ޝިފާޒަށް ކާމިޔާބު އަހަރެއް: ދެން ވެސް ފަސް ބެލުމެއް ނެތް

އަމިއްލަ ގޮތުން ލިބުނު ފުރުސަތެއްގައި މިވަގުތު ކެންޔާގައި ތަމްރީން ހަދަމުން އަންނަ ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު، ކާމިޔާބު އަހަރެއް ނިންމާލާފައިވާއިރު މި އަހަރު ވެސް މުހިއްމު ތިން އަމާޒަކަށް ވާސިލްވާން އަންނަނީ މަސައްކަތްކުރަމުންނެވެ.


މެރެތަން އާއި ހާފް މެރެތަންގެ ގައުމީ ރެކޯޑް އޮންނަ ޝިފާޒް އެ ދެ ރެކޯޑް އާކުރަން މި އަހަރު ވެސް އަމާޒުކޮށްފައިވާއިރު ދެން އޮތީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމުގެ އަމާޒެވެ.

އެ އަމާޒަށް ވާސިލްވާން އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ މިދިޔަ އަހަރު ލިބުނު ކާމިޔާބީތަކެވެ. އެގޮތުން ބައިނަލްއަގްވާމީ ފަސް ދުވުމެއްގައި ވާދަކޮށް ގައުމީ ރެކޯޑް ހަ ފަހަރު އާކުރި އެވެ.

އަހަރު ފެށީ ޖެނުއަރީ މަހު އޮތް ދުބާއީ މެރެތަންގައި 2 ގަޑި 39:43 މިނެޓުން ދުވެ މެރެތަން ރެކޯޑް އާކޮށްގެންނެވެ. އެ ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި 2 ގަޑި 35:17 މިނެޓުން ދުވެގެންނެވެ.

މެރެތަން ރެކޯޑް ޝިފާޒް ވަނީ ނުވަ މަސް ދުވަހުގެ ތެރޭ ތިން ފަހަރު އާކޮށްފަ އެވެ. އެ ރެކޯޑް އެންމެ ފުރަރަމަ މުގުރާލީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ދުވެގެންނެވެ.

މިދިޔަ އަހަރު އޭނާ ހާފް މެރެތަން ރެކޯޑް ދެ ފަހަރު އާކުރި އެވެ. އެންމެ ފުރަތަމަ އާކުރީ މާޗު މަހު އޮތް ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 14:23 މިނެޓުން ރޭސް ނިންމައިގެންނެވެ. އަދި އެ ދުވުމުގެ ތެރެއިން އޭނާ 15 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހެދި އެވެ. ހާފް މެރެތަން ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މޭ މަހު ނޭޕާލުގައި އޮތް ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14:01 މިނެޓުން ދުވެގެންނެވެ.

ޝިފާޒް ގޯލްޑްކޯސްޓް މެރެތަން ނިންމަނީ.

މިދިޔަ އަހަރު ދެން އޭނާ ވާދަކުރީ އޭޝިއަން ގޭމްސްގަ އެވެ. އެކަމަކު ރާއްޖޭން ބޭރުގެ މެރެތަން ރޭހެއްގައި 26 އަހަރަށް ފަހު ރާއްޖެ ތަމްސީލްކުރި ފުރަތަމަ ދުވުންތެރިޔާގެ ގޮތުގައި އޭޝިއަން ގޭމްސްގައި ވާދަކުރި މެޔަށް ތަދެއް އަރައިގެން ރޭސް ކުރިއަށް ނުގެންދެވުނީ އެވެ.

މި އަހަރަށް ކަނޑައެޅި ތިން އަމާޒުގެ ތެރެއިން، މެރެތަން ރެކޯޑް، ހަޔާތުގައި ހަތަރު ވަނަ ފަހަރަށް އާކުރަން ނުކުންނާނީ މި މަހުގެ 25 ގައި އޮންނަ ދުބާއީ މެރެތަންގަ އެވެ.

"މިދިޔަ އަހަރު ތިން މަސް ދުވަހުގެ ތަމްރީންތަކަށް ފަހު ގޯލްޑްކޯސްޓް މެރެތަންގައި ފަސް މިނެޓު އަވަސްކުރިން. މި ފަހަރު ކެންޔާގައި ދެ މަސް ދުވަހު ތަމްރީން ހަދާފައި އެވަރުގެ ކުރިއެރުމެއް އަނެއްކާ ވެސް ހޯދޭނެ ކަމަށް ގަބޫލުކުރަނީ،" ޝިފާޒް "މިހާރަ"ށް ބުންޏެވެ.

ދިގު ރާސްތާ ދުވުންތެރިން އުފެއްދުމުގައި އެފަދަ ދެ ވަނަ އެއް ނެތް ގައުމެއް ކަމަށްވާ ކެންޔާގައި ހަދަމުން އަންނަ ތަމްރީންތަކާ މެދު ޝިފާޒް ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ. ހެޑް ކޯޗުގެ އެހީއާ އެކު އޭނާ އަށް މިހާރު ވެސް ތަފާތު ފާހަގަކުރެވެ އެވެ. ކަނޑުގެ ލޮނުގަނޑަށް ވުރެ އުހުގައި، ތަފާތު ރޫޓެއްގައި ތަފާތު މާހައުލެއްގައި ހަދާ އެ ތަމްރީންތަކުން ކުރިއެރުން ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ހެޑްކޯޗު އަބަދުވެސް އަޅުގަނޑާ އެކު މަސައްކަތްކުރޭ. އަނެއްކާ ދުވާ ކޮންމެ ދުވަހަކު ކެންޔާގެ ޕޭސާއެއް (ދުވެލި ހިފަހައްޓައިދޭ މީހާ) ހުރޭ ކައިރީގައި. ވަރަށް ބޮޑު ފަސޭހައެއް ވެގެންދޭ،" ޝިފާޒް ބުންޏެވެ.

މިހާރު އޭނާ އުއްމީދުކޮށްގެން ހުރީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފުރުސަތު ލިބިއްޖެ ނަމަ ހާފް މެރެތަން އިވެންޓުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދިނުމާއި އެ އިވެންޓުން ގައުމީ ރެކޯޑް އާކުރުމެވެ.

"ބޮޑު ތަފާތަކުން ރެކޯޑްއާކޮށް ރާއްޖެ އަށް މެޑަލް ހޯދައިދޭން ބޭނުންވަނީ. ފުރުސަތު ލިބިއްޖެ ނަމަ އެކަން ހާސިލްކުރެވޭނެ،" ޝިފާޒް ބުންޏެވެ.

ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ ޝިފާޒް.

އެކަމަށް މިހާރު އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ވަޒީފާއަދާކުރާ ސިފައިންގެ އިންނާއި ގާތް ރަށްޓެހިންނެވެ. އެގޮތުން ސިފައިންގެ އިން އޭނާ ތަމްރީންތަކަށް ވީއްލައިދީފައިވާއިރު ކެންޔާގެ ތަމްރީން ފުރުސަތަކީ ރަށްޓެއްސަކު ހޯދައިދިން ފުރުސަތެކެވެ.

އެކަމަކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ދާދި ފަހުން ޝިފާޒަށް ފޯނުން ގުޅުއްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން އޭނާ އަށް ތަމްރީން ހަދަން ފުރުސަތު ލިބިދާނެ ކަމުގެ އިޝާރާތެކެވެ.

ރާއްޖޭގައި މިވަގުތު ހުރި ދިގު ރާސްތާ ދުވުމުގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ޝިފާޒުގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް އަމިއްލަ ގޮތުން ކުރި މަސައްކަތް ކަމަށް އެތުލެޓިކްސްގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެގޮތުން ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް 2017 އަހަރު ތަމްރީން ހަދައި އަދި ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.