ޖޫނިއާ އެތުލެޓިކްސް މުބާރާތް ފުވައްމުލަކުގައި

ރާއްޖޭގެ ގައުމީ ޖޫނިއާ އެތުލެޓިކްސް މުބާރާތް ކަމަށްވާ މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ މާޗު 24 އިން 28 އަށް ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި އެސޯސިއޭޝަނުގެ ހުރިހާ މެމްބަރު ކްލަބްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފަހު ދުވަހަކީ މިމަހުގެ 14 އެވެ.

އެސޯސިއޭޝަނުން 2007 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތް ފުރަތަމަ އަހަރު ފަހުން އަބަދުވެސް ބާއްވަމުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ. އެގޮތުން މީގެ ކުރިން ގދ. ތިނަދޫ އާއި އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ވަނީ ބާއްވައިފަ އެވެ.

މި މުބާރާތުގައި އަށް އުމުރުފުރާއަކުން 102 އިވެންޓް ބާއްވާނެ އެވެ. އުމުރުފުރާތަކަކީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. ކޮންމެ އުމުފުރުއާއެއްގައި ވެސް ދެ ޖިންސު ވަކިން އިވެންޓްތައް އޮންނާނެ އެވެ.

ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ހަރަދުތައް ކުރަން ޖެހޭނީ އަމިއްލަ އަށެވެ.

ކުޅުދުއްފުށީގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ޓީމަކީ ރައުހަތު ސްޕޯޓްސް އެވެ. އަންހެން ބައި ކާމިޔާބުކުރީ ކްލަބް ރައިވެރިޔާ އެވެ. އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ރައުހަތުގެ ސުޒެއިން މުހައްމަދު ހޯދިއިރު އަންހެން އެއް ވަނަ ހޯދީ ރައިވެރިޔާގެ އައިޝަތު ހިމްނާ ހުސެއިނެވެ.