ކޮޅުފައިން ޖަހައި ނިއު ރޭޑިއަންޓް ވައްޓާލުން: ޒާތީ ކަމެއް؟!

ދިވެހި ކުޅިވަރުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރަން އިއްޔެ އެފްއޭއެމުން ނިންމުމަކީ ދިވެހި ފުޓްބޯޅައިގެ 68 އަހަރުވީ ތާރީހުގައި ވެސް ކްލަބަކާ ދެކޮޅަށް އެޅި އެންމެ ބޮޑު އެއް ފިޔަވަޅެވެ. ހަމަ ކުއްލިއަކަށް، އެއް ދުވަހެއްގެ މެންދުރުފަހު އެފްއޭއެމުން މި ފިޔަވަޅު އެޅީ ނިއު އިން ކުޅުންތެރިންނަށް މުސާރަ ނުދީ އޮތީމަ ކަމަށް ބުނެ އެވެ. އެކަމަކު ނިއު އިން ބުނަނީ މި ފިޔަވަޅުގެ ފަހަތުގައި އޮތީ ޒާތީ ސަބަބެއް ކަމަށެވެ. އެކަމަށް ބާރު ލިބޭ ކަންކަން ދިމާލަށް ފެންނަން އެބަހުއްޓެވެ.


ފުރަތަމަ ސަބަބަކީ މި ނިންމުން މި ނިންމީ، އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިއު އިސްވެ އޮވެ މަސައްކަތްކުރަމުން އަންނަކަން އެނގުމާ އެކު ކަމަށް ވުމެވެ.

ކުޅުންތެރިންނަށް މުސާރަ ނުދީގެން ކްލަބްތައް ސަސްޕެންޑްކުރާ ނަމަ މާޒިޔާ ފިޔަވައި، ގާތްގަނޑަކަށް އެހެން ހުރިހާ ކްލަބެއް އޮންނާނީ ސަސްޕެންޑްކުރަން ޖެހިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި އެހެން ހުރިހާ ކްލަބަކުން ވެސް މުސާރަ ނުދިނުމުގެ މައްސަލަ، ހުށަހެޅި އޭގެ ތެރޭގައި ނިއު އަށް ވުރެ އެ މައްސަލައިގައި ގިނަ ދުވަސްވީ، އަދި ގިނަ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހުރި ކްލަބްތައް ވެސް ހިމެނޭ ކަމަށް އެފްއޭއެމްގެ ޕްލެޔާ ސްޓޭޓަސް ކޮމިޓީގެ މެމްބަރުންނަށް ހަވާލާދީ ނިއު އިން ބުނެ އެވެ.

ނިއު އިން ބުނީ މި މަހުގެ 23 ވަނަ ދުވަހު އެ ކޮމިޓީއަށް އެ ކްލަބް ހާޒިރުކުރަން ކޮމިޓީން އެދުނީ ކުޅުންތެރިންގެ މުސާރަ ނިންމުމަށް ކްލަބުން ޕްލޭންކޮށްފައިވާ ގޮތާއި، އަދި އޭގެ ތަފްސީލް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެފްއޭއެމަށް ލިޔުމަކުން އެންގުމަށް ކަމަށެވެ. އަދި ކުޅުންތެރިންނަށް ނުދެވިވާ މުސާރަ ދިނުމަށް ނިއު އިން ކުރަމުންދާ މަސައްކަތް ކޮމިޓީއާ އެ ދުވަހުގެ ބައްދަލުވުމުގައި ހިއްސާކުރުމުން ކޮމިޓީން އެކަމަށް ތައުރީފްކުރި ކަމަށް ބުނެ އެވެ.

އެހެން އެކަން އޮއްވާ، އަދި 2016 ވަނަ އަހަރުން ފެށިގެން އެ ކްލަބަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުދީ އޮވެ، އެއްވެސް އިންޒާރު ދިނުމެއް ނެތި ނިންމި ހަރުކަށި، ތާކުންތާކު ނުޖެހޭ ނިންމުން ބަލައިނުގަންނާނެ ކަމަށް ނިއު އިން ބުނެ އެވެ.

މުސާރައިގެ މައްސަލަ ދިމާނުވަނީ މަދު ކްލަބެއްގައި!

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ހިންގެވި ކްލަބް ވެލެންސިއާ އިން ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން އެ މައްސަލަ ފީފާ އިން ބަލައި މުސާރަ ދޭން އެންގުމުން ވެސް ނުދީގެން ޖޫރިމަނާ ވެސް އެރި އެވެ. ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން ރާއްޖޭގެ ބައެއް ކްލަބްތައް ސަސްޕެންޑްކުރަން ފީފަ އިން ދިމާކޮށްފި ނަމަ، ގުނައި އަދަދު ނުކުރެވޭ ވަރަށް ސަސްޕެންޑްކުރެވިދާނެ އެވެ. އެހާ ވެސް މައްސަލަ ގިނަ އެވެ. މުސާރައިގައި ރާއްޖެގެ ކްލަބްތަކުން އިހުމާލުވާ މައްސަލައިގައި ރާއްޖެ އަށް ކުޅުންތެރިން ފޮނުވަން ބައެއް އޭޖެންޓުން ފަސް ޖެހެ އެވެ.

މިދިޔަ ސީޒަނުގައި ވިކްޓްރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތީވެ ޕްރެކްޓިސް ނުކުރެވި އެތައް ދުވަހެއް ދިޔަ އެވެ. ކުޅުންތެރިން ހަމަނުވެގެން ދެ މެޗު ދޫކޮށްލަން ޖެހުނެވެ. އަދި އެ ކްލަބަށް މާލީ މައްސަލަތައް ދިމާވީ، ސަރުކާރުން ދޭން ޖެހޭ ފައިސާ ލިބިފައި ވަނިކޮށް ކަމަށާއި އެހެންވެ މިއީ މިސް މެނޭޖްމަންޓުގެ މައްސަލައެއް ކަމަށް ސީދާ ބައްސާމް ވަނީ ވިދާޅުވެފަ އެވެ. އެ ކްލަބާ މެދު ފިޔަވަޅެއް އެޅިކަން އެނގިފައެއް ނުވެ އެވެ. ޔަގީނުން ވެސް މީޑިއާގައި އާއްމުކޮށްފައެއް ނުވެ އެވެ.

ވިކްޓްރީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އެ ކްލަބުގެ ކުޅުންތެރިން މިދިޔަ ސީޒަނުގައި ދެ މެޗަކަށް ހާޒިރުނުވެ ދިޔަ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަމާންވީ ކްލަބްތައް ހާލުގައި ޖެހުމުން އެހީވުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ސަރުކާރުންނާއި އެސޯސިއޭޝަންތަކުން ކުރާ ކަމެކެވެ. ބޭނުމަކީ އެ ގައުމެއްގެ ފުޓްބޯޅައިގެ މަރުކާތައް އުވި ނުދިއުމެވެ. މާލީ މައްސަލަތައް ދިމާވެ ކްލަބްތައް އަޑިއަޅާލުމުން، އަދަބެއްގެ ގޮތުގައި އެހެން ގައުމުތަކުގައި ފެންނަނީ ޕޮއިންޓް އުނިކުރާތަނެވެ. ނުވަތަ ރެލިގޭޓްކޮށްލަނީ އެވެ. ވާދަކުރުމުގެ ފުރުސަތު ދެ އެވެ. ސަސްޕެންޑްކުރުމުން، އެ ކްލަބެއް ހިންދެމިލެވޭނެ ގޮތެއް ނުވާނެތީ އެވެ.

ނިއު އަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި މިއަދު ވެސް ގަލޮޅު ދަނޑަށް އެންމެ ގިނަ ސަޕޯޓަރުން ވައްދާ ކްލަބެވެ. ކްލަބްތަކަށް އެހީވުމަކީ އެފްއޭއެމްގެ ވެސް ވިސްނުމެއް ކަމަށް ބެލެވިދާނެ އެވެ. އެއީ ވިކްޓްރީ ހާލުގައި ޖެހުމުން މިދިޔަ ސީޒަނުގައި ލޯނެއް ދީފައިވާތީ އެވެ. އެކަމަކު ނިއުއާ ޖެހުމުން ފެނުނީ އެހެން މަންޒަރެކެވެ. އެހެން ކްލަބްތަކާ މެދު ފިޔަވަޅެއް ނޭޅިތާ، އެހީ ވެސް ވި އެވެ.

ވަކި ކްލަބަކަށް ވަކި ގޮތެއް؟

މިދިޔަ އަހަރު ވެސް ވަކި ކްލަބަކަށް ވަކި ގޮތެއް ހެދި ފަދަ މަންޒަރުތަކެއް ފެނުނެވެ. ވަރަށް ގިނަ ކުޅުންތެރިން މުސާރަ ނުދޭތީ އެ މައްސަލަ އެފްއޭއެމްފައި ޖައްސާފައިވެ އެވެ. އެކަމަކު ނިއުއާ ދެކޮޅަށް ހުށަހެޅި މައްސަލަ ވަރަށް އަވަހަށް ނިންމައިދިނެވެ. އެހެން މައްސަލައެއްގައި ފިޔަވަޅެއް އެޅިކަން އެނގިފައެއް ނުވެ އެވެ. އަދި 2015 ވަނަ އަހަރުގެ ލީގުގެ ޗެމްޕިއަން ޓީމަށް އެއް މިލިއަން ރުފިޔާ ދޭން ބުނުމަށް ފަހު، ނިއު އަށް ތަށި ލިބުމުން، އެއް މިލިއަން ރުފިޔާ އަކީ މުޅި މުބާރާތުގެ އިނާމް ފައިސާ ކަމަށް އެފްއޭއެމުން ބަދަލުކުރި ކަމަށް އެ ކްލަބުގެ ސީނިއާ އޮފިޝަލުން އޭރު ބުންޏެވެ. އަދި ކުޅުންތެރިޔަކަށް މުސާރަ ނުދީއޮތް ކަމަށް ބުނެ އެ އަހަރުގެ އިނާމް ފައިސާ އެފްއޭއެމުން ހިފެހެއްޓުމުން، 2016 ވަނަ އަހަރުގެ ސީޒަނުގައި ނިއުގެ ތައްޔާރީތަކަށް ހުރަސް އެޅުނެވެ. މުސާރަ ނުދޭތީ ކަމަށް ބުނެ ފައިސާ ހިފެހެއްޓުމުން ކްލަބް އިތުރަށް އަޑި އަޅާލީ އެވެ.

ރާއްޖޭގެ ކްލަބްތައް ހިންގުމުގައި ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. ލިބޭ ފައިސާގެ ބޭނުން ވެސް ރަނގަޅަށް ނުކުރެވެ އެވެ. މުސާރަ ނުދެވޭ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އެއީ އެފްއޭއެމުން ބަލައި ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމެކެވެ. ކުޅުންތެރިންގެ ހައްގުތައް ވެސް ހިމާޔަތްކުރަން ޖެހޭނެ އެވެ. އެކަމަކު އެ ގޮތަށް ފިޔަވަޅު އެޅުމަކީ، އެފްއޭއެމާ ދެކޮޅަށް މަސައްކަތްކުރާ ކްލަބްތަކަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރަކަށް އެކަން ހަދައިފި ނަމަ، އެއީ ގޯހެކެވެ. އަދަބު ދޭން ޖެހޭނީ ވެސް އުސޫލުތަކެއްގެ ތެރެއިން، ތަހުގީގުކުރެވި އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ ވެސް އިހުމާލެއް އޮވެ، ރާއްޖޭގެ ކްލަބްތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ވަނީ ފުރުސަތު ގެއްލިފަ އެވެ. ކްލަބްތަކަށް ޕްރެކްޓިސްކުރާނެ އެކަށީގެންވާ ވަސީލަތެއް ހޯދައިނުދެވެ އެވެ. ފުޓްބޯޅަ ލީގު ސިސްޓަމް ވެސް އަހަރުން އަހަރަށް ބަދަލުވެ އެވެ. އެއްވެސް އަމާޒެއް ނެތެވެ. ސީޒަން ފަށާއިރު ހަތަރު މުބާރާތް ޕްލޭންކޮށްފައި އޮތަސް ނިމޭއިރު އޮންނަނީ ދެ މުބާރާތެވެ. ފުޓްބޯޅަ މާކެޓެއް ނުކުރެވެ އެވެ. ދަނޑަށް މީހުން ނުވެއްދެ އެވެ. ގާތްގަނޑަކަށް ހުރިހާ ކްލަބެއް އޮތީ މާލީ އަނދަވަޅެއްގަ އެވެ.

މި އަހަރުގެ ސީޒަން ޖުލައި މަހު ފަށަން ނިންމީ ވެސް އެކަންކަން ހައްލުކޮށް އާ ފެށުމަކުން ފަށަން ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި ކްލަބްތަކާއި ކުޅުންތެރިންނާއި ގައުމީ ޓީމާއި ޖުމްލަކޮށް ދިވެހި ފުޓްބޯޅައަށް ފައިދާވާ ފަދަ ގޮތަކަށް ފުޓްބޯޅަ ކަލަންޑަރު އެކުލަވާލައި އެކަން މިދިޔަ އަހަރު އާއްމުކުރި އެވެ. އެކަމަކު މާލީ ފުން ވަޅުގަނޑުން ކްލަބެއް އަރަން މަސައްކަތްކުރަނިކޮށް ކޮޅުފައިން ޖަހައި އެއަށް ވުރެ ފުނަށް ވައްޓާލުމަކީ، އެފްއޭއެމުން ދައްކާ ވާހަކައާ އަމަލާ ދިމާނުވުން އެކަންޏެއް ވެސް ނޫނެވެ. އެއީ ފުޓްބޯޅައިގެ ތެރޭގައި ޕްރޮފެޝަނަލް ކަމެއް ނެތް ކަމަށާއި އޮތީ ޒާތީ ހަސަދައިގެ ހަނގުރާމައެއްކަން ދައްކުވައިދޭ ކަމެކެވެ. ސިޔާސީ މައިދާނުގައި ސިޔާސީ މީހުން ބޭނުންކުރާ އުކުޅުތައް، ފުޓްބޯޅައިގެ ތެރޭގައި ބޭނުންކުރުމަކީ، ދިވެހި ފުޓްބޯޅައިގެ އަގު އިތުރަށް ވައްޓާލުން ނޫން ހެއްޔެވެ؟