީމެއް އޭއެފްސީ ކަޕް ކުޅޭތަ؟

The name is already taken The name is available. Register?

ހެލީފާ

03 January 2019

ކަލޭމެން އުމުރު ދުވަހު މަސައްކަތް ކޮއްގެން އެންމެ ފަހަރަކު ނަސީބަކުން ހޯދުނު ތަށި އެއޮތީ ވަރަށް ފަސޭހަ ކަމާއެކު ހޯދާފަ. އެވަރު ކުޑަތަ؟ ރާއްޖޭގެ ފުޓުބޯޅަ ހަލާކުވީ ތިޔަ އޭއެފްސީ އަކަށް ދާން ފެށިފަހުން. އެއައްހޮވޭ ޓީމަށް ރާއްޖޭގަ ތިބޭ އެންމެ މޮޅު ކުޅުންތެރިން ބޭރަށް ދާހިތުން ބަދަލު ވީމަ ދެން ހުންނަ ޓީމް ތަށް ދަށްވަނީ. އެހިސާބުން ވާދަވެރިކަން ގެއްލި ދަނޑަށް ވަންނަ މީހުުންގެ ޝައުގުވެރިކަން ކުޑަވަނީ

The name is already taken The name is available. Register?

ފޫހި

02 January 2019

ދެން ބުނޭ ތަށިލިބުނޭ. އެއީ ހަމަލަކީ. ގުރުނަގައިގެން ސެމީއަށް ދޮޔައީ. އަސްލުވެސް ތިޔަ ބައްސާމު ވަކިކުރޭ. އަދި ސަވީދުވެސް. ފޫހި

The name is already taken The name is available. Register?

ތިމާވެށި

02 January 2019

ހުރިހާވެސް މައްސަލައަކީ ޖަމްއިއްޔާ އަދި އެސޯސިއޭޝަން ތަކުން މަގާމް ތައް ބައްދަލުވުންތަކުގަ ހޮވާއިރު އާއްމު މެމްބަރުންނަށް ކުރިމަތިލާން ނުކެރެނީއެވެ. ދެން ސިޔާސީ އަދި ވިޔަފާރިވެރީން އެމަގާމް ތަކަށް ހޮވި އެމީހުން އުޅެނީ އެހެން ކަމެއް ކުރާށެވެ .

The name is already taken The name is available. Register?

މުރޭ

02 January 2019

ކޮބާތަ ތި ނުފޫޒުގަދަ ދެމީހުން ހިންގި ކުލަބުތައް؟ ލޮލް.

The name is already taken The name is available. Register?

އަހަމް

02 January 2019

މީ ރައްޔިތުން ހެޔޮ ބަދަލަކަށް ގެނައި ސަރުކާރެއް. އެހެންކަމުން އެފްއޭއެމުންވެސް މިސަރުކާރަށް އެއްބާރުލުން ދޭންޖެހޭ. ބައްސާމެއް، ޝަވީދެއް އަދި ޖަވާޒެއް ނޯންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!