ޓީސީގެ ކޯޗަކަށް އާތީ ހަމަޖައްސައިފި

މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް މި ވަގުތު ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރި މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.


ޓީސީގެ އޮފިޝަލަކު "މިހާރަ"ށް ބުނީ އާތީ ރަސްމީކޮށް ޓީމާ ހަވާލުވާނީ އަންނަ މަހު އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ފަހު ކަމަށެވެ. އަދި ކްލަބުން ޓީމު ވަރުގަދަކުރާއިރު، މިހާރު ގެނެސްފައިވާ ކުޅުންތެރިންނާއި ދެން ގެންނަ ކުޅުންތެރިން ގެންނަނީ އާތީގެ މަޝްވަރާ އަށް ފަހު ކަމަށެވެ.

ގައުމީ ފިރިހެން ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ އާތީ އެންމެ ފަހުން ކޯޗުކޮށްދިން ކްލަބަކީ ޔުނައިޓެޑް ވިކްޓަރީ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަތަރަކުން ފުރުސަތު ހޯދައި ދީފަ އެވެ. އަދި އެ ފަހަރުގެ އެފްއޭ ކަޕުގައި އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ ކަޓުވާލުމަށް ފަހު ސެމީ ފައިނަލުގައި ވެސް ވާދަކުރި އެވެ. އެކަމަކު ޖެހިގެން އައި އަހަރު އޭނާ ވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިވެ، ގައުމީ އަންހެން ޓީމާ ހަވާލުވެފަ އެވެ.

އާތީގެ އިރުޝާދުގެ ދަށުން ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި މުބާރާތުގެ ތިން ވަނަ ވެސް ހޯދި އެވެ.

ޓީސީން އާ ކޯޗެއް ހޯދަން ޖެހުނީ 2014 އަހަރުން ފެށިގެން އެ ޓީމަށް އިރުޝާދުދެމުން އައި މުހައްމަދު ނިޒާމް (ނިޒާމްބެ) އެ ޓީމާ ވަކިވުމުންނެވެ. ޓީސީ ދޫކޮށްލުމަށް ފަހު ނިޒާމްބެ ބުނީ ކްލަބާ އޭނާއާ ދެމެދު ދިޔަ މަޝްވަރާތަކަށް ފަހު އެއްބަސްވުމަކަށް ނާދެވުމުން ވަކިވާން ނިންމީ ކަމަށެވެ. ނިޒާމްބެ ވަނީ ޓީސީ އަށް ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕް ހޯދުމުގެ އިތުރުން މިދިޔަ އަހަރު އެ ޓީމަށް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޓީސީން ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އަބްދުލް ވާހިދު (ވާޑު) އަދި އާދަމް އިޝާމް (ސަން)ގެ ސޮއި ހޯދައިފަ އެވެ. އަދި ޓީސީގެ މުހިއްމު ގިނަ ކުޅުންތެރިން ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އޭގެ ތެރޭގައި އިޝާން އިބްރާހިމް (ސައްޓު) އާއި މުހައްމަދު އައްޒާމްގެ އިތުރުން މުހައްމަދު އަޖުފާން އާއި އަހުމަދު ފައްރާހު (ފައްރަ) ހިމެނެ އެވެ.

މިދިޔަ އަހަރުގެ ފަހު ބައިގައި ޓީސީން ފެނުނު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މި އަހަރު ޓީސީން ނުފެންނާނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ. އެކަމަކު އަންނަ އަހަރު އެ ޓީމުން އޭއެފްސީ ކަޕްގައި ވާދަކުރާއިރު ދަގަނޑޭ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކްލަބުން ބުނެ އެވެ.