އިންޑިއާ އަތުން ބަލިވުމުން ތައިލެންޑް ކޯޗު ވަކިކޮށްފި

އޭޝިއަން ކަޕުގެ ފުރަތަމަ މެޗުން އިންޑިއާ އަތުން 4-1 އިން ތައިލެންޑް ބަލިވުމުން އެ ޓީމުގެ ކޯޗު ސާބިއާގެ މިލޮވަން ރަޔެވަޗް މަގާމުން ވަކިކޮށްފި އެވެ.


ގާނާ، ގަތަރު އަދި އަލްޖީރިއާ އަށް ކުރިން ކޯޗުކޮށްދިން ރަޔެވަޗްގެ ބަދަލުގައި ތައިލެންޑަށް މުބާރާތުގައި ކޯޗުކޮށްދޭނީ އެސިސްޓަންޓް ކޯޗު ސިރިސަކް ޔޮދްޔަރްތައީ އެވެ.

ދެކުނު އޭޝިއާގެ ގައުމެއްގެ އަތުން، ދެކުނު އިރުމަތީ އޭޝިއާ އަށް ނިސްބަތްވާ އަދި އޭޝިއާގެ ފުޓްބޯޅައިގައި ކުރިއަރަމުން އަންނަ ގައުމެއް 4-1 އިން ބަލިވުމަކީ ހައިރާންކުރުވަނިވި ނަތީޖާއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުބާރާތުގެ ކުރިން އިންޑިއާއާ އެއްކޮށް އެކުވެރިކަމުގެ މެޗެއް ކުޅެން ލިބުނު ފުރުސަތު ތައިލެންޑުން ދޫކޮށްލީ އެއަށް ވުރެ ވަރުގަދަ ގައުމަކާ ކުޅެން ވެގެންނެވެ. އެހެން އެކަން ވެފައި އޮއްވާ އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވުމަކީ ތައިލެންޑް ފުޓްބޯޅައަށް ލިބުނު ލަދުވެތިކަމެކެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ އިންޑިއާ އެވެ. ޔޫއޭއީ އާއި ބަހުރޭނަށް އެއް ޕޮއިންޓް ލިބިފައިވާއިރު ތައިލެންޑް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. ދެ ވަނަ ބުރަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ތައިލެންޑް އަތުން އިންޑިއާ މޮޅުވުމުގައި މުހިއްމު ދައުރެއް އަދާކުރީ ދެ ލަނޑު ޖެހި ކެޕްޓަން ސުނިލް ޗެތުރީ އެވެ. އެއާ އެކު ޗެތުރީ ވަނީ ބައިނަލްއަގްވާމީ ލަނޑު ލިސްޓުގައި އާޖެންޓީނާގެ ލިއޮނަލް މެސީ ފަހަތަށް ޖައްސާލައިފަ އެވެ. ލިސްޓުގައި ޗެތުރީ 20 ވަނަ އަށް އެރީ 105 މެޗުން 67 ގޯލް ހަމަކޮށްގެންނެވެ. މެސީ އޮތީ 128 މެޗުން 65 ގޯލް ޖަހައި 21 ވަނައިގަ އެވެ. ރާއްޖޭގެ ކުޅަދާނަ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އޮތީ 78 މެޗުން 52 ގޯލް ޖަހައިގެން 46 ވަނައިގަ އެވެ.