ޕާކިސްތާން ފުޓްބޯޅަ އަށް ކަކާ އާއި ފީގޯ އެހީވަނީ

ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ ޕޯޗުގަލްގެ ލުއިސް ފީގޯ އާއި ބްރެޒިލްގެ ކަކާ ޕާކިސްތާން ފުޓްބޯޅަ ޕްރޮމޯޓްކުރުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.


ކުޅިވަރު މާކެޓް ކުރާ އެޖެންސީއެއް ކަމަށްވާ ޓަޗްސްކައި ގްރޫޕާ ގުޅިގެން ޕާކިސްތާން ފުޓްބޯލް އެސޯސިއޭޝަނުން އިންތިޒާމްކުރި ހަފްލާ އަކަށް ކަކާ އާއި ފީގޯ މިހާރު ތިބީ ޕާކިސްތާނުގަ އެވެ. އިއްޔެ ޕާކިސްތާނުގެ ކަރާޗީގައި ފީގޯ އާއި ކަކާއާ އެކު ބޭއްވި ޓޯކްޝޯއެއްގައި އެ ދެ ތަރިން ވަނީ މުސްތަގުބަލުގައި ޕާކިސްތާން ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތައް ހިއްސާކޮށްފަ އެވެ.

"ޕާކިސްތާނުގައި ފުޓްބޯޅައިގެ ހުނަރު އެބައޮތް. މި ގައުމުގައި މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންގޮސްދޭން އަހަރެމެންނަށް ކުރެވޭނެ ހުރިހާ ކަމެއް ކުރާނަން." 2000 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ފީގޯ ބުންޏެވެ.

ކްރިކެޓަށް މަރުދޭ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައި ޕާކިސްތާން އޮތް ނަމަވެސް އެ ގައުމަކީ ފުޓްބޯޅައިގައި ވެސް ކުރިއެރުން ހޯދި ގައުމެކެވެ. އެ ގޮތުން 1970ގެ ތެރޭގައި ޕާކިސްތާން ވަނީ އޭޝިއާގެ ގަދަ 10 ޓީމު ތެރޭގައި ހިމެނިފަ އެވެ. ޕާކިސްތާން ފުޓްބޯޅަ އަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ސިޔާސީ ނުފޫޒުގެ ސަބަބުން އެ ގައުމަށް ފީފާގެ ސަސްޕެންޝަން އައުމެވެ. މިހާތަނަށް ދެ ފަހަރެއްގެ މަތިން ފީފާ އިން ވަނީ ޕާކިސްތާން ސަސްޕެންޑްކޮށްފަ އެވެ.

ކަކާ (ކ) އާއި ފީގޯ.

އެންމެ ފުރަތަމަ 1995 ވަނަ އަހަރު ފީފާ އިން ޕާކިސްތާން ސަސްޕެންޑްކުރިއިރު، ދެ ވަނަ ފަހަރަށް ފިޔަވަޅު އެޅީ 2017 ވަނަ އަހަރު އެވެ. އަލުން ޕާކިސްތާން ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ނުކުތީ މި އަހަރުގެ އޭޝިއަން ގޭމްސްގަ އެވެ. އަދި ފަހުން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށް 13 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގައި ކުޅުނެވެ. މި ވަގުތު ޕާކިސްތާން އޮތީ ފީފާގެ 199 ވަނައިގަ އެވެ.

"ޕާކިސްތާނުގައި ފުޓްބޯޅަ ދިރުވަން ގިނަ ބަޔަކު އަންނަނީ މަސައްކަތްކުރަމުން. އަހަރެމެން މި މަސައްކަތުގެ ތެރެއަށް ގެނައުމަކީ ވެސް މީގެ އަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް. އަހަންނަށް ވަރަށް އުއްމީދު އެބައޮތް މި މަސައްކަތާ މެދު،" 2007 ވަނަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކަކާ ބުންޏެވެ.

ކަކާ އާއި ފީގޯގެ މި ދަތުރު މި ހަރަކާތްތައް ފަށަން ހާއްސަކޮށްފައިވާއިރު، ދެން އޮތް ދަތުރު ހާއްސަކޮށްފައި އޮތީ އެކްސިބިޝަން މެޗުތަކާއި ކޯޗިން ކޭމްޕްތަކަށެވެ. އެ ކޭމްޕްތަކަށް ޔޫރަޕުގެ ނަން މަޝްހޫރު ޓްރެއިނަރުން ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކަންތައްތައް ރޭވިފައިވަނީ އަންނަ އޭޕްރީލް މަހު ފަހު ކޮޅުގަ އެވެ.

ޕާކިސްތާނުގެ އަމިއްލަ އެކެޑަމީ އަކުން ދާދި ފަހުން ވަނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ގުޅިފަ އެވެ. އެތުލެޓިކޯ އިން ވެސް އަންނަނީ ޕާކިސްތާނުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.