ލަބާން ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިހަށް

އަންނަ މާޗް މަހު އޮންނަ އޭއެފްސީގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅޭ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ކްލަބް ގްރީން ސްޓްރީޓްސްގެ ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ބައިވެރިވާން ފަށައިފި އެވެ.


މިއީ ސިޔާސީ މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިންކަމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރުމަށް ފަހު އެނބުރި އައިސް ލަބާން ގައުމީ ޖާޒީ ލާ ފުރަތަމަ ފަހަރެވެ. ޕެރޯލްގެ ދަށުން މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު މިނިވަންވި ހިސާބުން ލަބާން ވަނީ ގްރީންސްޓްރީޓްސްއާ ގުޅި މޮޅަށް ކުޅެން ފަށައިފަ އެވެ.

ގައުމީ ސީނިއާ ޓީމު މިދިޔަ ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ދިޔައިރު ސާފްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގޯލުކީޕަރު މުހައްމަދު ފައިސަލް އަނިޔާގައި ހުރުމުން އިތުރު ކީޕަރެއްގެ ގޮތުގައި ލަބާން ގެންދަން ގައުމީ ކޯޗު ޕީޓަ ސެގާޓް ބޭނުންވި އެވެ. އެކަމަކު ޕެރޯލްގެ މުއްދަތު ހަމަނުވާތީ އެ މެޗަށް ލަބާނަށް ދެވޭ ގޮތެއްނުވި އެވެ.

ލަބާނަށް 23 އަހަރު ފުރިފައިވާތީ މުބާރާތަށް އޭނާ ގެންދަނީ 23 އަހަރުން މަތީގެ ތިން ކުޅުންތެރިންނަށް ދޭ ޖާގައިގެ ތެރެއިންނެވެ.

ސެގާޓްގެ އިރުޝާދުގެ ދަށުން މިހާރު ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްދާއިރު، ލަބާންގެ އިތުރުން ސީނިއާ އެހެން ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ. އަދި ޒުވާން ގިނަ ކުޅުންތެރިންނަށް އަންނަނީ ފުރުސަތު ދެމުންނެވެ. ޒުވާން ޓީމުގެ ފަރިތަކުރުންތައް އެންމެ ރަނގަޅަށް ފަށާނީ މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނިމުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ.

ލަބާން ވަނީ ނޭޕާލުގައި 2011 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ. ސަތާރަ އަހަރަށް ފަހު ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރިއިރު، އޭނާގެ މަގާމަށް އަންނާނެ ކީޕަރެއްގެ ގޮތުގައި ގިނަ ބަޔަކު ލަބާން ފާހަގަކުރި އެވެ.

އިންޓަ ސްކޫލް މުބާރާތުން ވިދާލި ލަބާނަށް 2012 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައި ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުން ޖާގަ ލިބުނެވެ. އޭނާ ހައްޔަކުރީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަހަރެއްގަ އެވެ.

އަންނަ މާޗް މަހު ސައުދީ އަރަބިއާގައި ބާއްވާ އޭއެފްސީ މުބާރާތުގެ ކޮލިފައިން ބުރުގައި ރާއްޖެ އާއި ސައުދީގެ އިތުރުން ދެން އޮތީ ޔޫއޭއީ އާއި ލުބްނާނެވެ.

މިއީ މެދުކެނޑުމަކަށް ފަހު ޒުވާން ޓީމު ވާދަކުރާ ފުރަތަމަ މުބާރާތެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސްގައި ރާއްޖެ ވާދައެއްނުކުރެ އެވެ. އެކަމަކު މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ޒުވާން ގައުމީ ޓީމު ކުޅޭނެ އެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.