ނިއު އާއި ހަމްޕުގެ އެއްބަސްވުން އެފްއޭއެމުން އުވާލައިފި

ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިއާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނިއު ރޭޑިއަންޓާ ދެމެދު ހަދާފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން މިއަދު އުވާލައިފި އެވެ.


ހަމްޕު އަކީ މުސާރަ ނުލިބޭތީ އެފްއޭއެމަށް މައްސަލަ ހުށަހެޅި ކުޅުންތެރިއެކެވެ. ކޮންޓްރެކްޓް އުވާލާފައިވާކަން އޭނާ އަށް މިއަދު ވަނީ ލިޔުމަކުން އަންގައިފަ އެވެ. އެނގިފައިވާ ގޮތުގައި ބ. އޭދަފުށްޓައް އުފަން ހަމްޕު ހޯދަން ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ހަމްޕުގެ ކޮންޓްރެކްޓް އުވާލިއިރު، އެފްއޭއެމުން މިދިޔަ މަހު 23 ވަނަ ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެފްއޭއެމުން ވަނީ ނިއު އިން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމާ އެކު އެ ޓީމަށް ދީފައިވާ ސަސްޕެންޝަން ނަގާނެ ކަމަށް ބުނެފަ އެވެ.

ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.

ނިއުގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު މިދިޔަ ފަސް ވަރަކަށް އަހަރު ވެފައިވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށެވެ. ނިއު އިން މިދިޔަ އަހަރުތަކުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ހަމްޕުގެ ދައުރު ބޮޑެވެ. އެ ޓީމާ ހަވާލުވި ހުރިހާ ކޯޗުން ވެސް ވަނީ ހަމްޕުގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.

ކޮންމެ މަގާމެއްގައި ކުޅުވިޔަސް ނިއުގައި މިދިޔަ އަހަރުތަކުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ހަމްޕު އެވެ. އޭނާ ވަނީ ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.

ނިއުއާ އެކު ފަސް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ހުރި ހަމްޕު ފާއިތުވި އަހަރުތަކުގައި ވެސް މުސާރައިގެ މައްސަލަ ޖެހިގެން އެ ކްލަބް ދޫކޮށްލަން ބޭނުންވި އެވެ. އެކަމަކު އޭރު އެކި ސަބަބުތަކާ ހުރެ އޭނާ އަށް ކްލަބުގައި މަޑުކުރަން ޖެހުނީ އެވެ.

މިއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ނިއުގެ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އުވާލި ދެ ވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު ތެރޭގައި ނިއުގެ އޭރުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ކޮންޓްރެކްޓް ވެސް އުވާލީ އެއްބަސްވުމުގައިވާ ގޮތަށް މުސާރަ ނުދޭތީ އެވެ. އޭގެ ފަހުން ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ވަނީ މުސާރަ ނުދޭތީ ކްލަބްގެ މައްސަލަ އެފްއޭއެމަށް ހުށަހަޅައިފަ އެވެ. އަދި ސީޒަނުގެ ފަހު މެޗުތަކުގައި އިމްރާން ނުކުޅެ އެވެ.

ނިއު އަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން، މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕުގައި އެ ޓީމަށް ނުކުޅެވުނެވެ. މަހެއްހާ ދުވަސް ވަންދެން ނިއުގެ ޕްރެކްޓިސްތައް ވެސް ކުރިއަށް ގެންދިޔަ އެވެ. ނިއުގެ ޒުވާން ކުޅުންތެރިން މުބާރާތުގައި ކުޅެނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.