ތިން މެޗަށް ގައުމީ ޓީމު ހޮނިހިރު ދުވަހު ތައްޔާރުވާން ފަށަނީ

ގައުމީ ފުޓްބޯޅަ ޓީމު ކުޅެން ރާވާފައިވާ ތިން މެޗަށް ތައްޔާރުވާން އަންނަ ހޮނިހިރު ދުވަހު ޕްރެކްޓިސް ފަށަން ނިންމައިފި އެވެ.


އެފްއޭއެމުން ބުނީ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ ބެލުމުގެ ދަށުން ގައުމީ ޓީމު ފުރަތަމަ ފަހަރަށް އެކުލަވާލުމަށް އެ ދުވަހު ސްކޮޑް ވެސް އިއުލާންކުރާނެ ކަމަށެވެ. ގައުމީ ކޯޗު ނިންމާފައިވަނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ކުޅޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ ހަތަރު މެޗަށް ފަހު ސްކޮޑް ފައިނަލް ކުރާށެވެ.

ހޮނިހިރު ދުވަހު ޕްރެކްޓިސް ފެށުމަށް ފަހު ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާ ދެކޮޅަށެވެ. ދައްކާލުމުގެ މެޗެއްގެ ގޮތުގައި ކުޅޭ، މި މެޗުގައި ގައުމީ ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ފަހަރު ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ކުޅުންތެރިން ކުޅޭނީ އެ ޓީމަށެވެ.

ގައުމީ ޓީމުގެ ރަސްމީ ފުރަތަމަ މެޗަކަށް ވާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. މިއީ ފީފާ ލިސްޓެޑް، ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެކެވެ. މި މެޗަށް ފަހު އަންނަ މަހުގެ 7 ވަނަ ދުވަހު ނުކުންނާނީ، އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ލާއޯސްއާ ދެކޮޅަށެވެ.

އެފްއޭއެމުން ބުނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ޕްރެކްޓިސް ވެސް އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އެ މެޗުގައި އެ ޓީމަށް އިރުޝާދު ދޭން އޭރުގެ ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އާދީއްތަ ދުވަހު ރާއްޖެ އަންނާނެ އެވެ. މީގެ އިތުރުން އެ މެޗުގައި، އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ފަބިއަން އަޔާލާ ވެސް ކުޅޭނެ އެވެ.