ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން ނިންމައިފި

މި އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާ ގޮތަށް، ކްލަބްތަކުގެ ތާއީދާ އެކު ނިންމާފައިވާ ކަމަށާއި އަންނަ ހަފުތާގައި ކަލަންޑަރު ނެރޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


ޒަމާނުއްސުރެ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަމުން އައީ ފެބްރުއަރީ ނުވަތަ މާޗު މަހު އެވެ. އެހެންވެ މިއީ ފުޓްބޯޅަ ސީޒަނަށް ފަހަކަށް އައިސް އެންމެ ބޮޑު ބަދަލެއް އަންނާނެ އަހަރަށް ވާނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އެގޮތަށް ނިންމީ ކްލަބްތަކުން ވެސް ބޭނުންވެގެން ކަމަށާއި އެކަމަށް ދިވެހި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ މެޖޯރިޓީ ނިންމުމެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި އަންނަނީ ޓެކްނިކަލީ ކުރަން ޖެހޭ ކަންކަން ކުރަމުން. އެގޮތުން ފީފާގެ މުއްދަތުތަކާ އެއްގޮތަށް ޓްރާންސްފާގެ ދުވަސްތައް ކަނޑައެޅުން ފަދަ މަސައްކަތްތައް. އެކަންކަން ފައިނަލްކުރުމަށް ފަހު އަންނަ ހަފުތާގައި ކަލަންޑަރު އިއުލާންކުރެވޭނެ،" ޖަވާޒް ވިދާޅުވި އެވެ.

އެފްއޭއެމުން ވަނީ މި އަހަރުގެ ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރު އޮންނާނެ ގޮތުގެ ޕްލޭން އޮކްޓޯބަރު މަހު މީޑިއާއާ ހިއްސާކޮށްފަ އެވެ. އޭރު ބުނެފައި އޮތީ މާލޭ ލީގު އުވާލައި، ޕްރެޒިޑެންޓްސް ކަޕުން ސީޒަން ފަށާ ގޮތަށެވެ. އެއަށް ފަހު ޕްރިމިއާ ލީގު ބާއްވާއިރު، ސީޒަން ނިންމާނީ އެފްއޭ ކަޕުންނެވެ. އަދި ސީޒަން ދެމިގެންދާނީ ނުވަ މަސް ދުވަހަށެވެ.

އެނގިފައިވާ ގޮތުގައި ސީޒަން ފެށުން ލަސްކުރި އެންމެ ބޮޑު އެއް ސަބަބަކީ ކްލަބްތަކަށް މާލީ ގޮތުން އަޑިއަޅާލާފައިވާތީއާ އެކު ކްލަބްތައް ހަމަޔަކަށް އެޅުވުމަށް ފަހު ސީޒަން ފެށުމަށެވެ. ބައެއް ކްލަބްތައް ކުޅުންތެރިންނަށް ބޮޑެތި އަދަދުތަކުން ދަރާފައިވާއިރު އަންނަ ސީޒަނަށް ތައްޔާރުވާން އަތަކަށް ހިރިލެވޭކަށް ވެސް ނެތެވެ.

އަނެއްކޮޅުން ކުޅުންތެރިންގެ މުސާރަތައް އިމެއްގެ ތެރެއަށް ފައްތަންކުރާ މަސައްކަތުގައި އިދާރީ ވަރަށް ގިނަ މަސައްކަތް ހުރުމާ އެކު އެކަންކަން ވެސް ނިންމަން ވަގުތު ހޯދުން ވެސް، އޭގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ. މުސާރައިގެ އާ އޮނިގަނޑު މިހާރު ކްލަބްތަކާ ވަނީ ހިއްސާކޮށްފަ އެވެ. އެ އޮނިގަނޑު ފައިނަލް ވުމާ އެކު ކުޅުންތެރިން އަލުން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ސީޒަން ފެށުން ލަސްކުރަން އެފްއޭއެމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ނެތުމެވެ. އެހެންވެ ފެބްރުއަރީ މަހު ފަށާ އެ މުބާރާތް ނެތުމުން އެފްއޭއެމަށް އޮނިގަނޑު ބަދަލުކޮށްލަން ފަހިވީ އެވެ. ދެން އޮންނާނެ ސުވާލަކީ ޖޫން މަހު ސީޒަން ފަށައިގެން 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފަށަންވާއިރަށް ސީޒަން ނުނިމޭނެތީ އެ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ދޭނެ ޓީމުތަކެއް ކަނޑައެޅުމެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ވިސްނުން ހުރީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ރަނަރަޕް މާޒިޔާ އަށް އަންނަ އަހަރު ފުރުސަތު ދޭށެވެ.