ކްލަބްތައް ހަރުދަނާނުކޮށް ފަރުޖެއްސޭކަށް ނެތް!

ސަރުކާރުގެ އިސްނެގުމާ އެކު ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ފެށި އެންމެ ބިޔަ މަސައްކަތަކީ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމެވެ. އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް އެކަމަށް ބެލުމެއްނެތި ފުޓްބޯޅައަށް، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން މީގެ ދެ އަހަރު ކުރިން ހަރަދުކުރަން ފެށީ ފުޓްބޯޅަ އަށް އުޖާލާ މުސްތަގުބަލެއް ހޯދުމުގެ ބޭނުމުގަ އެވެ. އެކަމަކު އެ ކަމަށް ދެ އަހަރުވީއިރު ފެންނަނީ ހާސިލްކުރަން ބޭނުންވި ކަންތައްތަކާ ދިމާ އިދިކޮޅު މަންޒަރުތަކެވެ. ބައެއް ކްލަބްތައް ބޮޑު އަދަދުތަކުން ދަރައި ބަގުރޫޓުވުމާ ގާތުގައި އޮތްތަނެވެ. ކްލަބްތައް ބާރުވެރިވުމުގެ ހުވަފެންތައް އޮތީ އަތްފޯރާފަށަށް ވުރެ ދުރުގަ އެވެ.


އެސްއޯއީ އެއްބަސްވުން ހަދާ ކުންފުނިތަކާ 2017 ވަނަ އަހަރު ކްލަބްތައް ގުޅާލީ ދެ އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރެ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ފުޓްބޯޅަ އަށް ކުރި ހަރަދުތައް 60 މިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ.

މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދެ އެވެ. ފުރަތަމަ ދެނީ އެއްބަސްވުމުގައި ސޮއިކުރާތާ ހަފްތާއެއްގެ ތެރޭގައި އަށް ލައްކަ ރުފިޔާ އެވެ. އަނެއް 1.2 މިލިއަން ރުފިޔާ ދެވޭނީ ކުއާޓާރުތަކަށް ބަހާލައިގެންނެވެ. އެ އަށް ފަހު ފުރަތަަމަ ޑިވިޝަންގެ ޓީމުތަކުގެ ތެރެއިން ޕްރިމިއާ ލީގަށް ހޮވޭ ހަތަރު ޓީމަކަށް އިތުރު އެއް މިލިއަން ރުފިޔާ ދެ އެވެ.

މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަށް ހުރިހާ ހަރަދެއް ކުރުމަށް ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދެ އެވެ. މިއީ ހަތަރު ޓީމަށް ބަލާ ކަމަށްވާނަމަ ހަ މިލިއަން ރުފިޔާ އެވެ.

އެސްއޯއީގެ ފުރަތަމަ ދެ އަހަރުގެ ތަޖުރިބާ އަށް ބަލާއިރު ފެނުނު ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކަށް ލިބުނީ މާޔޫސްކަމެވެ. ފުޓްބޯޅަ އަށް ކުރެވުނު ހަރަދުތަކުން ހާސިލްކުރެވުނު މިންވަރު އިންތިހާ އަށް މަދެވެ. އެގޮތަށް އެކަން ވުމުގެ ސަބަބުތައް ބައިވަރެވެ.

ފުރަތަމަ ދެ އަހަރު އެންމެ ގިނަ މައްސަލަތަކެއް މެދުވެރިވި އެއް ސަބަބަކީ އެސްއޯއީ އެއްބަސްވުމުގައިވާ ކަންތައްތަކަށް ފާރަވެރިވުމުގައި އެފްއޭއެމްގެ ދައުރު ކުޑަވުމެވެ. މިއީ އެފްއޭއެމްގެ އިހުމާލު މި ކަމުގައި އޮތް ކަމަށް ބަޔަކު އެ އިދާރާ އަށް ތުހުމަތުގެ އިނގިލި ދިއްކުރާ އެންމެ ބޮޑު ސަބަބެވެ. އެއްބަސްވުމުގެ ކަންތައްތައް އޮތްގޮތުން އެފްއޭއެމްގެ ދައުރު ކުޑަވުމުގެ ނާޖާއިޒު ފައިދާ ކްލަބްތަކުން ނެގިކަން ސާބިތުވާ ކަމަކީ މިހާރު ބައެއް ކްލަބްތައް މާލީ ގޮތުން އަދަވަޅަކަށް ވެއްޓިފައި އޮތް މަންޒަރު ފެންނަން އޮތުމެވެ.

މިސާލަަކަށް ބަލާނަމަ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ވިކްޓަރީ މި އަހަރު މެޗުތަކަށް ހާޒިރުނުވެ ދިޔައިރު، އެ ޓީމަށް އެސްއޯއީ މެދުވެރިކޮށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް ލިބުނެވެ. އެކަމަކު ފަސް މަހަށް ވުރެން ގިނަ ދުވަހު ކުޅުންތެރިންނަށް އޮތީ މުސާރަ ނުދެވި އެވެ. އާ ބޯޑެއް ކްލަބްގެ ހިންގުމާ ހަވާލުވިއިރު، ބޮޑު އަދަދަކުން ކުޅުންތެރިންނަށް ކްލަބް ދަރާފައި އޮތުމަކީ ފާރަވެރިއެއްގެ ދައުރު އެފްއޭއެމަށް ވެސް އަދާނުކުރެވި އޮތުމެވެ. މިއީ އެފްއޭއެމުން ފިލާވަޅު ނަގާނެ ކަމެއް ކަމުގައި އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ކުންފުނިތަކުން ކްލަބްތަކާ އެކު އެއްބަސްވުން ހަދާފައި އޮތީ ގިނަ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ޝަރުތުކޮށެވެ. ކުއާޓަރުތަކަށް ބަހާލައިގެން ފައިސާ ދެނީ ކަންތައްތައް ފުރިހަމަކޮށް ކުއާޓަރުތަކުގެ ރިޕޯޓް ހުށަހެޅުމުންނެވެ. އެކަމަކު ކަންތައް ހިނގާދިޔަ ގޮތްތަކަށް ބަލާއިރު، ހުށަހަޅާ ރިޕޯޓްތައް ފުރިހަމަ ނުވިޔަސް ޝަރުތުކޮށްފައިވާ ކަންތައްތައް ނުވެ ހުއްޓައި، ކުންފުނިތަކުން ވަނީ ކްލަބްތަކަށް ފައިސާ ދޫކޮށްފަ އެވެ.

މޯލްޑިވްސް ގޭސްއާ އެކު ވިކްޓަރީން އެސްއޯއީ އެއްބަސްވުމުގައި ބައިވެރިވުމަށް ފަހު ޖޯޒީ ދައްކާލަނީ: އެސްއޯއީގެ ހުރިހާ ފައިސާއެއް ލިބި ވިކްޓަރީގެ ހާލަތު ވަނީ ބޮއްސުންލާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ސަރުކާރުގެ އެންގުމަށް އަޅުގަނޑުމެން މި ޕްރޮގްރާމްގައި ބައިވެރިވީ. ހަގީގަތުގައި އެއްބަސްވުމުގައި އޮންނަގޮތަށް ކްލަބްތަކުން އަމަލެއް ނުކުރޭ، މިކަމަށް ފާރަވެރިވާނެ ބަޔަކު ނެތް. އެހެންވެ އަޅުގަނޑުމެންނަށް ވެސް މިއީ ސަރުކާރުގެ އެންގުމަކަށްވީތީ ފައިސާ ދޫކުރެވުނީ. މިއީ ރައްޔިތުންގެ ފައިސާ މީގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކާ މެދު އެބަޖެހޭ ފިޔަވަޅު އަޅަން،" އެސްއޯއީ ޕްރޮފްރާމްގައި ހިމެނޭ ކުންފުންޏެއްގެ މީހަކު "މިހާރަ"ށް މައުލޫމާތު ހިއްސާކުރި އެވެ.

އެސްއޯއީ އެއްބަސްވުމުގައިވާ ގޮތުން ކުންފުނިތަކުގެ ބޯޑަށް ކްލަބްތަކުގެ ވެރިން ހާޒިރުކުރެވޭނެ ކަމަށް މީގެ ކުރިން އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެއީ ހަރަދުކުރެވެނީ ކުންފުނީގެ ފައިސާ ކަމަށްވެފައި އެކަމަަށް ޖަވާބުދާރީވާންޖެހޭ އުސޫލުތަކެއް އޮންނަން ޖެހޭތީ އެވެ. އެކަމަކު އޭގެން އެއްވެސް ކަމެއް މިދިޔަ ދެ އަހަރު ފެނިގެނެއް ނުދެ އެވެ. ވާނެ ގޮތެއް ވާން އޮތީ މާ ބޮޑަށް ދޫކޮށްލެވިފަ އެވެ. އެސްއޯއީގެ ފައިސާ އިން ފައިދާނެގި ފަރާތްތަކުން ކްލަބްތައް ބިކަވާން ދޫކޮށްލާފައި ދިއުމުން އޭގެ އުނދަގޫ ތަހައްމަލުކުރަން ޖެހެނީ އަލުން ކްލަބްތައް ކޮޅަށް ޖަހަން މަސައްކަތްކުރި މީހުންނަށެވެ.

އެސްއޯއީ ޕްރޮގްރާމްގައި ހިމެނޭ ގިނަ ކުންފުނިތަކުން ބަރާބަރަށް ޓީމުތަކަށް ފައިސާ ދެ އެވެ. އެކަމަކު އޮންނަ އުސޫލުގެ ތެރެއިން ފައިސާ ދޫނުކުރާ ކުންފުނިތައް ވެސް ހިމެނެ އެވެ. އެއީ ފެށުނުއިރު ވެސް މި ޕްރޮގްރާމާ މެދު ބައެއް ކުންފުނިތަކުގެ ހިތްހަމަ ނުޖެހުން ހުރުމުން ދިމާވި ކަންތައްތަކެވެ. މި ދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އެކަން ފާހަގަވެގެންދިޔަ އެވެ. ގިނަ ޓީމުތަކަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުންފުނިތަކުން ފައިސާ ދޫކޮށްފައިނުވާތީ ކްލަބްތައް ހިންގުމަށް ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. އަދި ކުޅުންތެރިންނަށް ކޮށްދެން ޖެހޭ ގިނަ ކަންތައްތަކަށް ބުރޫ އެރި އެވެ.

"ބައެއް ކުންފުނިތަކުން އެބަހުރޭ ކަނޑައެޅިގެން ފައިސާ ދިނުން ލަސްކޮށްފައި. އެއީ ކީއްވެ ކަމެއް ނޭނގެ. ހަގީގަތުގައި މީގެއިން ފެންނަ އެއް ކަމަކީ ކްލަބްތަކަށް މި ފައިސާ ދޭން ކުންފުނިތަކުގެ ވެސް ހިތްހަމަ ނުޖެހުންތަކެއް ހުރިކަން. ރަނގަޅު ގޮތުގައި މީގެ އަށް އެއްބާރުލުން ނުދޭކަން. މީގެ ފައިދާ ބޮޑުވާނީ ކުންފުނިތަކާއި ކްލަބްތައް ގުޅިގެން މަސައްކަތްކޮށްގެން." ކްލަބެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.

ފެންނަން އޮތް ހަގީގަތަކީ ދައުލަތުގެ ފައިސާ އިން މި ވަރުގެ ހޭދައެއް ފުޓްބޯޅަ އަށް ކުރިއިރު އެކަށީގެންވާ ނަތީޖާއެއް ފެންނަން ނެތް ކަމެވެ. ކްލަބްތައް އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވޭނެ އަލިމަގެއް އަދިވެސް ފެންނަން ނެތުމެވެ. އެސްއޯއީގެ އެންމެ ބޮޑު އަމާޒު ކަމަށްވާ ކްލަބްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދެވޭނެ ގޮތެއް ހޯދުމުގެ މިސްރާބަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި ހުރުމެވެ.

ކްލަބްތައް ބާރުވެރިކުރުމަށް އެފްއޭއެމްގެ ދައުރު ބޮޑުކުރާނަން: ބައްސާމް

އެސްއޯއީގެ މަސައްކަތް މީގެ ދެ އަހަރު ކުރިން ފެށީ އެފްއޭއެމް ހަމައެކަނި މެދުވެރިއެއްގެ ގޮތުގައި އޮވެގެންނެވެ. ފާރަވެރިވުމުގައި އެފްއޭއެމްގެ ދައުރު އޮތީ އޮންނަން ޖެހޭ މިންވަރަށް ވުރެން މާ ކުޑަކޮށެވެ. އޭގެ ނަތީޖާ މިހާރު ފެންނަން އޮތީ ހިތިކޮށެވެ. ކަންތައްތައް ބޮންސުންލާދިޔައިރު، ބައެއް ކްލަބްތަކަށް އެފްއޭއެމުން ލޯން ދީގެން ވެސް ހަމަމަގަށް އެޅުވި މަންޒަރު މިދިޔަ ސީޒަނުގައި ފެނުނެވެ.

އެސްއޯއީ އެއްބަސްވުންތައް އަލުން ހެދުމުގެ މަސައްކަތްތައް އެފްއޭއެމުން މިހާރު އަންނަނީ ކުރަމުންނެވެ. އެ އިދާރާގެ ވިސްނުން މިހާރު ހުރީ އަލުން އެއްބަސްވުން އެކުލަވާލާއިރު މީގެ އެފްއޭއެމްގެ ދައުރު ބޮޑުކުރުމެވެ. ކުންފުނިތަކުން އެފްއޭއެމް މެދުވެރިކޮށް ކްލަބްތަކަށް ފައިސާދޭ ގޮތަށް ބަދަލުކުރުމެވެ. އަދި ކްލަބްތައް ހަރަދުތައް ކުރާ ގޮތާއި ރިޕޯޓްތައް ހުށަހެޅޭ ގޮތްތައް ގަވައިދުން ބެލުމެވެ.

"އަޅުގަނޑުމެން އަލުން ކްލަބްތަކަށް މާލީ އެހިތެރިކަން ފޮރުކޮށްދޭއިރު އެފްއޭއެމްގެ ދައުރު ބޮޑުކުރާނަން. ހުށަހަޅާ ރިޕޯޓްތައް އެފްއޭއެމް މެދުވެރިވެގެން ފޮނުވޭ ގޮތްތައް ހަދާނަން. އެފްއޭއެމް މެދުވެރިވެގެން ކްލަބްތައް އޮޑިޓްކުރެވޭނެ ގޮތް ވެސް ހަދާނަން. އެއީ މިދިޔަ ދެ އަހަރުން ދަސްވެގެންދިޔަ ކަމަކީ އެފްއޭއެމްގެ ދައުރު މީގެ ބޮޑުކުރަން ޖެހޭކަން،" ޓީވީއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

ގޯލްކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރި މެޗުގެ ތެރެއިން ރައީސް ސޯލިހު (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްލަބްތައް މާލީ ގޮތުންނާއި އިދާރީ ގޮތުން ހިންގުން ރަނގަޅު ކުރަން ޖެހޭ ކަމަށާއި މިކަން ކުރެވޭނީ މިހާރަށް ވުރެ ބޮޑަށް އެފްއޭއެމްއާ ކްލަބްތައް ގުޅިގެން ކުރިއަށް ގޮސްގެންނެވެ. އެފްއޭއެމުން ފުޓްބޯޅައިގެ ކަންކަމަށް ބަދަލެއް ގެންނައިރު އެންމެ ބޮޑަށް ލަފާ ހޯދާނީ ކްލަބްތަކުން ކަމަށް އެކި ފަހަރު މަތިން އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާ ގޮތަށް އެފްއޭއެމުން ނިންމިއިރު، މިއީ އެތަކެއް އަހަރުތަކެއް ވަންދެން ކުރެވެމުން އައި މަޝްވަރާއެކެވެ. ޖޫން މަހު ސީޒަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ. މެޖޯރިޓީ ކްލަބްތަކުގެ ތާއީދާ އެކު މި ނިންމި ނިންމުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކްލަބްތަކަށް ޕްރޮފެޝަނަލް އުސޫލުތަކެއް ގެނައުން ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ.

ރާއްޖެ އަށް މި އަހަރު އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދުމަށް ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އޭއެފްސީން އޮންނަނީ ދީފަ އެވެ. އެފްއޭއެމުން ބުނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުތައް ކްލަބްތަކަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އެންގުނު ކަމަށާއި އެކަމަކު ކްލަބްތަކުން ސިސްޓަމަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށެވެ. އެކަމަކު ބައެއް ކްލަބްތަކުން ބުނަނީ އަޕްލޯޑްކުރި ގިނަ ލިޔެކިޔުންތައް ވެސް އެފްއޭއެމުން އެޕްރޫވްކޮށްފައިނުވާ ކަމަށެވެ. އަދި ކްލަބްތަކުން ހުށަނޭޅި ލިޔެކިޔުންތަކުގެ ތެރޭގައި އެފްއޭއެމުން ލިބެން ޖެހޭ ލިޔެކިޔުންތައް ވެސް ހުރި ކަމަށް ކަމަށް ކްލަބްތަކުން ބުނެ އެވެ.

"އޭއެފްސީ ކަޕްގައި ބައިވެރިނުވެވި އަޅުގަނޑުމެން ކުރިއަށްދާން ޖެހުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް. އެކަމަކު މިހާރު މި އޮތްގޮތުން ގޯސްވެގެންދިޔަ ކަންތައްތައް ރަނގަޅުކުރަން އަޅުގަނޑުމެންނަށް ފުރުސަތު ލިބިއްޖެ. ކްލަބްތަކުގައި ހުރި ހުރިހާ މައްސަލަތަކެއް ރަނގަޅުކޮށްގެން އާ އޮނިގަނޑަކާ އެކު ކުރިއަށްދާން،" ބައްސާމް ވިދާޅުވި އެވެ.

ނިމިދިޔަ އަހަރު މާޒިޔާ ފިޔަވާ އެހެން ހުރިހާ ކްލަބްތަކަށް މުސާރަ ނުދެވުމުގެ މައްސަލަތައް ދިމާވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެފްއޭއެމުން މިހާރު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅުންތެރިންނަށް މުސާރަ ހޯދައިދޭން މުސާރައިގެ އޮނިގަނޑެއް އެކުލަވާލައިފަ އެވެ. އެކަން ވެސް ކުރީ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށާއި އޭގެ ސަަބަބުން ވަރަށް ގިނަ ކަންތައްތަކަށް ހައްލެއް ލިބޭނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ. އެކަމަކު މުސާރައިގެ އޮނިގަނޑުގައި ވެސް ފައިދާ ބޮޑީ ކްލަބްތަކަށް ކަމަށް ގިނަ ކުޅުންތެރިން ދެކެ އެވެ. އެކަމަކު އެހެން އެކަން ވިޔަ ނުދޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

މިދިޔަ އަހަރުގެ ނުލިބި އޮތް މުސާރަ ހޯދަން މިހާރު ގިނަ ކުޅުންތެރިންތަކެއް އެފްއޭއެމަށް މައްސަލަ ހުށަހަޅައިފައިވާކަން "މިހާރަ"ށް ވަނީ އެނގިފަ އެވެ. ނުލިބި އޮތް މުސާރަ ކުޅުންތެރިންނަށް ހޯދައިދިނުމަށް އެފްއޭއެމްގެ ޕްލޭޔާސް ސްޓެޓިއުޓް ކޮމިޓީން ގިނަ މަސައްކަތްތަކެއްކުރާނެ ކަމަށް މީގެ ކުރިން އެ އިދާރާއިން ވަނީ ބުނެފަ އެވެ.

"ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ޕެންޑްވެފައި (ނުދީ) އޮތް ކްލަބްތަކުން އާ ކޮންޓްރެކްޓެއް ހިފައިގެން ރަޖިސްޓްރީކުރަން އައިސްގެން އެކަން އެގޮތަށް ނުވާނެ. ކްލަބްތަކުން އެކަންކޮށްފައި މި ފަހަރު އާ ކޮންޓްރެކްޓްތައް ހިފައިގެން އަންނަންވީ. އަޅުގަނޑުމެން މިހާރު ކޮންމެ ކްލަބެއްގެ އަހަރީ ރިޕޯޓްތަކާ އެއްޗެހި މި އަށް ވުރެން ރަނގަޅަށް ބަލާނަން. ފުރިހަމަނުވެ އޮތް ކްލަބްތަކަށް ފުރުސަތެއް ނެތް،" ބައްސާމް ވިދާޅުވި އެވެ.

ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުން ފުޓްބޯޅަ އަށް ކުރާ ހަރަދުތަކަށް ވީނުވީ އެއް ނޭނގުމެވެ. އެކަމާ ހެދި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމްގެ ކޯޅުމެއް ވެސް ދާދި ފަހުން ވަނީ ފެނިގެން ގޮސްފަ އެވެ. އެފްއޭއެމުން ވަނީ އޮންނަ އުސޫލެއްގެ ތެރެއިން އެކަން ކުރެވޭނެ ކަމަށާއި އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ. އަދި އެފްއޭއެމުން މިހާރު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރާ އެއް ކަމަކީ ކްލަބްތައް ބާރުވެރިކުރުމުގެ މަސައްކަތެވެ. ކްލަބްތަކަކީ އަމިއްލަ ފައި މައްޗަށް ތެދުވެ ތިބި ޕްރޮފެޝަނަލް ބަޔަކަށް ހެދުމެވެ. ކުރިއަށް ވުރެ ބޮޑަށް އެފްއޭއެމްގެ ދައުރު ބޮޑުކޮށް އެކަން ކުރަން ޖެހެ އެވެ. މިކަމުގައި އެންމެ ޒިންމާ ބޮޑު ފަރާތަކީ އެފްއޭއެމްކަން އެ އިދާރާ އިން ގަބޫލުކުރުން މުހިއްމެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ