"އަތޮޅުތަކަށް ފުޓްބޯޅަ ފުޅާކުރުމުގެ ސްޕީޑް ހަލުވި ކުރަން ޖެހޭ"

އަތޮޅުތެރޭގައި ފުޓްބޯޅަ ކުރިއަރުވަން އެފްއޭއެމުން ވެފައިވާ ވައުދުތައް ފުއްދުމުގެ ސްޕީޑް ލަސް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަމުން އައި ނަމަވެސް، އެކަންކަމަށް އެކަށީގެންވާ ޕްލޭނެއް ހެދި މަސައްކަތްކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިންތިހާބީ އެއް ވައުދަކީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މުޅި ރާއްޖޭގެ ބައިވެރިވުން ބޭއްވުމެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕުގެ ޓީމުތަކަށް ފުރުސަތު ދިނެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުގެ ތެރެއިން ލާފައި ރަށްރަށުގެ ދަނޑުތަކުގެ ހާލަތު ރަނގަޅުކުރަން މަސައްކަތްކޮށްފައިވެ އެވެ.

އަތޮޅުތަކުގައި ފުޓްބޯޅަ ތަރައްގީކުރަން 15 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. އަދި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ގޮތުން ފީފާގެ އެހީގައި 18 ރަށެއްގައި ވިނަ ދަނޑު އަޅައި އަދި އަށް ޒޯނެއްގައި ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ.

ބައްސާމް "މިހާރަ"ށް ވިދާޅުވީ ވިނަދަނޑުގެ މަސައްކަތްތައް ފެށުން ލަސްވެފައިވަނީ ރަށްތަކުގެ ބިން އެފްއޭއެމާ ހަވާލުކުރުމުގައި ދިމާވެފައިވާ ލަސްތަކެއްގެ ސަބަބުން ކަމަށެވެ.

"ވިނަ ދަނޑުގެ މަސައްކަތްތަކަކީ ފީފާގެ ޕްރޮޖެކްޓެއްގެ ތެރެއިން ކުރިއަށްދާ ކަންތައްތަކެއް. އަޅުގަނޑުމެންނާ މަދުވެގެން 30 އަހަރަށް މި ބިންތައް ހަވާލުކޮށްގެން ނޫނީ މި މަސައްކަތްތައް ފެށެން ނެތް. ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން މިދަނީ މި ކަންތައްތައް އަވަސްކުރަން. ބިންތައް ލިބުނުހާ އަވަހަކަށް މަދުވެގެން ހަފްތާއެއްގެ ތެރޭގައި މަސައްކަތް ފެށޭނެ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން މިހާތަނަށް ވިނަދަނޑު އަޅަން އިއުލާންކުރި 16 ރަށަކީ ހދ ކުޅުދުއްފުށި، ހއ. މުރައިދޫ، ށ. މިލަންދޫ، ށ. ފޯކައިދޫ، ބ. އޭދަފުށި، ބ. ފެހެންދޫ، އއ. މާޅޮސް، އދ. ފެންފުށި، ދ. ކުޑަހުވަދޫ، ފ ނިލަންދޫ، ގދ. ތިނަދޫ، ގދ. ހޯނޑެއްދޫ، ތ. ތިމަރަފުށި، ހއ. ދިއްދޫ، ސ. ފޭދޫ، ސ. ހިތަދޫ، ޏ. ފޯއްމުލަށް އަދި ރ. އަލިފުށްޓެވެ.

ވިނަދަނޑުތައް އަޅާނެ 18 ރަށެއް ކަނޑައެޅުމުގައި އެންމެ ބޮޑަށް ބެލީ މިނިވަން ޗެމްޕިއަންޝިޕްގައި ނެރުނު ނަތީޖާތަކަށް ބެލުމަށް ފަހު އެވެ. ރަށްތައް ކަނޑައެޅުމުގައި ގެންގުޅުނު އުސޫލާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އޭގެ އަށް ބަދަލެއް ނާދެ އެވެ. އެފްއޭއެމުން ބުނީ ކުރިއަށް އޮތް ކޮންމެ އަހަރަކު ވެސް ވިނަދަނޑުތައް އެކި ރަށްތަކުގައި އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ދަނޑުތަކެއް އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ މުޅި ރާއްޖެ އަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅެވޭ ލީގެއް ބޭއްވުން ކަމަށް އެފްއޭއެމުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފުޓްބޯޅަ އަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މިއީ ރަނގަޅު ވިސްނުމެކެވެ.

އެފްއޭއެމުން ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ކުޅޭ މެޗު ދެ ލެގަށް ބަދަލުކޮށް އެއް މެޗު މާލޭގައި އަދި އަނެއް މެޗު ތިމަރަފުށީގައި ކުޅޭ ގޮތަށް އިއުލާނުކޮށްފަ އެވެ.

އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓެކްނިކަލް ޑިރެކްޓަރު ސާންތީ (ކ)، އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި ޖެނެރަލް ސެކްރެޓަރީ ޖަވާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ "އަތޮޅު ފުޓްބޯޅަ" ޕްރޮގްރާމްގެ ދަށުން އަށް ސަރަހައްދެއްގައި ހަދާ ޑިވެލޮޕްމަންޓް ސެންޓަރުތައް ތިން މަސް ދުވަހުގެ ތެރޭގައި ފެށުމަށް މިދިޔަ އޮކްޓޫބަރު މަހު އިއުލާނުކުރި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މުއްދަތުގެ ތެރޭގައި އެންމެ ބޭނުންވާ ގޮތަށް އެކަން އޮތީ ނުވެ އެވެ.

"އަތޮޅު ފުޓްބޯޅަ" ނަމުގައި ފަށާ މި ޕްރޮޖެކްޓާ އެކު، މާލެ އަށް ފުޓްބޯޅަ ބަރޯސާވެފައިވާވުން ކުޑަވެގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި ޔޫތު ޑިވެލޮޕްމަންޓާއި އިންޓަ ސްކޫލް މުބާރާތްތައް އެކު ސަރަހައްދުތަކަށް ބެހިގެން ދިއުމުން، މިހާރު ވެސް އެ ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިން ތަރައްގީކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އެ އިދާރާ އިން ގަބޫލުކުރެ އެވެ.

ޒޯން އޮފީސްތައް ގާއިމްކުރާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭފަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކުގަ އެވެ. ސ. ހިތަދޫގައި ކުރީއްސުރެ ކުރިއަށްގެންދާ ވައިޑީޕީ އާއި އެހެނިހެން ޑިވެލޮޕްމަންޓް މަސައްކަތް ވަކި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ޑިވެލޮޕްމަންޓް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރަން ފާއިތުވި ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެކި ރަށްތަކަށް ގޮސްފަ އެވެ. ސާންތީ "މިހާރަ"ށް ވިދާޅުވީ ވަރަށް އަވަހަށް އޭގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

"ބައްދަލުވުންތައް ދިޔައީ ރަނގަޅަށް. ސްކޫލުތައް ހުޅުވިގެންދިޔައީމަ މީގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ދާދި ފަހުން ވަނީ އެ އިދާރާ މިހާރު ދަނީ ފެޑެރޭޝަނަކަށް ވުމުގެ މަސައްކަތުގައި ކުރިއަށް ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން އައްޑޫ އާއި ކުޅުދުއްފުށީގެ އިތުރުން މެދުރާއްޖެތެރޭގައި އެސޯސިއޭޝަނެއް ގާއިމްކޮށް އޮފީހެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި ދެން އޮންނަ އެފްއޭއެމް އިންތިހާބެއްގައި އެ ތިން އެސޯސިއޭޝަނުން ކޮންމެ ތަނަކަށް ތިން ވޯޓު ލުމުގެ އިހުތިޔާރު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ފުޓްބޯޅަ ފޯމެޓަށް ބަދަލުތަކެއް ގެންނާނެ ކަމަށް އެފްއޭއެމުން ވަނީ އިއުލާނުކޮށްފަ އެވެ. ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައިވާއިރު، އަތޮޅު ފުޓްބޯޅައިގެ މުބާރާތްތަކާ މެދު ވާނެ ގޮތެއް އެންމެ އަވަހަށް އިއުލާނުކުރުމަކީ އަތޮޅުތަކުގެ ޓީމުތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

"އަތޮޅުތަކުގެ ފުޓްބޯޅަ އަށް ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އެފްއޭއެމުން ބުނޭ. އެކަމަކު އަދި އެ ކަންތައް ނުވެ އޮތްތަން ފެންނަނީ. ދެން އަނެއްކަމަކަށް އަހަރުން އަހަރަށް ފުޓްބޯޅައިގެ ފޯމެޓަށް ބަދަލުގެންނައިރު މީގެ އަތޮޅުތަކުގެ ޓީމުތަކަށް އެންމެ ފަހުން މީގެ މައުލޫމާތު ލިބެނީ. ހަގީގަތުގައި މި ހުރިހާ ކަމެއް ވީ އެންމެ އަވަހަށް އެނގުން މުހިއްމު. އެއީ ފޯމެޓަށް ވާގޮތެއްނޭނގި ކަންތައްތައް ރާވައިގެން ކުރިއަށްދާން އުނދަގޫވާނެ." މިނިވަން ޗެމްޕިއަންޝިޕްގައި ގަވައިދުން ބައިވެރިވަމުން އަންނަ ޓީމެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.

ދިވެހި ފުޓްބޯޅަ އެހެން ލެވެލެކަށް ގެންދެވޭނީ މުޅި ރާއްޖެ އަށް މި ކުޅިވަރު ފުޅާކޮށްގެން ކަމާއި އެކަން ވާން އޮތީ ވަސީލަތްތަކާއި އިދާރީ ހިންގުން ވެސް މުޅި ރާއްޖެ ޝާމިލްވާ ގޮތަކަށް ކުރިއަށް ގެންދެވިގެން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. އެކަމަށް އެފްއޭއެމުން ހަދާފައިވާ ޕްލޭނުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރަން ޖެހޭ ކަމަށް ވެސް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.